އެމެރިކާގެ 12 ސްޓޭޓަކުން ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފި

ޓްރަމްޕް

ވޮޝިންޓަން (24 އެޕްރީލް 2025): އެމެރިކާގެ އާންމުންނަށް ގެއްލުންވާގޮތަށް އެގަމުގެ އިގްތިސާދު ހަލަބޮލިކޮށް ބާޒާރު ގަނޑުބަޑު ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި އެމެރިކާގެ 12 ސްޓޭޓެއްގެ ލޯކަލް ސަރުކާރުތަކުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ފެޑްރަލް ކޯޓެއްގައި ޓްރަމްޕްގެ މައްޗަށް މި ދައުވާތައް އުފުލުމުގައި އިސްކޮށް އުޅުއްވަނީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޓިއާ ޖޭމްސްއާއި އަނެއް 11 ސްޓޭޓްގެ ވެސް އެޓާނީ ޖެނެރަލުންނެވެ.

މިބޭފުޅުން ޓްރަމްޕް އާ ދެކޮޅަށް އުފުއްލެވި ދައުވާގައި ބުނެފައިވަނީ ގައުމުތަކާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އަޅައި އެމެރިކާގެ އިގްތިސާދު ހަލަބޮލިކޮށް ބާޒާރު ގަނޑުބަޑުކުރުމަކީ ތަކެތީގެ އަގުބޮޑުވެ އާންމު ރައްޔިތުންގެ ޖީބަށް ބުރަވާނެކަމެއްކަން އެނގި ހުރެ ޓްރަމްޕް ކުރައްވާ ކަމެއް ކަމުގައެވެ.

ކޮންގްރެސްގެ ހުއްދައަކާ ނުލައި އެ ސްޓޭޓްތަކުގެ ރައްޔިތުންގެ އާމްދަނީއަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރު އެމެރިކާގެ ދަސްތޫރުގައި ފެޑްރަލް ރައީސްއަށް ލިބިދީފައި ނުވާކަމަށް ދައުވާގައި ވެއެވެ.

އެހެންކަމުން ކޮންގްރެސްއާ މަޝްވަރާ ނުކޮށް އެސްޓޭޓްތަކުގެ އާންމު ރައްޔިތުންނަށް ގެއްލުންވާގޮތަށް އާދަޔާ ޚިލާފަށް ޓެރިފް ބޮޑުކުރުމަށް ޓްރަމްޕް ނިންމެވި ނިންމުންތަކަކީ ޣައިރު ގާނޫނީ ނިންމުންތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުވާގައި ވެއެވެ.

ޕޮލިޓިކޯ ބުނާގޮތުން އެމެރިކާގެ އިގްތިސާދު ހަލަބޮލިކޮށް ބާޒާރު ގަނޑުބަޑު ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ފެޑްރަލް ކޯޓުގައި ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ސްޓޭޓްތަކަކީ ނިޔުޔޯކްގެ އިތުރުން އެރިޒޯނާ، ކޮލޮރާޑޯ، މެނިސޯޓާ، ނެވާޑާ، ނިއުމެކްސިކޯ، އޮރިގޮން، ކެލިފޯނިއާ، ކޮނެކްޓިކަޓް، ޑިލަވެއާ އިލިނޮއިސް އަދި ވާމޮންޓްއެވެ.

1977ވަނަ އަހަރު ކޮންގްރެސްއިން ފާސްކޮށް އެމެރިކާގެ ރައީސް ތަސްދީގުކޮށްފައިވާ ގާނޫނު ނުވަތަ "އިންޓަނޭޝަނަލް އިމާޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" ގައިވާގޮތުން އެމެރިކާގެ އެއްވެސް ސްޓޭޓެއްގެ އާންމު ރައްޔިތުންނަށް ގެއްލުންވާގޮތަށް ނޫނީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާފަދަ ގޮތަކަށް ޓެރިފް ބޮޑުކުރުމުގެ ނިންމުމެއް ރައީސްއަށް ނިންމޭނީ ކޮންގްރެސްގެ ރުހުން ލިބިގެންނެވެ. ނަމަވެސް ރައްޔިތުންގެ އާންމު ދިރިއުޅުމަށް އަސަރު ނުކުރާވަރުގެ ޓެރިފްގެ ކުދި ފިޔަވަޅުތައް ރައީސަށް އެޅިދާނެއެވެ.

ޓްރަމްޕް ގައުމުތަކުގެ މުދަލާ ދެކޮޅަށް ޓެރިފްގެ އާދަޔާ ޚިލާފު ބޮޑެތި ފިޔަވަޅުތައް އެޅުއްވީ މިގާނޫނުގެ ދަށުންނެވެ. މީގެތެރޭގައި ޗައިނާގެ މުދަލުން ނަގާ ޓެރިފް 245 އިންސައްތައަށް ބޮޑުކުރުން ވެސް ހިމެނެއެވެ. މީގެ މާނައަކީ ކުރިން ސަތޭކަ ޑޮލަރަށް ލިބޭ ޗައިނާގެ އުފެއްދުމެއް މިފިޔަވަޅުތަކަށްފަހު އޭގެއަގު އެމެރިކާގެ ބާޒާރުތަކުގައި ލިބޭނީ 345 ޑޮލަރަށްކަމެވެ.

މިއީ ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާނެ އަދި ބޮޑުތަނުން އަސަރުކުރާނެ މިންވަރެކެވެ. މިވަރަށް ޓެކްސް ބޮޑުކުރުމުގެ ބާރު ކޮންގްރެސްގެ ހުއްދައަކާ ނުލައި އެމެރިކާގެ ރައީސަށް ލިބިގެނެއް ނުވެއެވެ.

ޓްރަމްޕްވަނީ ގާނޫނާ ޚިލާފަށް މި ކަންތައް ކުރައްވާފައެވެ. ނަމަވެސް އިއްޔެ ޓްރަމްޕްވަނީ މިމައްސަލާގައި އެމެރިކާގެ އެތެރެއިންނާ އަދި ޗައިނާގެ ވެސް ޕްރެޝަރު ބޮޑުވުމާއެކު ޗައިނާގެ މުދަލުން ޓެރިފް ނަގަން ނިންމި ޕަސެންޓަކީ މާބޮޑު ޕަސެންޓެއްކަން މިހާރު ގަބޫލުކުރައްވޭ ކަމަށް ވިދާޅުވެ ޗައިނާއަށް ދޫދީ ޗައިނާގެ މުދަލާ ދެކޮޅަށް އެޅި ޓެރިފްގެ ފިޔަވަޅުތައް ބޮޑުތަނުން ކުޑަކުރާނެކަމަށް ވިދާޅުވެ ޗައިނާގެ ކުރިމަތީގައި ހަތިޔާރު ބަހއްޓާފައެވެ.

ޓްރަމްޕް އިއްޔެވަނީ "ވީ ވިލްބީ ވެރީ ކައިންޑް ޓު ދަ ޗައިނީސް" ކަމަށް ވިދާޅުވެ ޗައިނާއާ ދެކޮޅަށް އެޅި ޓެރިފްގެ ފިޔަވަޅުތަކުގެ ބޮޑުބައި އުވާލައްވާނެކަމަށާ ނަމަވެސް ސުމަކަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު