ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޝުޖާއުއަށް މަރުހަބާ ދަންނަވައިފިއެވެ.
ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިރެއެވެ.
އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަމަކާ ޒިންމާނަގަން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރަޓިކް އުސޫލު ކަމަށެވެ.
އަދި އަބަދުވެސް އިސްކަންދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ނަޝީދު ވަނީ ލިޔުއްވާފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން ވަނީ ވަގުތީ ގޮތުން އައްޔަން ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝުޖާއު އިސްތިއުފާދެއްވީ މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮންނެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ. މި އަޑުއުފުލުމުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވައިލައިފައެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އަހުމަދު ޒިލާލް އެކަނި ކަމަށް ފުލުހުން ބުންޏެވެ.