ސަރުކާރު: ހަމަ ޖެހުމެއް ނެތް، އަބަދު ހާސްކަމެއްގައި، ކީއްވެ؟

ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި: -- ފޮޓޯ/ ރައީސް އޮފީސް

މީހެއްގެ މިސާލަށް ވިސްނަމާތޯއެވެ. އަބަދު ހާސްކަމެއްގެ ތެރޭގައި ނުވަތަ ކަންތައްގަނޑެއްގެ ތެރޭގައި އުޅެން ޖެހޭނަމަ ދެން ވާނެ ގޮތާމެދުގައެވެ. ހަމަގައިމު ވެސް އެ ހާލަތުގައި އަބަދު އުޅެން ޖެހިފައިވާނަމަ އެ މީހަކު ރަނގަޅަށް ފަންކްޝަނެއް ނުކުރާނެއެވެ. އޭނާ ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވެސް ބުރޫއަރާނެއެވެ. ހަމައެހެންމެ އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ނުކުރާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެއެވެ. ހަމަ އެކަނި އަމިއްލަ ނަފްސެއް ނޫނެވެ. ވިޔަފާރި ކުންފުންޏެއް ވިޔަސް, ސަރުކާރެއް ވިޔަސް އޮތީ ހަމަ މި ހަގީގަތެވެ. ހަމަޖެހިލުމެއް ނެތި އަބަދު ކަންތައްގަނޑެއްގެ ތެރޭގައި އުޅެންވެއްޖެ ނަމަ ހަމަގައިމު ވެސް ރަނގަޅަށް ކުރަން ޖެހޭ މަސައްކަތެއް ނުކުރެވޭނެއެވެ. މި ސަރުކާރަށް ބަލާނަމަ އެއީ މިސާލެކެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް އެއް އަހަރާއި ފަސް މަހާއި 10 ދުވަސް މި ވަނީ ވެފައެވެ. އެއީ ޖުމުލަ 527 ދުވަހެވެ. މިއީ ދިވެހީން ވަރަށް ބޮޑު އުއްމީދެއްގައި ގެނައި ސަރުކާރެކެވެ. އެހެން ސަރުކާރުތަކަށް ވުރެން ރައީސް މުއިއްޒުގެ ސަރުކާރަށް ކުރި އުއްމީދު ބޮޑެވެ. އެއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ޝައުގުވެރި މަގަކުން ކަމަށް ވާތީއެވެ. ޕީއެޗްޑީ ހާސިލް ކުރެއްވުމަށްފަހު ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ހަތް އަހަރު ހުންނެވިއެވެ. އެއީ ލައްކަ ތަޖުރިބާއެވެ. އެ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ނުހިންގާ ވަރުގެ ބޮޑެތި އެތައް މަޝްރޫއެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގެވިއެވެ. އެއަށްފަހު އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ މާލޭގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ޕީޕީއެމަށް ހޯދައިދެއްވެވިއެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ދިވެހީން މި ސަރުކާރާމެދު ކުރި އުއްމީދުތައް އޮތީ އާސްމާނުގައެވެ.

https://www.sun.mv/199769

ނަމަވެސް ވަކި ކޮޅަކަށް ނުޖެހި އެއްޗެއް ބުނާނަމަ ބުނެވޭނީ މި ސަރުކާރަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި, ވަރަށް އަވަހަށް ގިނަ ބައެއްގެ މަގުބޫލުކަން ގެއްލުނު ސަރުކާރެއް ކަމަށެވެ. އޭގެ ތެރޭގައި މި ސަރުކާރު ގެންނަން އެކި ލެވަލްގައި މަސައްކަތް ކުރި މީހުން ވެސް ހިމެނެއެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ ސަރުކާރަށް ހިންދެމިލުމަށް ފުރުސަތެއް ނުލިބުމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގިނަ ފަހަރަށް ސަރުކާރުން އުޅެން ޖެހިފައި މިވަނީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައެވެ.

ކަމަކަށް ފަހު ކަމެއް!

އޭގެ ބައެއް މިސާލުތަކަށް ކުރުކޮށް ބަލާލާނަމަ ވެރިކަމަށް ހަފުތާއެއް ނުވަނީސް އެ ބޭފުޅެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުالله ޔާމީން ސީދާ ސަރުކާރާ ދެކޮޅަށް ނުކުންނެވީއެވެ. ހަމައެހެންމެ 700 އަށްވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދާ, ސިއްރުން ހިލާފުވެވަޑައިގަތުމުން ދެން ކަންތައް ހިނގައިދިޔަ ގޮތް ވެސް އެއީ މިސާލެކެވެ.

ހަމަ އެހެންމެ ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށް ކުރީއެވެ.

ޒަމާނުންސުރެއް އެންމެ ގާތް އެކުވެރި, އަވައްޓެރި ގައުމު ކަމަށްވާ އިންޑިއާއާ ޖެހެން ނުޖެހޭ ވަރަށް ޖެހިގަތީއެވެ. ހުރިހާ އެއްޗެއް ކިޔުމަށްފަހު ދެން އަނެއްކާ އިންޑިއާއާ ގާތްވުމަށް މުޅި ސިޔާސަތު ޔޫޓާނެއް ނެންގެވީއެވެ. އާސަންދައަށް އިންޑިއާއަށް ފޮނުވުމުގެ ބަދަލުގައި ތައިލޭންޑާއި ޔޫއޭއީއަށް ފޮނުއްވާނެ ކަމާއި ތުރުކީ އާއި އެހެން ގައުމުތަކުން ކާބޯތަކެތި ހޯއްދަވާނެ ކަމަށް ސީދާ ރައީސް ވިދާޅުވި ނަމަވެސް އެއީ އެންމެ އެދެވޭ ގޮތަކަށް ކުރެވޭނެ ކަމަކަށް ނުވިއެވެ.

ރަނގަޅަށް ހިސާބު ނުޖަހައި ފެއްޓެވި ރަސްމާލެ ޕްރޮޖެކްޓަކީ ވެސް ސަރުކާރުގެ އިމޭޖު ހަޑިވެގެން ދިޔަ ކަމެކެވެ. ރޭވުންތެރިކަމެއް, ފައިސާއެއް ނެތި ފެށި އެ ބޮޑު ޕްރޮޖެކްޓް ހުއްޓި އެކަން ބޮޑު ޖޯކަކަށް ވެގެންދިޔައީއެވެ. ދެން ސީދާ ރައީސް އިއުލާން ކުރެއްވީ, ރަސްމާލެ އާއި މާލެ ގުޅާލުމަށް 'އަންޑަވޯޓާ ޓަނަލް' އެއް އަޅާ ވާހަކައެވެ. ސަރުކާރުން ފަހުން ބުނީ އެ ޓެކްނޮލޮޖީ އަދި ދުނިޔޭގައި ނެތް ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ބާރު އޮތަތީ މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލް ސީދާ ރައީސްގެ އަތްޕުޅަށް ނެންގެވުމަށް ޓަކައި ގާނޫނުއަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހާއެކު މެންބަރުން ބަނދެލެއްވުމަކީ ވެސް ފާހަގަކޮށްލެވޭ އަދި ސަރުކާރާމެދު މީހުން ދެކޭގޮތް ހަޑިވި ކަމެކެވެ. އަދި އެކަން އިތުރަށް ގޯސްވެގެން ދިޔައީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކަން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި ހިސާބުންނެވެ. އެއާއެކު އދ. ހިމެނޭގޮތަށް ބައިނަލްއަގުވާމީ އެތައް ޖަމިއްޔާ, ޖަމާއަތެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

ޒުވާން އަންހެން ކުއްޖަކު އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި މި ފަހުން ފެނުނު މައްސަލައިގައި ވެސް ސަރުކާރު މިވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ގޮސްފައެވެ. ކުށުގެ ވެށީގައި އުޅޭ ޒުވާނުންތަކެއްގެ މެދުގައި ހިނގި ކަމަށް ބެލެވޭ މި ކަންތަކުން ސަރުކާރު ޕްރެޝަރަށް ދާން ޖެހުނީ އިސްވެރިންތަކެއްގެ މަސްލަހަތު މިކަމުގައި އޮވެ, އެތައް ކަމެއް ސިއްރު ކުރަން އުޅުނު ހިސާބުންނެވެ. އެއާއެކު ކުރިން ސިޔާސީ ކަންކަމުގައި ނުވެސް އުޅޭ ޒުވާނުންތަކެއް މަގުތަކަށް ނުކުމެ އިންތިހާއަށް ޕްރެޝަރު ސަރުކާރަށް ދީފިއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވަން މަޖުބޫރުވުމެވެ. އެކަމަކު އެހާ ހިސާބަކުން ވެސް މައްސަލަ ހައްލެއް ނުވިއެވެ.

މީގެ އިތުރުން ވެސް އިރުއިރުކޮޅާ ސަރުކާރާއި ރައީސްގެ ނިންމެވުންތައް ބަދަލު ކުރެއްވުމަކީ ވެސް ސަރުކާރާ މެދު އާއްމުންގެ އިތުބާރު ކުޑަވާ ކަމެކެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާއި "ޑަބަލް ޕެންޝަން" ލިބޭ އުސޫލު އުވާލުމަށް ފަހު އަނެއްކާ އެކަން އިޔާދަ ކުރުން ފަދަ ކަންކަމެވެ.

އަސްލު މިހެން މިވަނީ ކީއްވެ؟

ރާއްޖޭގެ ސިޔާސީ ކަންކަން ވަރަށް ގާތުން ބައްލަވާ, އަދި ކުރިން ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅަކާ މި ސުވާލު ކޮށްލުމުން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"މިއީ އަސްލު ރައީސް މުއިއްޒުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ނޫން. އެކަމަކު މި މައްސަލަތައް އިތުރަށް ގޯސްވެ, މި ބޮޑު ވެގެން މި ދަނީ ރައީސް މުއިއްޒު އަމަލު ކުރައްވާ ގޮތުން," މިހާރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ އެ ބޭފުޅާ ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ މިސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތް ނާޒުކު ހާލަތެވެ. ނަމަވެސް އެކަމަށް ބެއްލެވުމެއްނެތި ރައީސް މުއިއްޒު މާ ސިންގާ ވައުދުތައްވެވަޑައިގެންނެވީއެވެ. އަދި އިގްތިސާދު ހަމަޔަކަށް އަޅުވާނެ ފައިސާ ހަމަޖެހިފައި ހުރި ވާހަކައާއި އެއްވެސް ހާސްކަމެއް ނެތް ކަމަށް ވިދާޅުވެ ކެމްޕެއިންގައި އެތައް ވާހަކައެއް ދެއްކެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންގެ އުއްމީދު ވަރަށް ބޮޑުވީ. އެކްސްޕެކްޓޭޝަން ވަރަށް މަތީގައި ހުރީ. ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން މި އެނގުނީ ހަޒާނާއަކު މާބޮޑު އެއްޗެއް ނެތްކަން. ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަން. އަނެއްކާ ހާރިޖީ ސިޔާސަތު ގޯސްވުމުން މާ ބޮޑު އެހީއެއް ނުލިބޭ ހަގީގަތުގައި މި ސަރުކާރަކަށް. އެހެންވީމަ ރާއްޖޭގައި މިހާރު އެއްވެސް ބޮޑު މަޝްރޫއެއް ނުހިނގާ ނޫންތޯ؟،" އޭނާ އިތުރަށް ތަފްސީލު ކޮށްދެއްވިއެވެ.

ބައެއް ކަންކަމުގައި ރައީސް މުއިއްޒު އަމަލު ކުރައްވަނީ ވަރަށް "އިންމެޗުއާ" ނުވަތަ ތަސައްރަފު ނުފުދޭ ގޮތަށޭ ބުނެވޭނެ ފުރުސަތު ވެސް އޭނާގެ ނަޒަރުގައި އެބައޮތެވެ. އޭގެ އެއް މިސާލަކީ އިންޑިއާއަށް ނިސްބަތްކޮށް ރާއްޖެ ކުޑަޔަސް "ބުލީ" ނުކުރެވޭނެ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅެވެ.

https://www.sun.mv/199134

"ރައީސް އެ ކުރެއްވީ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެއްގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން. ހާރިޖީ ކަންކަން ހައްލު ކުރަންވާނީ ޑިޕްލޮމެޓިކް އުސޫލުން. އޭގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން ވިސްނަވާ. އިންޑިއާ މާކެޓުން ޓޫރިސްޓުން މަދުވުން އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް," އޭނާ ކިޔައިދެއްވިއެވެ.

ސަރުކާރަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވި ކަންކަން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑު ވަޒީރު, ނަރެންދުރަ މޯދީއަށް ކުޑާމީސް ކުރުމާއި ފާޅުގައި ކޮރަޕްޝަންތައް ހިންގާ ބޭފުޅުންނަށް އިސް މަގާމުތައް ދިނުން ފަދަ ކަންކަން ހިމެނެއެވެ.

"އަސްލު ނާގާބިލް މީހުންނަށް މާ ބޮޑެތި މަގާމު ރައީސް ދެއްވީ. ކުރިން ވެސް ޕާޓީ މީހުންނަށް ކޮންމެ ސަރުކާރަކުން ވެސް މަގާމުތައް ދޭ. އެކަމަކު މި ސަރުކާރުގައި އެންމެ މަތީ ފަޑިއަށް ވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ވަރަށް ދަށް މީހުން އައްޔަން ކުރީ. އޭގެ ނަތީޖާއަކީ އެ މީހުން ހަދާ ގޯސްތަކުން ސަރުކާރަށް ހަޑި ނަން ލިބުން," އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ހެއްދެވޭ އަނެއް ބޮޑު ގޯހެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މާ ބޮޑަށް "ރިއެކްޓް" ކުރެއްވުމެވެ. ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ މީހަކު ދައްކާ ވާހަކައަކަށް ރައްދު ދޭން ވެސް މުޅި ސަރުކާރު ޑިފެންސަށް ފައިބާތައް ފެނެއެވެ. އަދި ސީދާ ސަރުކާރުން ބެހެން ނުޖެހޭ ބައެއް ކަންކަމަށް ވަދެ, އެކަން ކޮންޓްރޯލް ކުރަން އުޅުމުން ދިމާވާ ކަންކަމުން ވެސް ސަރުކާރަށް އެބަ އޭގެ ހުތުރު ނަން ލިބެއެވެ.

އެފަދަ އެއް ހާދިސާއަކީ މިދިޔަ އޮގަސްޓް 25 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއިން ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރުގެ ހިދުމަތް މެދުކަނޑާލަން ނިންމުމުން ދެން ކަން ހިނގިގޮތެވެ. މުޅި ސަރުކާރު ޑިފެންސަށް ފޭބީއެވެ. އެ ދުވަހުން އެ ދުވަހަށް ބޭންކުގެ އެ ނިންމުން ބަދަލު ކުރަން މަޖުބޫރުކޮށް އެކަން ކުރީއެވެ. އަދި އެވަރުން ހުއްޓާލެއްވީއެއް ނޫނެވެ. ފުލުހުން ލައްވާ ބަޔާނެއް ނެރުވައި އެކަމަކީ އިދިކޮޅާއި ބޭންކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ހިންގަން އުޅުނު ކަމެއްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައި ޖިނާއީ ތަހުގީގެއް ފެށީއެވެ. އަދި ރައީސް އިސްވެ ހުންނަވައި ބައެއް ވަޒީރުންނާއެކު ޕީއެންސީ ޖަގަހަ ޖަލްސާއެއް ބާއްވަވައި ބޭންކުން އަމަލު ކުރިގޮތަކީ "މާލީ ބަގާވާތެއް" ގެންނަން އުޅުނީ ކަމަށް ސިފަ ކުރެއްވެވިއެވެ. ހަމައެހެންމެ ރާއްޖޭގައި އެހާ ޒަމާންވީ އަދި ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ބޭންކުގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ގޮތަށް ވާހަކަ ދެކެވުނެވެ.

މިފަހުން މި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ވެސް މިފަދަ ކަމެއް މިވަނީ ހިނގައިފައެވެ. އެ ޒުވާން އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގެ ފެށުން ގުޅިފައި ވަނީ އެ ރޭ ޒުވާނުންތަކެއް މަސްތުވާތަކެއްޗާއެކު ކުރި ޕާޓީއަކާ ކަމަށް ތުހުމަތު ކުރެވެއެވެ. އެ ޕާޓީކުރުމުގައި މި ސަރުކާރުން ރައީސް އޮފީހުގެ އިސް މަގާމެއް ދިން މީހަކު ހިމެނޭ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އޭނާއަށް ރައީސް އޮފީހުގެ އިސް މަގާމު ދިންއިރު އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއްކަމަށް ފުލުހުން އާއްމު ކުރި މައުލޫމާތުން އެނގެއެވެ. ނަމަވެސް ރައީސް މިފަހުން ވެސް އެކަން ވެސް ގުޅުވާލަން މަސައްކަތް ކުރީ އިދިކޮޅާއެވެ. އެގޮތުން މިފަދަ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލައި މަޖާކުރަން" ޕްރޮމޯޓް ކުރާ މީހުން ކަމަށް ރައީސް ވިދާޅުވުމުން އާއްމުން އެކަން ބަލައިގަތް ގޮތް ގޯސްވިއެވެ. ތައުރީފަށް ވުރެން ފާޑު ކިޔުން މާ ބޮޑުވިއެވެ. އެއީ ވެސް މާ ބޮޑަށް ރިއެކްޓް ކުރުމުގެ ނަތީޖާއަށް ވެދާނެއެވެ.

ރައީސް އިންޑިއާ ދަތުރުފުޅުގެ ތެރެއިން: ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ކާމިޔާބު ދަތުރުފުޅެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިހެން ގޮސް "މައިކްރޯ މެނޭޖިން" ގައި ސީދާ ރައީސް އުޅުއްވާކަން ހާމަވާ އެތައް ކަމެއް ފެންނަން އެބަހުއްޓެވެ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ ލީޑާޝިޕްގައި މައްސަލަތައް ދިމާވުމެވެ. އަސްލު ފޯކަސް ކުރަން ޖެހޭ ކަންކަމަށް ފޯކަސް ނުކުރެވި ކުދިކުދި ކަންކަމުގައި އުޅެ ވަގުތައް ބޭކާރު ވެގެން ދިއުމެވެ.

މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ދާއިރާގެ ތަޖުރިބާކާރަކު މި ރިޕޯޓަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވިގޮތުގައި ރައީސުން ހައްދަވާ އެންމެ ބޮޑު ގޯހަކީ ޑިމޮކްރެޓިކް އުސޫލުން, ސިސްޓަމްގެ ތެރެއިން ކަންކަން ހިނގިޔަ ނުދިނުމެވެ. މުއައްސަސާތަކާއި ކުންފުނިތައް ހިނގަން ޖެހޭނީ ވަކި އުސޫލަކުން އެކަމެއް ހަވާލުކޮށްފައިވާ ބައެއްގެ މެދުގައި ކަމަށް ވީނަމަވެސް ރާއްޖޭގައި ރައީސުން އެ ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަންގަވާތީ ހިނގާ އެހެންކަންކަމުގެ ހަޑި ނަން ވެސް ނަގަން ޖެހެނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ގެއަކަށް ބަލާނަމަ އެ ގޭގެ ހުރިހާ ކަމެއް ވަކި މީހަކު ކޮންޓްރޯލްގެ ތެރެއިން އެހެން މީހަކާ ނުޖައްސާ ކުރަންޏާ ކަމެއް ގޯސްވާއިރު އޭނާ އެކަމުގެ ޒިންމާ ނަގަން ޖެހޭނެތާ. ހަމަ އެގޮތަށް ވެސް ސަރުކާރަކަށް ވެސް ވާނީ. ރައީސުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަންގަވަންޏާމު ކަމެއް ގޯސްވީމަ އެ ހަޑި ނަން ވެސް އަންނާނީ ރައީސަށް," އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސަރުކާރުން ހަދާ އަނެއް ބޮޑު ގޯހަކީ ކަންކަން ކޮށްގެން ނަތީޖާ ނެރުމުގެ ބަދަލުގައި މާ ބޮޑަށް ޕީއާރަށް ފޯކަސް ކުރުމެވެ. ޕީއާރުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ރަނގަޅު ކަންތައްތަކެއް ކުރެވޭތަން ރައްޔިތުންނަށް ނުފެންނަ ނަމަ އޭގެ ހެޔޮ ނަތީޖާއެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހެޑްލައިން ހެދިދާނެ. އެކަމަކު ހެޑްލައިން މާ ގިނަ ވުމަކީ އޭގެ މުހިންމުކަން މީހުންނަށް ގެއްލޭނެ ކަމެއް. ރައީސް އަބަދު އަބަދު ހެޑްލައިން ހެއްދެވީމަ އޭގެ އަގު އެބަ ދައްވޭ. އަދި ނަތީޖާ ނުނިކުންނަ ހެޑްލައިންތަކުން ސަރުކާރަށް އޮންނަ އިތުބާރު ދަށްވޭ," އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ގިނަ ގޯސްތަކެއް ހެދިފައިވާކަން މިއޮތީ ފެންނާށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ސަރުކާރު އަބަދުވެސް ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުމެވެ.

މީޑިއާގައި ކޮންމެ ދުވަހަކު އެތައް ހެޑްލައިނެއް ހެއްދެވި ނަމަވެސް އިތުބާރު މިވަނީ ކުޑަވެފައެވެ. ކުރިއަށް އޮތްތަނުގައި ހަރުދަނާ ލީޑާޝިޕެއް ދެއްކެވުމަށާއި އިތުބާރު އަލުން ހޯއްދެއްވުމަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރަން އެބަ ޖެހެއެވެ.

އެންމެ މުހިންމީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވުމާއެކު ބަހަށް ވުރެން އަމަލު ގިނަކޮށް ނަތީޖާ ނެރުއްވުމެވެ. އަދި ޖަޒުބާތީ ނިންމުންތައް ގިނަ ނުކޮށް, ހަމަޖެހިލައިގެން ކަންކަން ނިންމުމެވެ. މާ ބޮޑަށް ރިއެކްޓް ކުރެއްވުމާއި މައިކްރޯ މެނޭޖު ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން މިހާތަނަށް ކަންކަން މި ހިނގައިދިޔަ ގޮތުން މިއޮތީ ފެންނާށެވެ.

comment ކޮމެންޓް