އިންގްލިޝް ޕްރިމިއާ ލީގު: ނިއުކާސްލް ތިންވަނައަށް އަރާ އިޕްސްވިޗް ރެލެގޭޓް ވެއްޖެ

ނިއުކާސްލް ތިންވަނައަށް އަރާ އިޕްސްވިޗް ރެލެގޭޓް ވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ނިއުކާސްލް ތިންވަނައަށް އެރިއިރު، އިޕްސްވިޗް ރެލެގޭޓްވެއްޖެއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މިމެޗު ވެގެންދިޔައީ ތަފާތު ސަބަބު ތަކަށްޓަކައި ދެޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ. މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން ނިއުކާސްލްއަށް މިމެޗު މުހިންމުވިއިރު ޕްރިމިއާ ލީގުން ރެލެގޭޓް ނުވުމަށް ކުރަމުންދާ ހަނގުރާމައިގައި އިޕްސްވިޗަށް ވެސް މިމެޗުން މޮޅުވުން ވަރަށް މުހިންމުވިއެވެ.

ނިއުކާސްލް އިން މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނު މިމެޗުގައި އެޓީމުން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތު ދެއްކި އިރުވެސް ނިއުކާސްލްއަށް އިޕްސްވިޗްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެހާތަނަށް ފެނުނީ ނިއުކާސްލްއިން ފުލުފުލުގައި ހަމަލާ އުފައްދަމުންދިޔައިރު އިޕްސްވިޗްއިން ގަދަޔަށް ޑިފެންސްކޮށް ލިބޭ ފުރުސަތުގައި ކުރިއަށް އެރޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

ނަމަވެސް އިޕްސްވިޗް އިން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ މެޗުގެ 37ވަނަ މިނެޓުގައި އެޓީމުގެ ބެން ޖޯންސަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު މެޗުގެ ބޮޑު ބައި އިޕްސްވިޗުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. މިމެޗުގައި ނިއުކާސްލްއިން ޖެހި ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެެވެ. މިލަނޑު ކާމިޔާބު ކޮށްދީ އެލެގްޒެންޑާ އިސާކް ވަނީ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބު ކުރި 22ވަނަ ލަނޑު ޖަހާފައެވެ. މިމެޗުގައި ނިއުކާސްލްގެ ދެވަނަ ލަނޑު މެޗުގެ 56ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެން ބާންއެވެ. އަދި ފަހު ލަނޑު މެޗުގެ 80ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިލް އޮސުލާއެވެ.

މިކާމިޔާބީ އާއެކު ނިއުކާސްލްއިން ވަނީ މިހާތަނަށް ކުޅުނު 34 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އިޕްސްވިޗް ޗެމްޕިއަންޝިޕަށް ރެލެގޭޓް ވެފައެވެ. މިއާއެކު މިސީޒަންގައި ޕްރިމިއާ ލީގުން ރެލެގޭޓްވާ ތިން ޓީމުވެސް މިވަނީ ކަނޑައެޅިފައެވެ. ރެލިގޭޓްވި އަނެއް ދެޓީމަކީ ލެސްޓާ ސިޓީ އާއި ސައުތެމްޕްޓަންއެވެ.

މިމުބާރާތުގައި މިރޭ ސައުތެމްޕްޓަން އާއި ފުލަމް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ފުލަމް ކާމިޔާބު ކުރިއިރު ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ލެސްޓާ ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވުލްވްސްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު