ޤާނޫނު އަސާސީއާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ހަސަބާއި ނަސަބަށް އަދި މީހެއްގެ ސިޔާސީ ފިކުރަށް ނުބަލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ޝާމިލް ވާއިރު، އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކުދިން ޝާމިލުވެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޤާނޫނުގެ ވެރިކަން މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާކަމަށެވެ.
"އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.
ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަނީ، މި މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގައި ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ.
އަދި އޭނާ ދިރިއުޅޭ ގޭގައި އެފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމުން، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން އެދިފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
މި ހާދިސާއާ ގުޅިގެން ރޭ ގިނަ އަދަދެއްގެ ޒުވާނުން ވަނީ، އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ސަރަހައްދަށް އެއްވެ އަޑު އުފުލާފައެވެ.
އެއާއެކު، ޕާޓީކުރިކަމަށް ތުހުމަތުވެ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވު ދާއޫދު އަހުމަދު ސަސްޕެންޑު ކޮށް، މި މައްސަލައިގައި ޝާމިލްވާ ކަމުގެ ތުހުމަތު ކުރެވޭ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ. ހާދިސާ ހިނގި ގޭގައި، ޔުމްނުއާއި ރައުދު ހަރަކާތްތެރިވާ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވެސް ފުލުހުން ވަނީ ލައިވް ޓީވީގައި އާންމުކޮށްފައެވެ. އެއީ، އާންމުކޮށް ފުލުހުން ކޮށް އުޅޭ ކަމެއް ނޫނެވެ.
ޝުޖާއު ވިދާޅުވީ، އެ ފަދައިން އަމަލުކުރަނީ ގިނަ ބަޔަކު ހާދިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދާތީ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި ރައުދުއާއި ޔުމްނުގެ އިތުރުން މި ހާދިސާ ހިނގި ރޭގެ 'ޕާޓީ'އަށް ދިޔަ މީހުންނަކީ:
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަރީސް އަލީ
- އިޖާޒް ޖާއިޒް