ސްޕެނިޝް ކޮޕަ ޑެލް ރޭ ގެ ތަށި އެފްސީ ބާސެލޯނާއިން އުފުލާލައިފިއެވެ.
މި މުބާރާތުގެ ތަށި ބާސާއިން އުފުލާލާފައިވަނީ ރޭ ކުޅުނު ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑާ ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި ސީޒަންގައި ފެނިގެންދިޔަ ތިން ވަނަ އަލް ކްލެސިކޯ ވެގެންދިޔައީ މި ސީޒަންގައި މިހާތަނަށް މި ދެ ޓީމުގެ މެދުގައި ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ކުރިމަތިލުމަށެވެ.
މި މެޗު ފެށުމުގެ ކުރިން މެޗްގެ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޮއެޓްޒިއާ ދިން އިންޓަވިއުއަކާ ގުޅިގެން ރެއާލްއިން މި މެޗުގައި އޭނާ ރެފްރީކަން ކުރަން ފިޓް ނޫންކަމަށް ބުނެ އޭނާ ބަދަލު ކުރުމަށް އެދުނެވެ. އޭގެ ސަބަބުން މި މެޗުގައި ރެފްރީއަށް އޮތް ސަމާލުކަން ވަރަށް ބޮޑުވިއެވެ. އަދި މެޗުގައި ކިރިޔާ ފައުލެއް ކުރާއިރަށްވެސް ރެފްރީ ވަށާލައި ޝަކުވާ ކުރިތަން ދިޔައީ ފެންނަމުންނެވެ.
ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ އެ ޓީމުންނެވެ. މި ހާފުގައި އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް އޭގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ފުރުސަތެކެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ބާސާއަށް ނަގައިދިނީ ޕެޑްރީއެވެ.
މި މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ރެއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ލިބިގެންދިޔަ ހިލޭ ޖެހުމަކުން ކިލިއަން އެމްބާޕޭ ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި މިލަނޑު ޖެހިތާ ހަތް މިނެޓް ފަހުން ލިބުނު ކޯނަރަކުން އައުރޭލިއޯ ޗުމޭނީ ވަނީ ރެއާލްއަށް މި މެޗުގެ ލީޑު ނަގައިދީފައެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 84 ވަނަ މިނެޓުގައި ފެރާން ޓޯރޭސްއެވެ. އަދި އިތުރު ވަގުތުގައި ރެއާލްގެ ރައުލް އެސެންސިއޯ ބާސާގެ ރަފީނިއާއަށް ފައުލް ކުރިކަމަށް ނިންމާ ރެފްރީ ބާސާއަށް ޕެނަލްޓީއެއް ދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ޕެނަލްޓީ ވަނީ ބާތިލްކޮށްފައެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުމެވެ. މި މެޗުން ބާސާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ޖޫލްސް ކޮއުންޑޭއެވެ. އަދި މެޗުގެ 120 ވަނަ މިނެޓުގައި އެމްބާޕޭ ފައުލެއް ކުރިކަމަށް ނިންމާ ބާސާއަށް ޖެހުމެއްް ދިނުމާއެކު ރެއާލްގެ ބެންޗުން ހިތްހަމަ ނުޖެހުން ފާޅު ކުރުމާ ގުޅިގެން ބެންޗުގައި ތިބި އެންޓޯނިއޯ ރުޑިގާ އާއި ލޫކަސް ވަޒްކޭޒްއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ. މީގެ އިތުރުން ޖޫޑް ބެލިންހަމަށް ވެސް މިމެޗުގައި ރަތް ކާޑު ދައްކާފައިވެއެވެ.
މި ދެ ޓީމުގެ މެދުގައި މިސީޒަންގައި ހަތަރު ވަނަ އަލް ކްލަސިކޯއެއްް މިއަންނަ މަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލަލީގާގައި ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ މެޗު ބާސާ ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް ލީގު ކަށަވަރު ވުމުގެ ފުރުސަތުވެސް ބޮޑެވެ. އެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ބާސާގެ ކޯޗު ހާންސީ ފްލިކް އެ ޓީމާ ހަވާލުވި ފަހުން ރެއާލް އާއި މިހާތަނަށް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބު ކުރެވޭނެއެވެ. އަދި މި ފަހަރުގެ ކޮޕަ ޑެލް ރޭ އަކީ ބާސާ އާ އެކު އޭނާއަށް ހޯދުނު ފުރަތަމަ މައި ތައްޓެވެ.