ވިޓަމިން ޑީގެ އެހީގައި ޑިމެންޝިއާއިން ރައްކާތެރިކަން ހޯދާނީ ކިހިނެއް؟

ޑިމެންޝިއާއިން ރައްކާތެރިކަން ހޯދުމަށް ވިޓަމިން ޑީ އަކީ މުހިއްމު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށް ދިރާސާތަކުން ބުނޭ--ފޮޓޯ/ދަލެގަސީލޯޔާސް

ސިކުނޑީގެ ދުޅަހެޔޮކަމަށް ބޭނުންކުރާ އެތައް ބާވަތެއްގެ ސަޕްލިމެންޓްތަކެއް މިއަދު ބާޒާރުގައި ގަންނަން ލިބެން އެބަހުއްޓެވެ. މިފަދަ ސަޕްލިމެންޓްތައް ބޭނުންކުރާ ގިނަ މީހުންގެ މަގުސަދަކަށް ވެފައި ވަނީ އުމުރުން ދުވަސްވަމުން ދާއިރު ސިކުނޑިއަށް ކުރާ އަސަރު މަޑުޖައްސާލުމެވެ.

މިކަން ހާސިލުކޮށްދޭނެ ކަމަށް ބުނެ ވަރަށް ގިނަ ސަޕްލިމެންޓް "ކޮކްޓެއިލް" ތަކެއް ވެސް ދުނިޔޭގެ ބާޒާރުން ލިބެން އެބަހުއްޓެވެ. ނަމަވެސް މި ހުރިހާ އެއްޗެއްގައި ވެސް ހިމެނޭ މުހިންމު ވިޓަމިނެއް ވެއެވެ. މި ވިޓަމިނަކީ ސިކުނޑީގެ ބަލިތައް ދުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ފެނެއެވެ.

އާދައިގެ ގޮތުން ކަށިތަކުގެ ދުޅަހެޔޮކަމާއި ކެލްސިއަމްގެ ހަމަހަމަކަން ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާކަމަށް ބެލެވޭ ވިޓަމިން ޑީ އަކީ މިހާރު ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި، ޚާއްޞަކޮށް ޑިމެންޝިއާގެ ނަޒަރިއްޔާތުން ދިރާސާކުރެވެމުންދާ ވިޓަމިންއެކެވެ.

ޑިމެންޝިއާއަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމަށް ދަތިވާ މިންވަރަށް ސިކުނޑީގެ މަސައްކަތް ދަށްވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މީގެ ތެރޭގައި އަލްޒައިމާސް ފަދަ ބަލިތައް ހިމެނެއެވެ.

ހަށިގަނޑަށް ވިޓަމިން ޑީ ލިބޭ ގުދުރަތީ އެންމެ މުހިއްމު އެއް ވަސީލަތަކީ އިރުން ލިބޭ އަލި--ފޮޓޯ/ދަވީކް

މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައި ނުވާތީ، މި ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމާއި ރިސްކު ދަށް ކުރުމުގެ ސްޓްރެޓެޖީތައް ވަރަށް މުހިންމެވެ. އަލަށް ކުރެވެމުންދާ ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގެ މަސައްކަތް ދަށްވުމާއި ޑިމެންޝިއާ ޖެހުމުން ރައްކާތެރިވުމަށް ވިޓަމިން ޑީ އަކީ މުހިންމު އެއްޗެކެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ޔުނިވަރސިޓީ އޮފް ކެލްގަރީގެ ހޮޓްޗްކިސް ބްރެއިން އިންސްޓިޓިއުޓް އަދި ޔުނައިޓެޑް ކިންގްޑަމްގެ ޔުނިވަސިޓީ އޮފް އެކްސެޓައިން ޝާއިއު ކުރި ދިރާސާއެއްގައި 12،388 އަށްވުރެ ގިނަ މީހުންގެ މައްޗަށް ވިޓަމިން ޑީ ސަޕްލިމެންޓް ބޭނުން ކުރުމާއި ޑިމެންޝިއާއާ ހުރި ގުޅުން ބަލާފައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ވިޓަމިން ޑީ ސަޕްލިމެންޓް ބޭނުންކުރި މީހުންގެ ތެރެއިން ޑިމެންޝިއާ ޖެހުނު މީހުންގެ އަދަދު، ވިޓަމިން ޑީ ސަޕްލިމެންޓް ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު 40 އިންސައްތަ މަދެވެ.

ވިޓަމިން ޑީ، އާންމުކޮށް "އިރުގެ އަލިން ލިބިދޭ ވިޓަމިން"ގެ ނަމުން މަޝްހޫރު، މި ވިޓަމިން ހަށިގަނޑުގައި އުފެދެނީ އިރުގެ އަލި ހަށިގަނޑަށް ލިބި ގައިގެ ހަމަށް އަވީގެ އަސަރު ކުރުމުންނެވެ.

ގިނަ މީހުންނަށް ވިޓަމިން ޑީ ބޭނުންވާ މިންވަރު ލިބުމަށް ހަފްތާއަކު ތިން ދުވަހު ދުވާލަކު، ދިހަ މިނެޓާއި ތިރީސް މިނެޓާއި ދެމެދުގެ ވަގުތަކަށް އިރުގެ އަލިކަމަށް ނުކުތުން ފުދެއެވެ.

ގުދުރަތީ ގޮތުން ވިޓަމިން ޑީ ހިމެނޭ ކެއުންތައް ބޭނުން ކުރުމަކީ ވެސް ސަޕްލިމެންޓްތަކުގެ އެހީގައި ވިޓަމިން ޑީ ހޯދުމުގެ ބަދަލުގައި ކުރެވިދާނެ ކަމެއް--ފޮޓޯ/ބްރިޓިޝްހާޓްފައުންޑޭޝަން

މީގެ އިތުރުން، މަސްމަހާމެހީގެ ތެރެއިން ތެޔޮ ގިނައިން ހުންނަ މަސް، ވިޓަމިން އިތުރުކޮށްފައިވާ ކިރުގެ ބާވަތްތައް އަދި ސަޕްލިމެންޓްތަކުން ވެސް ވިޓަމިން ޑީ ހަށިގަނޑަށް ލިބެއެވެ.

ހަމައެކަނި ގަސްގަހާގެހީގެ ކާނާ ކައިއުޅޭ މީހުންނަށް ޤުދުރަތީ ގޮތުން ވިޓަމިން ޑީ ލިބުން އުނދަގޫ ވެދާނެއެވެ. އެހެންނަމަވެސް، އުފާވެރި ޚަބަރަކީ ވިޓަމިން ޑީ އިތުރުކޮށްފައިވާ ގިނަ ކާނާ މިހާރު ލިބެން ހުންނަކަމެވެ.

ސީރިއަލް، ގަސްގަހާގެހީގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ކިރު، އޮރެންޖު ޖޫސް، އަދި ޓޯފޫ ފަދަ ބާވަތްތަކަކީ އާންމުކޮށް ވިޓަމިން ޑީ އިތުރުކޮށްފައި ހުންނަ ބާވަތްތަކެވެ. ހަމައެއާއެކު ވިޓަމިން ޑީ ހުންނަ އެކި ބާވަތްތަކުގެ ޕިލް ނުވަތަ ކެޕްސޫލް ތަކަކީ މިއަދު ވަރަށް ގިނަ ބާޒާރުތަކުން ގަންނަން ލިބެން ހުންނަ އެއްޗެކެވެ.

ފަހަކަށް އައިސް ކުރެވުނު އެކި ދިރާސާތަކުން ވިޓަމިން ޑީގެ މިންވަރާއި ޑިމެންޝިއާ ޖެހުމުގެ ރިސްކާ ހުރި ގުޅުން ވަނީ ބަލާފައެވެ.

ދެހާސްތޭވީސް ވަނަ އަހަރުގެ ކުރީކޮޅު ނިއުރޮލޮޖީ ޖާނަލްގައި ޝާއިޢުކުރެވުނު މެޓާ-އެނަލިސިސްއެއްގައި ދައްކާގޮތުގައި ވިޓަމިން ޑީގެ މިންވަރު ދަށް މީހުންގެ ކިބައިގައި، ވިޓަމިން ޑީގެ މިންވަރު އެކަށީގެންވާ ވަރަށް ހުރި މީހުންނާ އަޅާބަލާއިރު، ޑިމެންޝިއާ އަދި އަލްޒައިމާސް ބަލި ޖެހުމުގެ ރިސްކު މާ ބޮޑުކަން ފާހަގަކުރެވުނެވެ.

ދެހާސް ބާވީސް ވަނަ އަހަރު ޖާމާ ނިއުރޮލޮޖީ (ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން ނިއުރޮލޮޖީ) ގައި ޝާއިޢުކުރެވުނު ދިރާސާއެއްގައި ނިންމާފައިވަނީ، އެކަށީގެންވާ މިންވަރަކަށް ވިޓަމިން ޑީ ހުރުމަކީ ސިކުނޑީގެ ޤާބިލުކަން ދަށްވުމާއި ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ކުޑަވުމާ ގުޅިފައިވާ ކަމެއްކަމަށެވެ. މިއިން ދޭހަވަނީ ވިޓަމިން ޑީ އަކީ މި ކަންކަމުން ރައްކާތެރިކަން ދެވިދާނެ އެއްޗެއް ކަމުގައެވެ.

އޮބްޒަވޭޝަނަލް ދިރާސާތަކުން މުހިންމު މަޢުލޫމާތު ލިބުނު ނަމަވެސް، ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރަޔަލްސް (އާރްސީޓީ)އަކީ ސަބަބާއި ނަތީޖާގެ ގުޅުން ދެނެގަތުމަށް އެންމެ ރަނގަޅު މިންގަނޑެވެ. ވިޓަމިން ޑީ ސަޕްލިމެންޓޭޝަންގޭޝަންގެ ސަބަބުން ސިކުނޑީގެ މަސައްކަތްތެރިކަމަށް ކުރާ އަސަރު ދެނެގަތުމަށް އެތައް އާރްސީޓީއެއް ހަދާފައިވެއެވެ.

މިސާލަކަށް، 2023 ވަނަ އަހަރު ދަ ލެންސެޓްގައި ޝާއިޢުކުރެވުނު އާރްސީޓީއެއްގައި 70 އަހަރާއި އެއަށްވުރެ ދޮށީ 2،000 އަށްވުރެ ގިނަ ބައިވެރިން ހިމެނުނެވެ. މި ދިރާސާއިން ދައްކާގޮތުގައި ވިޓަމިން ޑީ ސަޕްލިމެންޓް ދެވުނު މީހުންގެ ކިބައިގައި، ޕްލެސީބޯ (ބޭސް ނޫން އެއްޗެއް) ދެވުނު މީހުންނާ އަޅާބަލާއިރު، ތިން އަހަރުގެ މުއްދަތެއްގައި ސިކުނޑީގެ މަސައްކަތްތެރިކަން ދަށްވެފައިވަނީ މަދުންނެވެ.

ވިޓަމިން ޑީއިން ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެ، ޑިމެންޝިއާގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވާ އެތައް މެކޭނިޒަމްތަކުގެތެރޭ، ނިއުރޯ ޕްރޮޓެކްޝަން، ހިތާއި ލޭ ދައުރުކުރާ ނިޒާމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުން އަދި ނިއުރޯޓްރާންސްމިޓަ ރެގިއުލޭޓްކުރުން ހިމެނެއެވެ.

ސިކުނޑީގެ ދުޅަހެޔޮކަމަށް ބޭނުންވާ ވިޓަމިން ޑީ އެކަށީގެންވާ މިންވަރަކަށް ހަށިގަނޑަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، އާދަވެގެން ކޮންމެ ދުވަހަކު ދިހަ މިނެޓް ނުވަތަ ތިރީސް މިނެޓަށް އިރުގެ އަލިކަން ހަށިގަނޑަށް ހޯދައިދިނުން، ވިޓަމިން ޑީ އެކުލެވޭ ކާނާތައް ކެއުމުގައި ހިމެނުމަށް ސަމާލުކަން ދިނުން، ވިޓަމިން ޑީ ޑެފިސެންސީ ހުންނަ މީހެއް ނަމަ ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ހާއްސަ ސަޕްލިމެންޓްތައް ބޭނުންކުރުން ހިމެނެއެވެ.

ޑިމެންޝިއާގެ ނުރައްކާ ކުޑަކުރުމުގައި ވިޓަމިން ޑީގެ ދައުރު ބޮޑުކަން ފަހުގެ ދިރާސާތަކުން ހާމަވަމުން އަންނައިރު މިހާރު ލިބެންހުރި ހެކިތަކުން ދައްކާގޮތުގައި އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ހަށިގަނޑަށް ހޯދުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ޑިމެންޝިއާއިން ރައްކާތެރިކަން ހޯދުމަށް ކުރުން މުހިއްމު ކަމެކެވެ.

comment ކޮމެންޓް