އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް މުނާސަބެއް ނޫން: ޖަމީލް

ޑރ. މުޙައްމަދު ޖަމީލް އަހްމަދު ޕީއެންއެފް ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމަށް މިއީ މުނާސަބު ދަނޑިވަޅެއް ނޫން ކަމަށާއި، އެ ކަން ކޮށްފިނަމަ، ޔުނިވަސިޓީގެ ނަން ހަޑި ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މާދަމާ މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން, އައިއައިޔޫއެމްއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ތަގުރީރެއް ދެއްވުމަށް ވަނީ ނިންމަވައިފައެވެ. އަދި އެ ރަސްމިއްޔާތުގެ ތެރެއިން ރައީސަށް އެ ޔުނިވާސިޓީގެ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ، އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ޔުނިވާސިޓީގެ އެކި ކޮމެޓީތަކުގައި ދިޔައީ މަޝްވަރާ ކުރަމުންނެވެ.

ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ. އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވެސް ވެސް ހިމެނިވަޑައިގަންނަވައެވެ. ޖަމީލް ޑިގްރީ އާއި މާސްޓާސް ވެސް ހެއްދެވީ އެ ޔުނިވާސިޓީންނެވެ.

https://sun.mv/205234

އައިއައިޔޫއެމަށް ޖަމީލް ފޮނުއްވި ސިޓީގައިވަނީ މި ސަރުކާރުގެ އަދުލު އިންސާފުވެރިކަމާއި، ނަޒާހަތްތެރިކަމާއި އަދި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަމީލް ފޮނުއްވި ސިޓީގައި މައިގަނޑު ފަސް ކަމެއް ވަނީ ފާހަގަ ކުރައްވައިފައެވެ. އެއީ:

  1. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއަކުން ބޭނުންއިރަކު ގެއްލުވާލެވޭ ގޮތަށް, އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ބަދަލު ގެނައުން
  2. އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުން ދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުން
  3. ސަރުކާރު ކުންފުނިތަކުގެ ވެރީން ހިންގި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކާ ގުޅިގެން، އެ މީހުންނާމެދި ގާނޫނުން ފިޔަވަޅު ނޭޅުން
  4. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރައްވާނޭ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތުމަށްފަހު، އެ ވައުދާ ކަނޑައެޅިގެން ޚިލާފުވުން
  5. އިސްލާމީ ގައުމަކަށް ރާއްޖެވީއިރު، އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކަމާއި، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ "ހައްގުތައް" ހިމާޔަތް ކުރުމާއި އެބޯޝަން ހެދުން ހުއްދަ ކުރުން ފަދަ ކަންކަމަށް ބާރުއަޅާ، ސަމޯއާ އެގްރީމެންޓުގައި މި ސަރުކާރުން ސޮއިކުރުން

އެހެން ކަމުން ޖަމީލް އެދިވަޑައިގަތީ، އައިއައިޔޫއެމްގެ ޝަރަފަށް ޓަކައި ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ, އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައަވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅު ކުރައްވާނީ މާދަމާއިން ފެށިގެން ބުދައަށެވެ.

comment ކޮމެންޓް