"މައިންބަފައިންނަށް އަޅާލުމުގެ ގޮތުން ކުރެވިދާނެކަންތައްތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ގުޅާ ހާލު ބެލުން، ކެތްތެރިކަމާއެކު ވާހަކަތައް އަޑު އެހުން، ގިނައިން ޒިޔާރަތްކުރުން، މީރު ކާއެއްޗެހި ދިނުން، މަސައްކަތުގައި އެހީތެރިވެދިނުން، ޑޮކްޓަރަށް ގެންގޮސްދިނުން. ޚިޔާލުތަކަށް އިހުތިރާމްކުރުން އަދި ހަދިޔާދިނުން ހިމެނެއެވެ."
***
ކޮޓަރިތައް ހަލަބޮލިވެފައިވަނީ އެންމެން އުމްރާއަށް ފުރަންވެގެން ފޮށިތައް ޕެކްކުރުމުގެ ކަންތައްތަކާއި އުޅޭތީއެވެ. އަލްބާން އޭނަގެ މަންމަ ޒަހްރާ ގާތުގައި އެދެމުން ދިޔައީ ބާބިލްވެސް އެދަތުރުގައި ބައިވެރިވުމަށެވެ. "ފިރިއަކު ހުއްޓާ ބާބިލްއަށް އޭނަ ދޫކޮށްފައި ދެވޭނީ ކިހިނެއް؟
"ހޫމް...އަލްބާން ބާބްގެ ފިރިއަކަށްވާން ބޭނުންވަނީތަ؟" ޖޫރީ ސަމާސާ ހިނިގަނޑެއް ޖަހައިލިއެވެ.
"އާނ..."އަލްބާންވެސް ސަމާސާގައި ބައިވެރިވިއެވެ.
ޒަހްރާ އަލްބާންގެ މޫނަށް ބަލަން އިނީ ކަމެއް ދެނެގަންނަން ބޭނުންވާފަދަ ނަޒަރަކުންނެވެ.
"މަންމާ..އެންމެން އުމްރާއަށް ދާއިރު ބާބިލްވެސް އެކަނިކޮށްލާފައި ދިޔުމަކީ އިންސާފެއް ނޫން......ޕްލީޒް މަންމާ. ޓިކެޓްހުރިތޯ ބަލަންވީ؟"
"އެހާ ފަސޭހައިން ދެވޭތަ؟ޓިކެޓް ލިބޭތަ؟ އަނެއްކާ ވެކްސިންވެސް ޖަހަންޖެހޭ..."
ހުރިހާކަމެއް ފުރިހަމަކޮށްފިއްޔާ މަންމަ އެއްބަސްވާނަންތަ؟" އަލްބާން އޭނަގެ މަންމަގެ ކުރިމަތީގައި ހުރި ތިރިގޮނޑިއެއްގައި އިށީދެލައިގެން އިނދެ މަންމަގެ ފައިތިލަ މަސާޖްކޮށްލަދިނެވެ.
"ތެދެއް ބާބިލް؟ ފިރިމީހާ އެއްބަސްވާނެ؟" ޒަހްރާ އެހިއެވެ. ބާބިލްގެ ލޮލުން ޖެހިލުންވުމާއި ސިހުމުގެ އަސަރު ފެނިލިއެވެ.
"އޭނަ ބާބިލްއަށް ހެޔޮތަ؟ އަޅާލާތަ؟" ޒަހްރާގެ އެ ސުވާލަށް ބޯ ޖަހައިލިނަމަވެސް ޝައްކާއި ވަހުމް ހިތުގައި އުފެދެންފެށިއެވެ. ބާބިލް ދޫކޮށްލާފައި ދާން ހިތް ނޭދުނެވެ. ކޮންމެވެސް ސަބަބަކާއިހެދި އެމީހުން އެކުއްޖާއަށްވެސް ހިމާޔަތް ދީ އެކީ ގެންދާން ޖެހޭނެކަމަށް ގަބޫލުކުރެވުނެވެ.
"އެންމެ ރަގަޅު. އަލްބާން ޓިކެޓް ނަގާ.. މަންމަ ފައިސާދޭނީ.." މަންމަގެ ޖުމްލައާއެކު އޭނަ އުފަލުން ހަޅޭއްލަވައިގެންފާ ތެދުވެ މަންމަގެ ގައިގާ ބައްދައިގަތީ ޖޯޝާއެކުގައެވެ. އެމަންޒަރު ދެކެން ހުރި ޒަވިއާރު ޖެއްސުމުގެ ގޮތުން ދިމާކޮށްލިއެވެ. ނައީމް އެބުނަނީ ހަމަ ރަގަޅުވާހަކައެއްކަން ނޭގެއެވެ. ޒަވިއާރު ދެކޭގޮތުގައި އަލްބާން ބާބިލް އެގެންގުޅެނީ ކުޅޭ އެއްޗެއްގެ ގޮތުގައެވެ. އެކަމަކުވެސް އެފެންވަރުގެ ކުއްޖަކާއި މަޖަލަކަށްވެސް އެގޮތަށް ރައްޓެހިވުމުން އަލްބާންގެ އަގު ވެއްޓުންނޫން ކަމެއްނުވާނެ ނޫންހެއްޔެވެ؟ އޭނަ މައިރާ ގާތުގައިވެސް ބުނީ މަންމަމެން އެބުނާހާ އަޅުވެރި ކުއްޖަކަށް ބާބިލް ވާނެކަމާއިމެދު ޝައްކުކަމުގައެވެ. އެކުއްޖާވެސް އުޅޭނީ މޮޅެއް ހޯދުމަށެވެ. އެފަދަ ގެއަކުން ޅީދަރިއެއްގެ މަގާމު ބޭނުންނުވާނީ ކާކުހެއްޔެވެ؟
***
ކާރުގެ ދުވެލި ހުއްޓުމާއެކު އެންމެ ކުރިން ކާރުން ފައިބަން އަވަސްވެގަތީ މުރުތަސިމްއެވެ. އަހެދް އިންދިމާލަށް އެއްވެސް ވަރަކަށް ނަޒަރު ހިންގައިލުމެއްނެތި ސީތްބެލްޓް ނައްޓާފައި ފައިބަމުން ދޮރު ލެއްޕުނީ ހިސާބަށްވުރެ ބާރަށެވެ. ކަތުރުކަށިގަނޑަށް ބާރުލެވުނުއިރު ލޯވެސް ހަނިކޮށްލެވުނެވެ. އަހެދްގެ ހާޟިރުގައި އެންމެ ސިކުންތުކޮޅެއްވެސް އިތުރަށް ހޭދަކޮށްލަން އޭނަގެ ޟަމީރު ދެކޮޅުހެދިއެވެ. އޮޅުމާއި ބޭވަފާތެރިކަމުގެ އޮއިވަރެއްގައި އޭނަގެ ސިކުނޑި ޖެހި ޣަރަގުވެގެން ދިޔަހިނދުގައެވެ. އަދި އެއްވެސް ހާލެއްގައި އެއްބަސްވާން ބޭނުންނުވާފަދަ ރިހުމެއް ހިތުގެ ފުންމިނުގައިވާ އިރުގައެވެ.
އަހެދް އޭނަ ދާތަން ބަލަންއިންއިރު އެ ޝުއޫރުތައް ކިޔައިލުން ފަސޭހައެއްނޫނެވެ. ފަހަތުން ދާކަށްވެސް ބޭނުމެއްނުވިއެވެ. ނަމުން ގޮވައިވެސް ނުލިއެވެ. އޭނަ ދޮރު ހުޅުވައިލީ ދުނިޔޭގެ ހުރިހާ ބަރެއް އޭނަގެ ކޮނޑަށް ޖަމާވެފައިވާ ފަދައިންނެވެ. އޭނަގެ ނޭވާ އަވަސްވެފައިވިއެވެ. އޭނަގެ ނަޒަރު މަޑުޖެހިލީ ދޮރުމަތީގައި ހަށަން ބަދެލައިގެން ހުރި ކައިލްއާއެވެ. އެލޮލުގައިވީ ޝައްކާއި ވަހުމެވެ.
ކައިލްގެ ލޯ މުރުތަސިމްއިން ފެށިގެން އަހެދްގެ ހަމަޖެހިފައިވާ އެކަމަކު ސަމާލުކަމުގެ އިންތިހާ އަސަރުތައް އެކުލެވޭ މޫނަށް ހުއްޓުނެވެ. އެދޭތެރޭގައިވި ހަަމަނުޖެހުން މާބޮޑަށްވެސް ފައުޅުވާން ހުއްޓެވެ.
"އަނެއްކާވެސް ކޮންމެވެސް ކަމެއް ކުރީ....ނޫންތަ؟"
އަހެދް އެއްބުމަ އަރުވައިލަމުން އަތުކުރިން ޚިޔާލީ ހިރަފުސް ފޮޅައިލިއެވެ.
"ކޮންކަމެއްކަން ބަޔާންކޮށްދޭންވީނު...."
"ސިމްގެ އިހުސާސްތަކާއި ތިގޮތަށް ނުކުޅޭތި.. އަހެދް. އެއީ ޓޯއި އެއްނޫން..."އޭނަގެ އަޑުގައިވި ކެތްތެރިކަން ގެއްލިގެންދާގޮތްވިއެވެ.
"ރިގްރެޓް....ޖެލަސް މަޗް؟" އަހެދްގެ ތުންފަތަށް ވެރިވީ ނުސިޔާނު ހިންޏެކެވެ. އެއްވެސް ވަރަކަށް ދެރަވިހެން ހިޔެއްނުވެއެވެ. އޭނަގެ ލަފުޒުތަކަކީ ހަކުރުން ކަޅިވެފައިވާ ވިހައެވެ. އެއްފަހަރާ ކަށިހަރާފައި ސަމާސާވެސް ކޮށްލާނެއެވެ.
ކައިލްއަށް ޖަވާބެއް ދިނުމުގެ ކުރިން ބަރު ފިޔަވަޅުތަކުގެ އަޑު އިވުނެވެ. ނައީމްއަށް ގެއަށް އާދެވުނުއިރު ފެނުނު މަންޒަރުން އޭނަގެ ލޭ ހޫނުވީއެވެ. އަހެދްއާއި ކައިލް އެހާ ގާތުގައި ހުއްޓިލައިގެން ތިބުމުން އައި ރުޅީގައި އެލޮލަށް އަނދިރި ހިޔަންޏެއް އެޅުނުހެން ހީވިއެވެ. އިންޒާރަކާއި ނުލާ ބާޒެއް ޝިކާރައެއްގެ މައްޗަށް ޖެހިގަންނަހެން ފުންމައިގެން ގޮސް އަހެދްގެ އަތުކުރީގައި ތަދުވާހާ ބާރަށް ހިފެހެއްޓިއެވެ. ފިތައިގަތްގޮތުން އަހެދްއަށް އަޑެއް ލައްވައިލެވުނެވެ. ކައިލްއެ ދޭތެރެއަށް ވަންނާން މަސައްކަތްކުރިއެވެ.
"އޭނަ ދިޔަ ދީ...." ދަތްކުނޑިވިކައިގަންނަމުން ކައިލް އިންޒާރު ދިނެވެ.
ނައީމް އެއްވެސް ވަރަކަށް ދޫދިނުމެއް ނެތެވެ." ކަލޭ...ކަލޭ ދުރުގައި ހުރޭ..."
"އެކަމަކު....."
"ކަލޭގެ ނިޔަތް މޫނުމަތިންވެސް އެބަފެނޭ... އެންމެނަށް އިވޭވަރަށް ހަޅޭއްލަވާ އިއުލާން ކުރަން މަށަށް ނުޖައްސާތީ..." ނައީމް އިންޒާރުދިނީ އެއް އިނގިލި ދިއްކޮށްލަމުންނެވެ. ކައިލް އަޅި އަޅާލިޔަސް މައިތިރިވާން މަޖުބޫރުވިއެވެ. މުރުތަސިމްމެން ގެ ގޭގެ ކުރިމަތީގައި އެކަހަލަ މަންޒަރެއް ކުޅެން ވެއްޖެއްޔާ ކަންތައް ގޯހުން ގޯހަށް ހިނގައިދާނެއެވެ. ކައިލް ރުޅިން އަނދަ އަނދާ ހުރެވެސް ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އޭނަގެ ދެއަތުގެ މުށް ބާރަށް މަޅާލާފައިވިއެވެ.
ނައީމް އަހެދްގެ އަތަށް ދަމާފައި އަދިވެސް ގާތަށް ގެނައެވެ. އަދި ދަތްތަކުގެ ތެރެއިން ވާހަކަދެއްކިއެވެ."ތިއުޅެނީ މިހުރިހާކަމެއް ހަލާކުކޮށްލަން. އަހަރެން ކަލޭ މިހާ ދުރުން ގެނައީ މިކަހަލަ މޮޔައެއް ހައްދާކަށް ނޫން..."
އަހެދް ކަޅި އަޅާލާފައި ލައްކިއެއް ޖެހިގޮތަށް އަތްތިލަ ސަލާމަތްވިއެވެ. އޭރުވެސް އެހާބާރަށް ހިފަހައްޓައިގެންް ހުރުމުން ވިންދު ޖަހާ ތަދުވާގޮތްވިއެވެ. އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާންފަދަ ރުޅިވެރި ބެލުމަކުން އޭނަ ބަލަމުން ދިޔައެވެ. ކައިލް ދުރުގައި އެ މަންޒަރު ބަލަން ހުރިއިރު އޭނަގެ ޟަމީރު ހަޅޭއްލަވަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްކަމުގައި ބުނެއެވެ. ކަންބޮޑުވުމާއި އެހީތެރިކަން ފޯރުކޮށްދެވެން ނެތުމުގެ ހިތާމައާއިއެކު ކައިލް ދުރަށް ހިނގައިގަތީ ފަހު ނަޒަރުން ބަލައިލަމުންނެވެ. އިތުރަށް މަސްރަހު ހޫނު ނުކުރަން އޭނަ ދެނެގަތެވެ. ޚާއްސަކޮށް ނައީމްގެ ނުރައްކާތެރި ނަޒަރު އެތަންވެސް ނައްތާލާނެހެން ހީވިއެވެ.
ކައިލްގޮސް ގެއަށް ވަނީ އަހެދް ދުނިޔެއިންވެސް އެންމެ އިތުބާރު ނުކުރާ މީހާއާއެެކު އެކަނިކޮށްލާފައެވެ. އޭނަ އެނބުރުމުގެ ކުރިން އަތުގެ މުލައްދަނޑީގައި ހިފާ ތަދުވާވަރަށް ފިތައިލިއެވެ.
"ތިމާވަރުގެ ބުއްދިވެރި ހިކްމަތްތެރި މީހެއް ނެތްކަމަށް ދޯ ހިކުރަނީ؟"ނައީމްގެ ނޭވާގެ ހޫނުކަން އޭނަގެ މޫނަށް އެޅުނެވެ." މި އާއިލާގެ ތެރެއަށް ވަދެވުނީމަ މަށަށް ވުރެ މޮޅުވީކަމަށް ހީކުރީ؟ ތިއީ އެއްވެސް އެއްޗެއް ނޫން އަހެދް...ޝިކާރަކުރަން ބަަހައްޓާފައިވާ އެއްޗެއް. ކަލޭ ހަލާކުކުރި ހުރިހާ އެއްޗަކަށްފަހުު އަހަރެން ކަލޭ ދުނިޔެއިން ވަކިނުކޮށް ބެހެއްޓިކަމީ ނަސީބެއް..."
ނައީމްގެ ނިޔަފަތިތައް އޭނަގެ އަތުގެ މުލައްދަނޑިއަށް ހެރުނެވެ." ތިހެން އަމަލު ބަހައްޓަންވެއްޖެއްޔާ ހުރިހާ އެއްޗެއް ނިމިދާނެ... ކަލޭގެ ވެރިމީހާއަކީ ކާކުކަން ފަހަރެއްގައިވެސް ހަނދާން ނައްތާލައިގެން ނުވާނެ"
އަހަދްއަށް އަތްތިލަ ދަމައިގަނެވުނުލެއް ބާރުކަމުން އޭނަވެސް ހައިރާންިއެވެ. އޭނަގެ ލޮލުން ނަފްރަތުގެ ހުޅުގަނޑު އެނދިއެވެ. އަޑު އެހާ ތޫނެވެެ. އެ ބޯ ވައިގެ ފަށަލަވެސް އެ އަޑުގެ ތޫނުކަމުން އެހީވިފަދައެވެ.
"އެނގޭތަ؟ ޔޯ ޓައިމް އިޒް އޯވާ..." އޭނަ ބިރެއް ޖެހިލުމެއްނެތި އެއްޗެހި ކިޔައިގަތެވެ." އަހަރެންގެ ގައިގާ ދެން އިނގިލިކުރި ޖައްސާލިޔަސް އަހަރެން ކަލޭ ބަރުބާދުކުރާނަން....ކަލޭ ވުޖޫދަށް އައިކަންވެސް ހަނދާންނެތޭ ވަރަށް......."
އަހެދްއަށްވެސް ނޭގި މުރުތަސިމް އެދިމާލަށް ނިކުތްއިރު ފަހު ލަފުޒުތައް ކަންފަތަށް އިވުނެވެ. އެފިޔަވަޅުތައް ހުއްޓުނެވެ. އެންމެ ފަހުގެ ލަފުުޒުތަކުންވެސް ސިހުން ލިބި ގަނޑވިފަދައެވެ. ނޭވާވެސް ލާން ނޭގިފައި ހިމޭނުން ހުރެވުނެވެ. ނައީމް އޭނަގެ އަތުގައި ބާރަށް ހިފައިލަން އަދިވެސް ރަތް އަރާފައެވެ.
އޭނަގެ މޭގެ ތެރެއިން ކޮންމެވެސް އެއްޗެއް އެނބުރުނުހެން ހީވިއެވެ. އެއީވެސް އޭނައަށް އާ ކަމެއްނޫނެވެ. ކޮންމެ ފަހަރަކުވެސް އަމިއްލަ ނަފުސަށް އޭނަ ބުނަނީ އެތަނުން ދިއުމަށެވެ. ކޮންމެ ފަހަރަކު ހަނދާންކޮށްދެނީ މިއީ ވަގުތީ ކައިވެންޏެއްކަމުގައެވެ. އަގުދެއް ކަމުގައެވެ. އަހެދްއަކީ ތަގުދީރު އޭނަގެ ކުރިމައްޗަށް ގެނެސް އެއްލައިލި ކުށެކެވެ. ކުޑަކުޑަ ޒަޚަމްވެފައިވާ ކުއްޖެކެވެ. އެކަމަކުވެސް އަރައިރުންވުމުގެ އެއްވަނައެވެ. އޭނައަށް ދަތްތަކަށް ބާރުކޮށްލެވުނީ ރުޅިވެރިކަމާއެކު ރައްކާތެރިކަން ދޭން ބޭނުންވާފަދަ އިހުސާސްތައް ހިތު ތެރޭގައި ހޭލައިގަތުމުންނެވެ. އަދި އެންމެ ނުބައި ތަންކޮޅަކީ އެއީއެއްވެސް ނޫނެވެ. އޭނަ އަހެދްއާއި މި ދުނިޔެއާއި ދެމެދު އައްޑަނައަކަށް ހުރުން ތަބީއީކަމަކަށް ވުމުން އެކަމާއި ރުޅިއާދެވުނެވެ.
އަހެދް ފުން ނޭވާއެއް ދޫކޮށްލާފައި ފަހަތަށް ޖެހިލީ ނައީމް އަވަހަށް މިރަށުން ފުރާނެކަމުގެ އުއްމީދުގައެވެ. އޭނައަށް ނޭގުނީ ކުޅިގަނޑު އަނބުރައިލެވި ނައީމް ވިލްދާންގެ މައްޗަށް ގަދަވެގަނެގެން މަޑުކުރަން އުޅޭ ކަމެވެ.
މުރުތަސިމް އެ ފުޅާ ތަބުގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރިއިރު އެހެން ކަމެއް ފާހަގަވިއެވެ. އަހެދްއާއި ދުރަށް ދާން އުޅުނަސް ނުވާނެކަމެވެ. އަދި އެވެސް އަހެދް އޭނަގެ ހިމާޔަށް ބޭނުންވެފައި ހުއްޓައެވެ. އަދި އެހެން މީހަކަށް ރޭކާނުލިޔަސް އަހެދް އެންމެ ނޭވާއެއްލާންވެސް ހަނގުރާމަކުރާވަރު އެނގޭހިނދުގައެވެ. ފިޔަވަޅުގެ އަޑު ނީއްވާ އޭނަ ހިނގައިގަތްއިރު ހިތަށް ބަރުވެ ސިކުނޑި ބަނަވެއްޖެއެވެ.
ނުނިމޭ