ފެންނަނީ ''ފެއިލްޑް ސްޓޭޓެއް''، މައްސަލައަކީ ނަޒާހަތްތެރިކަން ނެތުން: ޖަމީލް

ރާއްޖެއިން ފެނިގެންދަނީ "ފެއިލްޑް ސްޓޭޓެއް"ގެ ސިފަތައް ކަމަށާއި، އެއީ ދައުލަތުގެ މަތީ ފަޑީގައި ނަޒާހަތްތެރި މީހުން ނެތުމުގެ ނަތީޖާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

"ސަން"ގެ އެޑިޓަރުގެ ސުވާލުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތައުލީމީ ގޮތުން ގާބިލް ނަމަވެސް، ނަޒާހަތްތެރި މީހުން މަދީ ކަމަށެވެ. މުޖުތަމައަށް ހެވެއް ދިނުމުގެ ބަދަލުގައި އެއިން ކޮންމެ މީހަކު ވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށާއި، އުސޫލާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުމުގައި އޮތް ހުރަހަކީ އެއީކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑެތި އުންމީދުތަކެއް، އަދި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ދާއިރާއެއް [ޝަރުއީ] ދާއިރާއަކީ. ހީއެއް ނުކުރަން މި ހިސާބަކަށް މި ކަންތައްތައް ހިންގައިދާނެ ކަމަކަށް.... މިހެން ހުންނަ ހުރިހާ ކަންތައްތަކަށް ބެލީމާ އަސްލު މިއަދު ފެންނަނީ "ފެއިލްޑް ސްޓޭޓެއް"ގެ މަންޒަރުތައް" ޖަމީލް ވިދާޅުވިއެވެ.

ސަރުކާރަށް ދޮޅު އަހަރުވީއިރު، އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ނުފޫޒު ގަދަ ބޭބޭފުޅުންނަށް ތުހުމަތު ކުރެވޭ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މި ފަހުން ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލައެއް ފެންމަތިވިއިރު، އޭގެ ތެރޭގައި ވެސް ސިޔާސީ މީހުންގެ މަސްލަހަތު އެބަ އޮތެވެ.

މި ކަމުގައި އާންމުންގެ ޕްރެޝަރު ބޮޑުވެފައިވަނިކޮށް، ރައީސް ޑރ. މުޙައްްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތައް ތަންފީޒު ކުރުމުގައި، ހަސަބާއި ނަސަބަށް އަދި މީހެއްގެ ސިޔާސީ ފިކުރަށް ނުބައްލަވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ މިހައިތަނަށް އައިއިރު، ރައީސް އެ ވިދާޅުވާ ގޮތަށް އަމަލުކުރައްވާ ތަން ނުފެންނަ ކަމަށެވެ. މިހާރު ދިމާވެފައި އޮތް ގިނަ މައްސަލަތަކުގެ އަސްލަކީ ވެސް، ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ކަމަށާއި، މިއީ އެންމެ ފާޅުގައި ގޯސް ހަދަމުންދާ ސަރުކާރު ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މިސާލަކަށް ރައްޔިތުން ކައިރީގައި ބުނަނީ ތިމަންނާ [މަގާމުތަކަށް] ނަގާނީ އެންމެ، ގާބިލް، އެކަށީގެންވާ، ތައުލީމީ މީހުންނޭ. އެހެން ވިދާޅުވާ އިރުގައި ނިޔަތް އޮތީ އެހެނަކުން ނޫން. އެ ކަމު ހަގީގަތަކީ އޯގަނައިޒްޑް ވެގެން ދައުލަތުގެ ތެރެއިން ލޫޓުވައިލަން އެހީތެރިވާނެ މީސްމީހުން މި ލަނީ. [ރައީސަށް] ނޭނގިއެއް ނޫން އެ ކަން ހިނގަނީ" ޖަމީލް ވިދާޅުވިއެވެ.

ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮށްވައި ފެނުނު މައްސަލާގައި ސަރުކާރުގެ ވެރިންތަކެއްގެ މަސްލަހަތު އޮތްއިރު, އެ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އާއްމުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. މިފަހުން ޒުވާނުންތަކެއް އިސްވެ މާލޭގައި ކޮންމެ ރެއަކު އަންނަނީ އިހުތިޖާޖުތަކެއް ކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އެ އަމަލު އދ. އާއި އެހެން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.

comment ކޮމެންޓް