ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ގްރޫޕް ބީގެ ފަހު މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، މާޅެންދޫ އެފްޓީ އާއި މާފަރު އެފްސީ ބައްދަލުކުރި މެޗު މިއަދު ހަވީރު ކުޅެފިއެވެ.
ފުރަތަމަ ހާފް ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ 22 ވަނަ މިނެޓްގައި މާފަރުން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 70 އަބްދުލް ރައޫފް މުޙައްމަދު ހަމީދެވެ.
އަދި 30 ވަނަ މިނެޓްގައި މާޅެންދޫއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު އަށެއް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. މެޗެގެ 41 ވަނަ މިނެޓްގައި މާފަރަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މާފަރުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 11، އަރީން އަބްދުﷲ އިބްރާހިމެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނުނުއިރު، މެޗުގެ 84 ވަނަ މިނެޓްގައި މާޅެންދޫއަށް ލިބުނު އިތުރު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށް ވަނީ ގޯލެއް ޖަހާފައެވެ.
މި ގޯލް ވެސް އެ ޓީމަށް ކާމިޔަބުކޮށްދިނީ ފޭދޫ އިއްބެއެވެ. މި ނަތީޖާއެކު މެޗު ނިމުނު އިރު ދެ ޓީމް ވަނީ 2-2 އިން އެއްވަރުވެފައެވެ.

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025: މާޅެންދޫ އެފްޓީ އަދި މާފަރު އެފްސީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ ފޭދޫ އިއްބެ -- ސަން ފޮޓޯ
ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޅެންދޫގެ ޖާޒީ ނަންބަރު 8 އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ.
މި ނަތީޖާއާއެކު ދެ ޓީމު ވެސް ސެމީގައި ވާދަކުރާނެވެ. މާޅެންދޫ ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމް ވިންޑް ވޯރިއޯސް އެސްސީއާއެވެ. އަދި މާފަރު ވާދަކުރާނީ ނައިފަރު ޗެލްސީއެސްސީ އާއެވެ.
މި ގްރޫޕްގެ މެޗެއް މިރޭ ވެސް ކުޅޭނެވެ. މި މެޗުގައި ވާދަކުރާނީ މަނަދޫ އެސްސީއާއި ހެނބަދޫ އެފްޓީއެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސްޓީވީގެ ޔޫޓިއުބްއާއި ފޭސްބުކްއިން ލައިވްކުރާނެވެ.