ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން 346 ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެއެވެ.
ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުން ކުރިއަށް ގެންގޮސްފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ.
އެގޮތުން، ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި، ތިންވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.
މި ތިން ސެޝަންގައި ވެސް ބެޗްލާ ޑިގްރީއާއި މާސްޓާ ޑިގްރީ ހާސިލްކުރި ދަސްވެނީންނަށް ސަނަދުތައް ތައުކީދުކޮށްދެއްވީ، ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ.
ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ، ބެޗްލާ ޑިގްރީއާއި މާސްޓާ ޑިގްރީ ހާސިލްކުރި ދަސްވެނީންނަށް ސަނަދުތައް ތައުކީދުކޮށްދެއްވަނީ -- ފޮޓޯ/ އެމްއެންޔޫ
އިއްޔެ އެމްއެންޔޫގެ ނުވަ ފެކަލްޓީއަކުން 346 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެގޮތުން:
- ސްކޫލް އޮފް ނާސިން (ބެޗެލާސް)ގެ 101 ދަރިވަރުން
- ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން
- ފެކަލްޓީ އޮފް އާޓްސްގެ 26 ދަރިވަރުން
- ފެކަލްޓީ އޮފް އެކިއުކޭޝަންގެ 62 ދަރިވަރުން
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އަށް ދަރިވަރުން
- ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 18 ދަރިވަރުން
- ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ ތިން ދަރިވަރުން
- އެމްއެންޔޫ ބިޒްނަސް ސުކޫލްގެ 44 ދަރިވަރުން
- ސްކޫލް އޮފް ނާސިން (މާސްޓާސް)ގެ 17 ދަރިވަރުން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، ދަސްވެނީންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެންޔޫ
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރިއަށްދިއުމަށްޓަކައި ވިސްނުންތެރިކަން އިސްކޮށް، ކަންތައްތައް ހާސިލްކުރުމަށް އިސްކަންދިނުމަށެވެ. އަދި އެ ދަރިވަރަކު ކުރާ ކަމަކަށް ކަމޭހިތާ، އަބަދުވެސް އާ ކަންތައް ދަސްކުރުމަށް ތައުލީމު އިތުރަށް އުނގެނުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވިއެވެ.
ހަމައެއާއެކު ދުނިޔަވީ ފަސޭހައަށްޓަކައި ބަހާއި އަދަބިއްޔާތު ދޫކޮށްލާ ބައެއްކަމުގައި ނުވުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.
"ތިޔަ ލޮބުވެތި ދަސްވެނީންނަކީ ފަޚުރުވެރިކަމާއި، އިތުބާރާއި، ކުޅަދާނަކަމާ އެކު، އަޅުގަނޑުމެންގެ މާދަރީ ބަހުން މުއާމަލާތްކުރަން ފަރިތަ، ޒަމާންވީ ތާރީޚާއި ސަގާފަތަށް އަހުލުވެރި ބަޔަކަށް ވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެންޔޫއިން ދަސްވެނިވި ދަރިވަރުންތަކެއް: ނުވަ ފެކަލްޓީއަކުން 346 ދަރިވަރުން ދަސްވެނިވި -- ފޮޓޯ/ އެމްއެންޔޫ
"އިލްމުން ލިބުނު ހުށިޔާރުކަމާއި އަމިއްލަ ނަފުސަށްކުރާ އިތުބާރު ގަދަކުރޭ! ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދު ވެސް ދަމަހައްޓާ!"
ތައުލީމުދޭ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ މަތީ ފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެގޮތްތައް އެކުލަވައިލާ، ދެވޭ ތައުލީމުގެ ފެންވަރަށް ޖަވާބުދާރީވާނެ ހަމަތަކާއި އުސޫލުތައް ގާއިމުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ގެންނަނަމަ އަޅުގަނޑުމެން ވަރަށް އެކަމަށް ތައްޔާރުވާންޖެހޭ. ޚިދުމަތްތައް ޒަމާނީކޮށް، މިންގަނޑުތައް މަތިކުރަންޖެހޭ. ކިޔަވައިދޭ އެއްޗިއްސާ، ކިޔަވައިދޭ ގޮތްތައް ހިމެނޭ ގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، ދަސްވެނީންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެންޔޫ
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވަނީ ވަގުތުގެ މުހިންމުކަމާ ގުޅޭ ވާހަކަތަކެއް ހިއްސާކޮށްދެއްވައިފައެވެ. އެގޮތުން، ދިރިއުޅުމުގައި ކަންކަން ކުރާއިރު، އަމިއްލަ ކުރިއެރުމަށް ކަންކަން ކުރުމަށް އަބަދު ވެސް ހަނދާންކުރުމަށް ދަސްވެނީންނަށް ނަސޭހަތްތެރިވެފައިވެއެވެ.
"ކަސްރަތުކުރުން ފަދަ، އާއިލާއަށް ވަގުތު ދިނުން ފަދަ، ރަހުމަތްތެރިންނަށް ވަގުތު ދިނުން ފަދަ މުހިންމު ކަންތައްތަކަށް އަބަދުވެސް ހަނދުމަފުޅުގަ ބަހައްޓަވައްޗޭ! ވަގުތު ނެތުން އެއީ ބަހަނާއަކަށް ނުހައްދަވައްޗޭ!" މިނިސްޓަރު ނަސޭހަތްތެރިވިއެވެ.
ކޮންމެ މީހަކަށް ވެސް ލިބިފައިވަނީ 24 ގަޑިއިރުކަން ހަނދާންކުރުމަށާއި، ދުނިޔޭގައި ސައިންސިސްޓުންނަށް ވެސް ނުކުރެވުނު ކަމަކީ ވަގުތު އިތުރުކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއްވެސް ބިލިއަނަރަކަށް ނުކުރެވުނު ކަމަކީ ވަގުތު ގަތުން ކަމަށް އޭނާ ވިދާޅުވެ ދަސްވެނީންނަށް ނަސޭހަތްތެރިވިއެވެ.