އިއްޔެ ނެޓްފްލިކްސްގައި ޕްރީމިއާކުރި އެކްޓަރު ސައިފް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ޖުވެލް ތީފް: ދަ ހެއިސްޓް ބިގިންސް"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސައިފް އަލީ ޚާންގެ އިތުރުން އެކްޓަރު ޖައިދީޕް އަހްލަވަތު، ކުނާލު ކަޕޫރު އަދި ނިކިތާ ދައްތާ މުހިއްމު ރޯލްއިން ފެންނަ މި ފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި، މާފްލިކްސް ޕިކްޗާސް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ސިދާތު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރުންނަކީ ކުކީ ގްލާޓީ އާއި ރޮބީ ގަރެވާލްއެވެ.
ފިލްމު "ޖުވެލް ތީފް" ރިލީޒްކުރުމާ އެކު މި ފިލްމުގެ ދެވަނަ ބައެއް ރިލީޒްކުރާނެކަން އެނގުމުން ގިނަ ބަޔަކު އަންނަނީ ދެވަނަ ބަޔަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބުނަމުންނެވެ.

ފިލްމު 'ޖުވެލް ތީފް'ގެ ޕްރޮޑިއުސަރު ސިދާތު އާނަންދު އަދި ސައިފް އަލީ ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
ރަސްމީކޮށް މި ފިލްމުގެ ސީކުއަލް ގެނެސްދޭނެކަން އިއުލާނު ނުކުރި ނަމަވެސް މި ހެއިސްޓް ނިމުނު ގޮތުން މީގެ ދެވަނަ ބައެއް އުފައްދާނެކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ.
ދުވަސްތަކަކަށްފަހު ސައިފް އެކްޝަން ރޯލަކުން ފެނުނު މި ފިލްމުގެ ސީކުއަލްއާ ބެހޭ މައުލޫމާތު ސިއްރުކުރެވިފައިވީ ނަމަވެސް ދެން ގެނެސްދޭ ބައިގެ ޕްލޮޓް މާ ޝައުގުވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ ކުރިން ވެސް ސައިފް ވަނީ ސިދާތު އާނަންދުއާ އެކު މަސައްކަތްކޮށްފައެވެ. އެއީ 2005 ވަނަ އަހަރު ސިދާތު ޑައިރެކްޓްކުރި "ސަލާމް ނަމަސްތޭ" އަދި 2007 ވަނަ އަހަރުގެ ފިލްމު "ތަރަ ރަމް ޕަމް"އެވެ.