މި މަހުގެ 18ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި، ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރުމުން އިހުތިޖާޖުކުރާ ޒުވާނުންގެ ޑިމާންޑުތަކެއް ފުރިހަމަކުރުމަށް ރޭ ސަރުކާރަށް ގޮވާލައިފިއެވެ.
އެގޮތުން، ރޭ ބޭއްވި މުޒާހަރާގައި ޒުވާނުން ބުނީ، މި މައްސަލައިގައި މުޒާހަރާ ކުރާތީ މިއަދު ބަޔަކު ފޯނު ކޯލުތަކެއް ކުރި ކަމަށެވެ. އެ މުޒާހަރާގައި ވަނީ، ޒުވާނުންގެ ޑިމާންޑުތައް ސަރުކާރަށް އިއްވާފައެވެ.

ޒުވާނުން ޔުމްނުގެ ދިފާއުގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ---- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެ ޑިމާންޑުތަކަކީ:
- އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން
- ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް، އަދަބު ދިނުން
- ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން
- ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން
- ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން
- ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުން
- ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއި ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މަގާމުން އިސްތިއުފާދިނުން
މި މައްސަލައިގައި ޔުމްނުގެ އާއިލާއާ ޒުވާނުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މައާފަށް އެދުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި، ޑިމާންޑުތަކުގެ ލިސްޓު ހިފައިގެން ރައީސް އޮފީހަށް ނުދާނެ ކަމަށް ވެސް ބައިވެރިން ބުނެފައިވެއެވެ.
މި މައްސަލައިގެ ތެރެއިން ހާމަވި، މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް އެބޯޑުގެ މެންބަރު ނަޒާހާ ނަޒީމް ކުރިން ބުންޏެވެ.

ރޭގެ މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ ހުސައިން ހާފިޒު
ރޭ މުޒާހާރާގައި، އޭނާ ވަނީ މަގާމުން އިސްތިއުފާ ނުދޭކަމަށް ބުނެ، މަގާމު ދިފާއުކޮށްފައެވެ. އެގޮތުން، ނަޒާހާ ބުނީ، މަގާމުން އިސްތިއުފާ ނުދީ ހުރީ ''ސިސްޓަމް ރަނގަޅުކުރެވޭނީ ސިސްޓަމްގެ ތެރެއިން'' ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
"ވަރަށް ވަރަށް ޕްރެޝަރު އެބައިން ބޯޑަށް ވެސް އައިސްފައި، އެންޑް އެވްރީތިންގް އިޒް ޖަސްޓިފައިބަލް. ތި އެންމެންގެ އެއްވެސް ސްޓޭޓްމަންޓަކަށް އައި ކެނޮޓް ބީ ޑިސަޕޮއިންޓެޑް. އެވްރީތިން އިޒް ޖަސްޓިފައިޑް. ބަޓް އައި ވޯންޓު ސޭ ސަމްތިން. އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިން،" ނަޒާހާ ބުންޏެވެ.
އެހެން ބުނުމާއެކު، މުޒާހަރާގެ ބައިވެރިން ވަނީ، އެގޮތް ކަމުނުދާ ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.
ނަޒާހާގެ މަގާމު އޭނާ ދިފާއުކޮށް ވާހަކަދެއްކިއިރު، މުޒާހަރާގެ ބައިވެރިންނާ އެއްކޮށް ހުރުމަށް ޓަކައި އެބޯޑުގެ މެންބަރު ކަމުން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) ވަނީ އިސްތިއުފާ ދީފައެވެ.