ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް އެކުންފުންޏާ ހަވާލުކުރަން ފުލުހުންނަށް އަމުރުކޮށްފި

ފުލުހެއް: ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް އެކުންފުންޏާ ހަވާލުކުރަން ފުލުހުންނަށް ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި އަމިއްލަ ކުންފުންޏަކުން ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން އެތަން ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓުތައް އެ ކުންފުންޏާ ހަވާލު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ ގޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 30ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރުމަށް ފަހު، ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ވެސް ހިމެނޭ ކަމަށް ފުލުހުން އެ ރޭ ބުންޏެވެ.

އެ ކުންފުންޏަކީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެކެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ އިކޮނޮމިކް މިނިސްޓްރީން އެ ކުންފުނީގެ ވިޔަފާރުކުރުމުގެ ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އެ ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ވެސް ފުލުހުންނަށް ދީފައިވާ ކަމަށެވެ.

https://sun.mv/203742

މި މައްސަލައިގައި އެ ކުންފުނިން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އެ ކުންފުނިން އުފައްދާފައިވާ ސިނގިރޭޓާއި އެތެރެކޮށްފައިވާ ދުންފަތް ދޫކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށެވެ. އޭގެ ތެރޭގައި ސިނގިރެޓު ޕެކު ކުރަން ރާވާފައިވާ ގިނަ އަދަދެއްގެ ހުސް ފޮށި ވެސް ހިމެނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރީ މިދިޔަ އަހަރުގެ 13 ނޮވެންބަރުން ފެށިގެންނެވެ.

ރޭޑިއަސްއިން ބުނީ އެ ކުންފުނިން އަނބުރައި ހޯދަން އުޅޭ ސިނގިރޭޓުތަކަކީ، އެ ތާޜީޚުގެ ކުރިން އުފަައްދާފައިވާ ތަކެެތި ކަމަށެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކުރީ، ސިނގިރޭޓާއި ދުންފަތް ވިއްކުމަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުލުހުންނަށް ހުށަހަޅާ ތާރީޚުން ފެށިގެން އެ ތަކެތި އެ ކުންފުންޏަށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމަށެވެ.

އަދި އެ ތަކެތީގެ ފޮރެންސިކް ތަހުލީލުތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް އެއްބާރުލުންދީ، ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ވެސް ހުކުމްގައިވެއެވެ.

comment ކޮމެންޓް