ވެއްޓުނު އަންހެން މީހާއާއެކު އުޅުނު ރައުދު ހައްޔަރުކޮށްފި

ރައުދު އަހުމަދު: އޭނާ ވަނީ ހައްޔަރުކޮށްފައި --

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސަކުރި މެސެޖެއްގައި ވަނީ، އޭނާ ހައްޔަރު ކުރީ މިރޭ 18:20ގައި ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާގައި ވެއްޓުނު އަންހެން މީހާ ހިމެނޭހެން، މައްސަލައިގައި ޝާމިލުވާ ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެމީހުން އެރޭ ހަރަކާތްތެރިވިކަމަށް ބުނާ މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާ ވެސް ބަލާފައި ވާކަމަށް ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.

މި ހާދިސަގައި ހިމެނޭ ތިން ގޭގެ ތެރެއިން އެއް ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެއެވެ. އަދި މި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން ޝާމިލް ވެއެވެ. އެހެންކަމުން މި މައްސަލައަށް އަމީން ނުފޫޒު ފޯރުވާކަމަށް މީހުން ދަނީ ބުނަމުންނެވެ.

މިހާދިސާގައި ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދުގެ އެކަންޏެވެ.

އެހެންވެ، ފުލުހުންނަށް ފާޑުކިޔައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ވަނީ މީހަކު ހައްޔަރުނުކުރާތީއާއި ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އޭގެ ފަހުން ފުލުހުން މިއަދު ވަނީ ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު ހާމަކޮށް، އެ މީހުން ބަލައި ފާސްކުރަން ފަށައިފައެވެ. ހާދިސާއަށް މިއަދަށް މިއީ ހަވަނަ ދުވަހެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ ހާދިސާ ހިނގި ވަގުތު ޔުމްނުއާ އެކު އުޅުނު ރައުދު ހައްޔަރުކުރަން މިހާރު ކޯޓު އަމުރަކަށް ފުލުހުންގެ ފަރާތުން އެދިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެއްޗަށް ތަހުލީލުކުރަން ކުޑަކަމުދާތަކެތި ނުދޭތީ ވެސް ކޯޓު އަމުރަކަށް އެދިފައެވެ. މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލައި ފާސްކުރަން ފެށީ ވެސް މިއަދެވެ. ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

މައްސަލައިގައި ދެން ހިމެނޭ މީހުންނަކީ:

އައިޝަތު ލަޔާލީ އިގުބާލް
އިޒްދިޔާން މުހައްމަދު މައުމޫން
ޔޫސުފް އަހުމަދު އަކްރަމް
ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
އާމިނަތު ޖުނައިރާ ޖަމްޝީދު
ހުސައިން ހަމީސް އަލީ
އިޖާޒް ޖާއިޒް

ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.

ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.

ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ. އޭނާ އަމިއްލައަށް ވެއްޓުނު ނަމަ ވެއްޓިފައި އޮންނާނީ އެ ތަނަށް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ފުލުހުން ވަނީ ރައްދު ދީފައެވެ.

ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ނުފޮނުވިދާނެތީ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު