ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމު "ވަން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ބަތަލާގެ ރޯލަށް ތަމަންނާ ބާޓިއާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސްއިން މިދިޔަ އަހަރު އިއުލާނުކޮށްފައިވާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ތަމަންނާ އަންނަނީ މި އަހަރުގެ ޖޫން މަހު މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.
ސިދާތު މަލްހޯތްރާއާ އެކު ތަމަންނާ ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ މި ފިލްމަކީ އިންޑިއާގެ ސަގާފީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މިތޮލޮޖީ ފޯކް ތުރިލާއެކެވެ.
ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ތަމަންނާ އަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުން މިފަހުން ފުރުސަތު ހޯދަމުން އަންނަ ސައުތު ބަތަލާއިންގެތެރޭ ހިމެނޭ ތަރިއެކެވެ.

ސިދާތު ފިލްމު "ޕަރަމް ސުންދަރީ"ގެ މަންޒަރެއްގައި ބަތަލާ ޖާންވީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ބާހޫބަލީ"އިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ބަތަލާގެ ކުރިއަށްހުރި ބޮލީވުޑް ފިލްމުތަކުގެތެރޭ އަޖޭ ދޭވްގަންއާ އެކު ބަތަލާގެ ރޯލް ކުޅޭ ފިލްމު "ރޭންޖާ" އަދި އެކްޓަރު ޖޯން އަބްރަހަމްއާ އެކު ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ އިތުރުން މަޝްހޫރު ކޮމެޑީ ފްރެންޗައިސް "ނޯ އެންޓްރީ 2" ހިމެނެއެވެ.
ތަމަންނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ތެލުގޫ ސުޕަނެޗުރަލް ތުރިލާ ފިލްމު "އެޑެލާ 2"އިންނެވެ.
ފިލްމު "ވަން"ގެ ލީޑް ރޯލް ކުޅޭ ސިދާތު މަލްހޯތްރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ޕަރަމް ސުންދަރީ"އިންނެވެ. މި ފިލްމުގައި ސިދާތުއާ އެކު ބަތަލާގެ ރޯލް ކުޅެނީ ޖާންވީ ކަޕޫރެވެ.