އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލުން ކްރިސްޓަލް ޕެލަސް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ޕެލަސް ޖާގަހޯދީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެސްޓާން ވިލާއާ ބައްދަލުކޮށް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ. ވިލާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ މިމެޗުގައި އުފެއްދި ނަމަވެސް އެޓީމުގެ ފަރާތުން ފަހަކަށް އައިސް ފެނިގެންދާ ޖޯޝުން ފުރިގެންވާ ކުޅުން މިމެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
ވިލާގެ ކުޅުންތެރިންގެ ފަރާތުން ޓީމެއްގެ ގޮތުގައި ކުޅެވިފައެއް ނުވެއެވެ. އެއާ ހިލާފަށް ޕެލަސް ފެނުނީ ދެޓީމުގެ ދެމެދުގައިވާ ފަރަގު އެނގި މެޗުން މޮޅުވުމަށް ބޭނުން ވެފައިތިބި ތަނެވެ. މިގޮތުން މުޅި ޓީމުގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަތަން ފާހަގަވިއެވެ. އަދި ވިލާ ކޮޅަށް ދާ ކޮންމެ ބޯޅައެއް ވެސް ލަނޑަކަށް ވެދާނެ ކަމުގެ ބިރު ހީވާ ވަގުތު މިމެޗުގައި އައެވެ.
މިމެޗުގައި ޕެލަސްއިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 31ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ޕެލަސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ މާގިނަ އިރު ތަކެއް ނުވެ ޕެލަސްއަށް ދެވަނަ ލަނޑެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެލަސްއަށް ލިބުނު ޕެނަލްޓީ ޖޮން ފިލީޕޭ މަޓޭޓާ ޖެހުމުން ދަނޑީގައި ޖެހިފާ ދިޔައީ ބޭރަށެވެ.
މިޕެނަލްޓީ ކާމިޔާބު ނުވުމުން ވިލާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ގަބޫލު ކުރެވުނު ނަމަވެސް މެޗުގެ 58ވަނަ މިނެޓުގައި ފެނުނީ އިސްމާއިލާ ސާ ކާމިޔާބު ކޮށްދިން ލަނޑުން މިމެޗުގައި ޕެލަސް އިން ދެ ލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލި ތަނެވެ. މިލަނޑާއެކު މިމެޗު ޕެލަސް ކާމިޔާބު ކޮށްފާނެކަމަށް ބެލެވުނުއިރު، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ސާ ކާމިޔާބު ކޮށްދިން ދެވަނަ ލަނޑާއެކު މިކަން ކަށަވަރުކުރިއެވެ.
މިއީ މިހާތަނަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރެވިފައިނުވާ ޕެލަސް މިމުބާރާތުގެ ފައިނަލުން ޖާގަހޯދި ތިންވަނަ ފަހަރެވެ. ނަމަވެސް އެންމެ ފަހުން އެޓީމަށް މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދިފައިވަނީ 2016ވަނަ އަހަރުއެވެ. މިމުބާރާތުގެ ފައިނަލްގައި ޕެލަސް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓްގެ މެދުގައި ކުޅޭ ދެވަނަ ސެމީ ފައިނަލް ކާމިޔާބު ކުރާ ޓީމަކާއެވެ.