ވޮޝިންޓަން (27 އެޕްރީލް 2025) : ޣައިރު ގާނޫނީ ހިޖުރަވެރިން އެމެރިކާއިން ބޭރުކުރުމަށް އެމެރިކާ ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގައި އެމެރިކާގައި ފަނޑިޔާރަކު ހައްޔަރު ކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމާ ދެކޮޅަށް އިހުތިޖާޖް ފަށައިފިއެވެ.
ހައްޔަރުކޮށްފައިވަނީ ވިސްކޮންސިން ސްޓޭޓްގެ މިލްވާކީ ކައުންޓީގެ ސަރކިޓް ކޯޓެއްގެ ފަނޑިޔާރު ހެނާ ޑޫގަންއެވެ. މިފަނޑިޔާރު ހައްޔަރު ކުރީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އަމުރަށް އެމެރިކާގެ ފުލުހުންގެ ފެޑްރަލް އިދާރާ "އެފްބީއައި" އިންނެވެ.
"އެފްބީއައި" ގެ މިހާރުގެ ވެރިޔާ ނުވަތަ ޑައިރެކްޓާ އޮފް ދަ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ކަޝް ޕަޓޭލް ވިދާޅުވީ ފަނޑިޔާރަކަސް އޭނާގެ ހުދޫދުން ބޭރުވީމާ ހައްޔަރު ކުރާނެ ކަމަށެވެ. ހައްޔަރުކުރި ފަނޑިޔާރުގެ މައްޗަށް ކުރެވިފައިވަނީ ޣައިރު ގާނޫނީ ހިޖުރަވެރިން އެމެރިކާއިން ބޭރުކުރުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮގްރާމަށާއި އެ ޕްރޮގްރާމުގެ އިޖުރާއާތްތަކަށް ހުރަސްއެޅުމެވެ.
އިންޑިއާ ދަރިކޮޅުގެ ބޭފުޅެއްކަމަށްވާ ޕަޓޭލް ވިދާޅުވިގޮތުގައި ޣައިރު ގާނޫނީ ހިޖުރަވެރިއަކު އެމެރިކާއިން ފުރުވާލުމަށް އެމެރިކާގެ އިމިގްރޭޝަން އޮފިސަރުން މިދިޔަ ހަފުތާގައި ކުރި މަސައްކަތަށް ފަނޑިޔާރު ހެނާ ޑޫގަން ހުރަސް އެޅުއްވުމުން އެ މީހާއަށް ވަނީ ގާނޫނާ ޚިލާފަށް ފިލައި ރައްކާވުމުގެ ފުރުސަތު ލިބިފައެވެ.
އިމިގްރޭޝަނުން ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ، ގަވައިދާ ޚިލާފަށް އެމެރިކާގައި ދިރިއުޅެމުން ދިޔަ ފްލޯރެސް ރޫއީޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ކޯޓު އިމާރާތުން ފިލާފައި ވަނީ ވަލުދޮރޯށިންނެވެ. ޕަޓޭލް ވިދާޅުވިގޮތުގައި ނަސީބު ރަނގަނޅުކަމުންނާ އަދި އެފްބީއައިގެ އެޖެންޓުންގެ ހުޝިޔާރުކަމުން އެ މީހުން ދުވެފައިގޮސް ފްލޯރެސް ފިލުމުގެ ކުރިން އޭނާ ހައްޔަރު ކުރިއެވެ.
ޣައިރު ގާނޫނީ ހިޖުރަވެރިން އެމެރިކާއިން ބޭރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ހިންގާ ކަންތައްތަކަކީ ގާނޫނާ ޚިލާފަށް ހިންގާ ކަންތައްތަކެއް ކަމަށް ބުނެ އެމެރިކާގެ އެކި ކޯޓުތަކަށް މައްސަލަ ހުށަހެޅުމުން ކޯޓުތަކުގެ ފަނޑިޔާރުން ވަނީ އެ މީހުން ބޭރުކުރުން ހުއްޓުވުމުގެ އަމުރުތައް ނެރެފައެވެ.
ބޭރުކޮށްލަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތްކުރާ ގިނަ ހިޖުރަވެރިންނަކީ އެ މީހުންގެ މައްސަލާގައި ގޮތެއް ނިންމުމަށް ކޯޓުގައި މައްސަލަ ހުރި ފަރާތްތަކެވެ. އެހެންކަމުން އެއީ ޣައިރު ގާނޫނީ ހިޖުރަވެރިން ކަމަށް ވިޔަސް ކޯޓުގައި އޮތް މައްސަލަ ނިމުމުގެ ކުރިން އެ މީހުން އެމެރިކާއިން ބޭރުކޮށްލުމަކީ ޣައިރު ގާނޫނީ ކަމަކަށްވާތީއެވެ.
ނަމަވެސް މިގޮތަށް ފަނޑިޔާރުން ކޯޓު އަމުރު ނެރުމުން ޓްރަމްޕް އެކަން ސިފަކުރައްވަނީ ޣައިރު ގާނޫނީ ހިޖުރަވެރިން އެމެރިކާއިން ބޭރުކުރުމަށް އޭނާ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ހުރަސްއެޅުމަށް ފަނޑިޔާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ.
ހިޖުރަވެރިން ބޭރުކުރުމުގެ ކަންތައް މަޑުޖައްސާލުމަށް ކޯޓުތަކުން ނެރޭ އަމުރުތަކަށް ޓްރަމްޕްގެ ސަރުކާރުން އެއްވެސް ވަރަކަށް އަމަލެއް ނުކުރެއެވެ. އަދި އެފަދަ އަމުރުތައް ފެޑްރަލް ސަރުކާރުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަންފީޒެއްވެސް ނުކުރެއެވެ. އެހެންކަމުން އެމެރިކާގެ ކޯޓުތަކުގެ ބާރު ޓްރަމްޕްގެ ސަރުކާރުގެ މައްޗަކަށް މިހާރު ނުހިނގައެވެ. އަދި ފަނޑިޔާރުންވެސް ތިބެނީ ހައްޔަރުކޮށްފާނެކަމަށް ބިރުންނެވެ.
އެފްބީއައިގެ އެޖެންޓުން، ފަނޑިޔާރު ހެނާ ޑޫގަން ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ކޯޓުގެ ކައިރިއަށް ޖަމާވެ އޭނާ މިނިވަން ކުރުމަށް ގޮވައިލައި އަޑު އުފުލާފައެވެ.