މަޑުލު ވަހީދުގެ ޚިދުމަތް ދުވަހަކު ވެސް ފަނޑެއް ނުވާނެ: އަބްދުއްރަހީމް

މަރްޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ލިޔުއްވުން -- ފޮޓޯ/ ދިވެހިބަހުގެ އެކަޑަމީ

ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު, މަޑުލު މުހައްމަދު ވަހީދުގެ ޚިދުމަތަށް ދުވަހަކު ވެސް ފަނޑުކަމެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެނާ މިފަދައިން ވިދާޅުވެފައި ވަނީ މަޑުލު ވަޙީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ލިޔުއްވާފައިވާ ލިޔުއްވުމުގައެވެ.

ތައުޒިޔާގެ ދަފުތަރުގައި އަބްދުއްރަހީމް ލިޔުއްވާފައި ވަނީ މަޑުލު ވަހީދަކީ ފުރިހަމަ ދިވެއްސެއް ކަމަށާއި އޭނާގެ ކޮންމެ ސިފަކުރުމަކުން ވެސް އެކަން ސާބިތުކޮށްދީފައި ވާކަމަށެވެ. އޭނާއަކީ ކުޅަދާނަ ބަސްމޮށުންތެރިއެއް ކަމަށާއި މޮޅު ވާހަކަ ލިޔުންތެރިއެއްކަން އަބްދުއްރަހީމް ވަނީ ފަހަގަކުރައްވާފައެވެ.

އަދި އޭނާ އަކީ ޚުލްގުހެޔޮ ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި ގައުމަށް ކަމޭހިތެއްވި ވަފާތެރިއެއް ކަމަށާއި ރަހުމަތްތެރި މިތުރެއްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ މަޑުލު ވަހީދު ވަކިވެގެން ދިއުމަކީ ބަހާއި އަދަބިއްޔާތަށް ލިބުނު ފަޅުކަމެއް ކަމަށް ލިޔުއްވާފައެވެ.

"ވަހީދުގެ ޚިދުމަތަށް ފަޅުކަމެއް ދުވަހަކުވެސް ނާންނާނެ"

މަޑުލު ވަހީދު އަވަހާރަ ވީ މިމަހުގެ 14ވަނަ ދުވަހުއެވެ. ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

ވަހީދުގެ ތައުޒިޔާގެ ދަފުތަރުގައި ޝުއޫރު ފާޅުކުރެއްވުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 30ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރުފަހު 1:30އަށް، ދިވެހިބަހުގެ އެކެޑަމީގައެވެ.

މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވީއިރު، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ބައިގަރުނެއްހައި ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް