އިންޑިއާގެ ދޫރުދަރުޝަން ޗެނަލްއިން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރާ ރާއްޖޭގެ ބޭންޑު "ޓޫ އޮފް އަސް"އިން އަނެއްކާވެސް ފަނޑިޔާރުން ހައިރާންކޮށްލާ ފަދަ ހުށަހެޅުމެއް ގެނެސްދީފިއެވެ.
އިއްޔެ ހަވީރު 5:30ގައި ދެއްކި ޝޯގައި "ޓޫ އޮފް އަސް"އިން ހުށަހަޅައިދިނީ 1991ވަނަ އަހަރު ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ހިންދީ ކްލެސިކް ލަވަ "ޖުއްމާ ޗުއްމާ ދޭ ދޭ"އެވެ.
މި ލަވައަކީ އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިން ކަމަށްވާ ކަވީތާ ކްރިޝްނަމުރުތީ އާއި ސުރޭޝް ބޯސްލޭގެ އަޑުން ކިޔާފައިވާ ލަވައެކެވެ. މިއީ އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "ހަމް"ގެ ލަވައެކެވެ.
ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ފަސް ވަނަ އެޕިސޯޑުގައި ރާއްޖޭގެ "ޓޫ އޮފް އަސް"އިން ހުށަހަޅައިދިން ހުށަހެޅުމަށް މިފަހަރުވެސް ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މި ހަފުތާގެ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ އިންޑިއާގެ ލަވަކިޔުންތެރިޔާ މަހާލަކްޝްމީ އިޔައެވެ. "ޓޫ އޮފް އަސް"ގެ ހުށަހެޅުމަށް ތައުރީފު ކުރަމުން ލަވަކިޔުންތެރިޔާ މަހާލަކްޝްމީ ބުނެފައި ވަނީ ރާއްޖޭގެ ބޭންޑުގެ ހުށަހެޅުން ބަލަމުންދިޔައިރު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަނޫ މަލިކްގެ ހަނދާން އާވި ކަމަށާއި އަނޫ މަލިކް ހުރި ނަމަ "ޓޫ އޮފް އަސް"އަށް ތައުރީފުކުރުމުގެ ގޮތުން ބުނާނީ "އާގް ލަގާ ދީ" ކަމުގައެވެ.
މި ޝޯގެ ފަނޑިޔާރު ރާޖާ ހަސަން ފާހަގަކުރި ގޮތުގައި ބޭންޑުގެ ވޮކަލިސްޓާ އެކު އެހެން މެމްބަރުން ވަރަށް ޖޯޝާ ފޯރިއާ އެކު ކޮންމެ ހުށަހެޅުމެއްގައި ވެސް ބައިވެރިވެރިން ދައްކަމުންދާ ފޯރިއަކީ ހަގީގަތުގައި "ޓޫ އޮފް އަސް"ގެ ވަރަށް ހާއްސަ ސިފައެއް ކަމަށާއި އެއީ މި ރިއަލިޓީ ޝޯގެ އެންމެ މުހިއްމު އަދި ދަމަހައްޓަން ބޭނުންވާ އެންމެ މުހިއްމު އެއްކަންތައް ކަމުގައެވެ.
ހާއްސަކޮށް "ޓޫ އޮފް އަސް"ގެ ހުށަހެޅުންތަކުގެ ޖާދޫގައި އޯޑިއަންސް ޖެހިގެންދާ ކަމީ އެ ބޭންޑުގެ މެމްބަރުންނަށް ލިބިފައިވާ ވަރަށް މޮޅު ހުނަރެއް ކަމަށް މި ޝޯގެ އަންހެން ފަނޑިޔާރު ޝްރައްދާ ޕަންޑިތު ވެސް ވަނީ ބުނެފައެވެ.
މި ބޭންޑުގެ މެމްބަރުންނަކީ ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓު އަހުމަދު އަދުހަމާއި، ޑްރަމަރު އަބްދުﷲ ޝަމްރޫހާއި، ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އާއި ވޯކަލިސްޓް އަދި ބަސިސްޓް އަހުމަދު ޖަޝީމެވެ.