ރަޝިޔާގެ މަރުކަޒީ ބޭންކާއި އެ ގައުމުގެ މާލިއްޔަތު ވުޒާރާއިން ކުރިއަށް އޮތް ދުވަސްތަކުގައި ތަޖުރިބާކުރުމުގެ ގޮތުން ކްރިޕްޓޯ އެކްސްޗޭންޖެއް ތަޢާރަފުކުރަން ނިންމައިފިއެވެ.
މިއީ ރަޝިޔާއިން ކްރިޕްޓޯކަރަންސީ ހުއްދަކުރުމަށް އެކުލަވާލާފައިވާ ރޯޑްމެޕްގެ ބައެކެވެ.
މާލިއްޔަތު ވަޒީރު އަންޓޯން ސިލުއަނޯވް މި ހަފުތާގައި ބޭއްވި ވުޒާރާގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވިއިރު އޭނާ ވިދާޅުވީ މިއީ ބްރިކްސް ގްރޫޕްގެ މެންބަރުން އެކަނި ބޭނުންކުރާ ގޮތަށް ބްލޮކްޗެއިން އަސާސްކޮށްގެން އުފައްދާ ޕޭމަންޓް ޕްލެޓްފޯމެއް ކަމަށެވެ.
ކްރިޕްޓޯކަރަންސީއާ ގުޅިފައިވާ ނުރައްކާތަކާއި އަގުގެ ބޮޑެތި ބަދަލުތަކަށް ރިޢާޔަތްކޮށް، ރަޝިޔާގެ މަރުކަޒީ ބޭންކުން ހުށަހަޅާފައިވަނީ ތަޖުރިބާކާރު އިންވެސްޓަރުންނާއެކު ޚާއްޞަ ޤާނޫނީ އޮނިގަނޑެއްގެ ދަށުން މި މުޢާމަލާތްތައް ތަޖުރިބާކުރުމަށެވެ.
މި ތަޖުރިބާގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ މަދުވެގެން 100 މިލިއަން ރޫބަލްގެ ޕޯޓްފޯލިއޯއެއް އޮންނަ އިންވެސްޓަރުންނެވެ. އަދި އަހަރަކު މަދުވެގެން 50 މިލިއަން ރޫބަލްގެ އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް މި ފުރުޞަތު ލިބޭނެއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ޝަރުތު ހަމަވާ އިންވެސްޓަރުންނަށް ސެޓްލްމަންޓް ބޭސްޑް ސެކިއުރިޓީސް، ޑެރިވެޓިވް ފައިނޭންޝަލް އިންސްޓްރުމަންޓްސް އަދި ޑިޖިޓަލް ފައިނޭންޝަލް އެސެޓްތަކުގައި އިންވެސްޓްކުރެވޭނެއެވެ. ނަމަވެސް މި ޕްލެޓްފޯމްގައި ހަމަޖެހިފައިވަނީ އިންވެސްޓަރުންނަށް ސީދާ ކްރިޕްޓޯކަރަންސީ ލިބޭގޮތަށް ނޫން ކަމަށާއި، އޭގެ އަގަށް ބަލައިގެން ފައިދާ ލިބޭ ގޮތަށް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ތަޖުރިބާ ފެށުމަށް މަދުވެގެން ހަ މަސްދުވަސް ނަގާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރައްވައެވެ.
ރަޝިޔާއިން ކްރިޕްޓޯކަރަންސީއާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުވަަމުން އައިސްފައިވަނީ ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައެވެ. ދެހާސްވިހިވަނަ އަހަރު ރަޝިޔާއިން ވަނީ ކްރިޕްޓޯކަރަންސީ ބޭނުންކުރުން މަނާކޮށްފައެވެ.
ނަމަވެސް، ބައިނަލްއަޤްވާމީ ދަތިތަކާ ކުރިމަތިލާންޖެހުމާއެކު، ޚާއްޞަކޮށް ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ގިނަ ޤައުމުތަކުން ރަޝިޔާއަށް ދަތިކުރުމުން، އެ ޤައުމުން ވަނީ ކްރިޕްޓޯކަރަންސީއާ މެދު ނަޒަރު ބަދަލުކޮށްފައެވެ. މިގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިން ވަނީ ބައެއް ހާލަތްތަކުގައި ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް ހުއްދަދީފައެވެ.
މިހާރު މި ގެންނަ ބަދަލަކީ އިތުރަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް މަގުފަހިކުރުމަށް އަޅާ ފިޔަވަޅެކެވެ. މިއީ ރަޝިޔާގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.