އެވަޓަންގެ މައްޗަށް ޗެލްސީ ކުރި ހޯދައިފި

އެވަޓަންގެ މައްޗަށް ޗެލްސީ ކުރި ހޯދައިފި --

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއަންނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޗެލްސީއަށް މިއީ ހޯދުނު ވަރަށް މުހިންމު މޮޅެކެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މިމެޗުން ބަލިވި ނަމަވެސް އެވަޓަން އިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގައި ޗެލްސީން ކާމިޔާބު ކުރި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 27ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ނިކޮލަސް ޖެކްސަންއެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު ބްރެންޓްފަޑްއާ ދެކޮޅަށް ކާމިޔާބުކުރި ލަނޑަށް ފަހު އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. މިމެޗުގައި ޗެލްސީއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެޓީމަށް ލިބުނެވެ.

ނަމަވެސް މި ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ އެވަޓަންއިން މެޗުގެ ފަހު ވަގުތު ކޮޅު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރުމެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ވެސް ހިފުނު ތަނެއް ނުފެނުނެވެ.

މިކާމިޔާބީ އާއެކު ޗެލްސީން ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރާ އުންމީދު މިވަނީ އިތުރު ކޮށްފައެވެ. ނަމަވެސް އެޓީމަށް ލީގުގައި ބާކީ ހުރި މެޗުތައް އެޓީމާ ވާދަކުރަމުންދާ އެހެން ޓީމުތަކާ އަޅާބަލާއިރު ތަންކޮޅެއް އުނދަގޫ ކަމުގައި ގިނަ ފަރާތްތަކުން ގަބޫލު ކުރެއެވެ.

މިގޮތުން އެންމެ އަވަހަށް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު ޗެމްޕިއަންސް ލީގަށް އެޓީމާ އެކު ވާދަކުރަމުންދާ ނިއުކާސްލް ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.

ޗެލްސީ މިވަގުތު އުޅެނީ 60 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި އެވަޓަން އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު