ހަތް މަސް ތެރޭ ރަސްމާލޭގެ 1009 ހެކްޓަރުން 100 ހެކްޓަރު ހިއްކައިފި

27 އެޕްރީލް 2025: ރަސްމާލެ 101 ހެކްޓަރު ބިން ހިއްކައިފައި --- ފޮޓޯ/ އެޗްޑީސީ

މަސައްކަތް އަލުން ފެށިތާ ހަތް މަސް ދުވަސް ފަހުން ރަސްމާލެ ހަދަން ޖުމްލަ ހިއްކަންޖެހޭ 1009 ހެކްޓަރުގެ ބިމުގެ ތެރެއިން 101 ހެކްޓަރުގެ ބިން ހިއްކައިފިއެެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ 101 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް-J ގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް D,F,G,L ގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިމެވެ.

މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ.

ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަ ތްވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭނެއެވެ.

27 އެޕްރީލް 2025: ރަސްމާލެ 101 ހެކްޓަރު ބިން ހިއްކައިފައި --- ފޮޓޯ/ އެޗްޑީސީ

އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11،000 ގޯއްޗާއި، 26،000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރަސްމާލެ ހިއްކަން 2023 ޑިސެމްބަރު 18 ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާށެވެ. އެކަމަކު، މަޝްރޫއު ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަންޖެހި، މަޝްރޫއު މަޑުޖެހި ގިނަ ދުވަސްތަކެއް ވިއެވެ.

https://sun.mv/198953

އޭގެ ފަހުން ދެން އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 10ގައެވެ.

ރަސްމާލެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.

ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ.

ސަރުކާރުން ނިންމާފައިވަނީ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާށެވެ. އެ ތަނުގައި 30،000 އެއްހައި ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރޭވިއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ.

comment ކޮމެންޓް