ނިއުދިއްލީ (25 އެޕްރީލް 2025): ޖަންމޫ ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށް ދޭހަވާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވާހަކަދައްކަވައި އިންޑިއާ ޕާކިސްތާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފެށުމުން ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިއާގެ މައްޗަށް ކޮށްފިއެވެ.
ޕާކިސްްތާން ސަރުކާރުން ނެރުނު ބަޔާނެއްގައިވާގޮތުން ޕަހަލްގާމްގެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަން އިންޑިއާ މަސައްކަތް ކުރުމަކީ ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައި އިންޑިއާ އޮތްކަން އޮޅުވާލައި ޓެރިޒަމަށް ވާގިވެރިވުމުގެ މަސްއޫލިއްޔަތުން އިންޑިއާ ރެކިގަތުމަށް މޯދީ ޖެއްސެވި މަޅިއެކެވެ. ނަމަވެސް, އެ ހަގީގަތް ފޮރުވުމަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ބަޔާން ބުނެއެވެ.
ޕާކިސްތާނާއި އިންޑިއާއަކީ ދެ ގައުމުންކުރެ ކޮންމެ ގައުމަކުން އަނެއް ގައުމުގެ ބޮލުގައި ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތާއި ޓެރަރިޒަމް ސްޕޮންސާ ކުރާކަމުގެ ތުހުމަތު އަޅުވަމުންދާ ދެ ގައުމެވެ.

ޕާކިސްތާނުގެ ފައިޓާ ޖެޓެއް
އިންޑިއާގެ ކޮންޓްރޯލް ދަށުގައި އޮންނަ ޖަންމޫ ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރުވެ 36 މީހަކު ވަނީ ޒަޚަމުވެފައެވެ. މި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އަދި ހައްޔަރުކުރެވިފައިނުވާ ކަމަށާއި މި ހަމަލާދިން ޖަމާއަތެއް ވެސް އަދި އިންޑިއާއަށް ދެނެގަނެވިފައިނުވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
މި ކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ، ޕަހަލްގާމްއަށް ހަމަލާދިން ފަރާތްތަކެއް އިންޑިއާއިން ދެނެގަންނާނެ ކަމުގައެވެ. ނުސީދާ ގޮތެއްގައި ޕާކިސްތާނަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވީ، އެ ހަމަލާދިން ފަރާތްތަކުގެ އިތުރުން އެ ހަމަލާގެ ފަހަތުގައިވާ ފަރާތްތަކަށް ވެސް ޚިޔާލަށް ނުގެނެވޭވަރުގެ ހަރުކަށި އަދަބު އިންޑިއާއިން ދޭނެކަމުގައެވެ.
މޯދީ މިހެން ވިދާޅުވުމަށް ފަހު އެ މަނިކުފާނުގެ ސަރުކާރުންވަނީ ދެ ގައުމުގެ މަސްރަހު ހޫނުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނުން ފެން ހިއްސާކުރާ ކޯރެއްކަމަށްވާ ސިންދު ކޯރުގެ ފެން ހިއްސާކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލިކަން އިންޑިއާއިން އިއުލާނުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިންޑިއާއިންވަނީ ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލިކަން ވެސް އިއުލާންކޮށްފައެވެ.
ޕާކިސްތާނުންވަނީ ފެނުން މަހުރޫމްކުރުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށް ސިފަކޮށް ޕާކިސްތާނަށް ލިބެންޖެހޭ ސިންދު ކޯރުގެ ފެނުން މަހުރޫމުކުރުމަށް އިންޑިއާ އަމަލީގޮތުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އޭގެ ރައްދުގައި އިންޑިއާއާ ދެކޮޅަށް ވޭންދެނިވި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ.
ޕާކިސްތާނުން ވަނީ ކަޝްމީރުގެ ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާދިން ފަރާތްތައް ހޯދައި އެ މީހުން ހައްޔަރުކުރުމުގައި އިންޑިއާ ސިފައިން ނާކާމިޔާބުވެފައިވާއިރު އަދި ހަމަލާދިނީ ކޮން ޖަމާއަތެއްގެ ބައެއްކަން ވެސް މިހާތަނަށް އިންޑިއާއަށް ރޭކާލާފައިނުވާއިރު އަދި އެއްވެސް ތަހުގީގަކުން އެކަމުގައި ޕާކިސްތާން ޝާމިލުވާކަން ދެނެގަނެވިފައިނުވާއިރު އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފައްދާފައެވެ.
އިންޑިއާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުންވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އިންޑިއާގެ ހުރިހާ ބާވަތެއްގެ ބޯޓުތަކަށް ބަންދުކޮށްފައެވެ.

އިންޑިއާގެ ފައިޓާ ޖެޓެެއް
މީގެ ތެރޭގައި ފަސިންޖަރު މަތިންދާ ބޯޓުތައް ވެސް ހިމެނެއެވެ. އަދި، ޕާކިސްތާން ސިފައިންވަނީ ޕާކިސްތާނަށް ވަން އިންޑިއާ ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ މީހާ ވަންކަމަށްވަނީ ޕަންޖާބުގެ ސަރަހައްދީ ރޮނގުންނެވެ. ހައްޔަރުކުރީ އިންޑިއާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މީހެއްކަމަށް ޕާކިސްތާން ބުނެއެވެ. މި ހާދިސާއާ ބެހޭގޮތުން އިންޑިއާއިން އަދި އެއްޗެއް ނުބުނެއެވެ.
ޕާކިސްތާނާއި އިންޑިއާއަކީ ނިއުކްލިޔާ ދެ ބާރު ކަމަށްވާއިރު އެއް ގައުމުން އަނެއް ގައުމާ ދެކޮޅަށް ޖަޒުބާތުގައި މަސްރަހު ހޫނުކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް ދެ ގައުމުގެ ދެމެގައި ޝާމިލު ހަނގުރާމައެއް ހިނގުމަކީ މުސްތަހީލް ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެއީ، ދެ ގައުމުގައި ވެސް އެއް ގައުމު އަނެއް ގައުމު ފަނާކޮށްލޭވޭވަރުގެ ނިއުކްލިޔާ ހަތިޔާރުހުރުމުންނެވެ. ނަމަވެސް، ސަރަހައްދީ ރޮނގުގައި ދެ ގައުމުގެ ސިފައިން ހަމަލާތައް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އިގުތިސާދީ ގޮތުން ޕާކިސްތާނަށް ވުރެ އިންޑިއާ ވަރުގަދަ ނަމަވެސް އަސްކަރީ ގޮތުން ޕާކިސްތާނަކީ އިންޑިއާއަށް ދޫކުރާވަރުގެ ގައުމެއް ނޫނެވެ. އިންޑިއާގައި އަދަދުގެ ގޮތުން ސިފައިންނާއި ހަތިޔާރު ގިނަ ނަމަވެސް ޕާކިސްތާނުގައި ސިފައިންގެ ތަމުރީނާއި ކޮލިޓީ މޮޅުވެފައި ހަތިޔާރުތައް މާ ޒަމާނީ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގައި އަދިވެސް ގިނައީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގެ ބާ ޓެކްނޮލޮޖީގެ ހަތިޔާރެވެ. ނަމަވެސް، އިންޑިއާ ގެންދަނީ ބާ ހަތިޔާރު އާކުރަން ޚަރަދު ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. ޕާކިސްތާނުގައި ގިނައީ އެމެރިކާއާއި ޗައިނާގެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ ހަތިޔާރެވެ.