ރާއްޖޭގެ ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ތައުލީމު ހާސިލް ކުރެއްވި, އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް, އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެ ޔުނިވާސިޓީއިން ތައުލީމު ހާސިލް ކުރެއްވި ބައެއް ދިވެހި ދަރިވަރުން އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މާދަމާ މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން, އައިއައިޔޫއެމްއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ތަގުރީރެއް ދެއްވުމަށް ވަނީ ނިންމަވައިފައެވެ. އަދި އެ ރަސްމިއްޔާތުގެ ތެރެއިން ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ޔުނިވާސިޓީގެ އެކި ކޮމެޓީތަކުގައި ދިޔައީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އެ ޝަރަފް އަރުވަން އެ ޔުނިވާސިޓީގެ ސެނެޓުން ނިންމާފައިވާކަން އަދި އެނގިފައެއް ނުވެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ. އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް މުއިއްޒަށް އެ ޝަރަފް ނާރުވާން ކުރީގެ ދަރިވަރުން އެދުނު ސަބަބުތަކުގެ ތެރޭގައި, ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުން ހިމެނެއެވެ.
އެއީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ދެއްވި ހަމަލާއެއްގެ ގޮތުގައި ދަރިވަރުންގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އދ. އިން ވެސް އެކަން ކުށްވެރި ކޮށްފައިވާއިރު އެކަމަކީ ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވުމަށްޓަކައި ކުރައްވާފައިވާ ކަމެއްގެ ގޮތުގައި ސިޓީގައި ބުނެފައެވެ.
އެހެންކަމުން އެގޮތަށް އަމަލު ކުރައްވާ ބޭފުޅަކަށް އެ ޔުނިވާސިޓީގެ އެންމެ އިސް އެއް ޝަރަފް އެރުވުމަކީ ޔުނިވާސިޓީގެ ނަން ހަޑި ވެދާނެ ކަމެއް ކަމަށް ދަރިވަރުންގެ ސިޓީގައި ބުނެފައިވެއެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރި, މަހާޒް އަލީ ޒާހިރަކީ ވެސް އެ ޔުނިވާސިޓީގެ ދަރިވަރެކެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއިން ބޭނުންއިރަކު ގެއްލުވާލެވޭ ގޮތަށް, ކުއްލި ގޮތަކަށް ގާނޫނުއަސާސީއަށް ވަރަށް އަވަސް އަރުވާލައިގެން ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން, އެ މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި މައްސަލައިގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
މި މައްސަލަ އދ. އިން ކުށްވެރި ކުރުމުގެ އިތުރުން, ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު "ބޭއިންސާފުން" ސަސްޕެންޑްކޮށް، ޝަރުއީ މިނިވަންކަން ގެއްލުވާލުމަށް ކުރާ އެހެނިހެން މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ގޮވާލައިފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ, އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައަވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅު ކުރައްވާނީ މާދަމާއިން ފެށިގެން ބުދައަށެވެ.