ކުޑަކުދިންނަށް ކުރާ އަނިޔާގެ 65 މައްސަލަ މިދިޔަ މާޗު މަހު ރިޕޯޓުކޮށްފައި ވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު އެ މިނިސްޓްރީން ވަނީ، ކުޑަކުދިންނާ ގުޅޭ ގޮތުން މިދިޔަ މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ހާމަކޮށްފައެެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމުލަ 65 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީގެ އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން، ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 16 މައްސަލައެއް މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، ޖިންސީ ގޯނާ ކުރި 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ މައްސަލަތައް މިދިޔަ މަހު ރިޕޯޓުކުރި އަދަދުތައް:
- ނަފުސާނީ އަނިޔާގެ ހަތް މައްސަލަ
- އިހުމާލުގެ 12 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ފެނުމުގެ އަށް މައްސަލަ
- ބްލެކްމެއިލް ކުރުމުގެ ތިން މައްސަލަ
- އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ހަތް މައްސަލަ
- ސައިބާ ބުލީ ކުރުމުގެ އެއް މައްސަލަ
- އެހެނިހެން ހަތަރު މައްސަލައެއް
އެއާއެކު، މިދިޔަ މަހުގެ ތެރޭގައި އަމިއްލަ ނަފުސަށް ކުޑަކުދިން ގެއްލުން ދިނުމުގެ 16 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ، 12 އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެކެވެ.
އެ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު 40 މައްސަލައެއް ވަނީ ބަލާފައެވެ. އެގޮތުން، އެންމެ ގިނަ އަދަދަކަށް މިނިސްޓްރީން ބަލާފައިވަނީ ވެސް ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ ބާވަތުގެ 16 މައްސަލަ ބަލާފައިވާއިރު، ނަފުސާނީ އަނިޔާގެ 12 މައްސަލައެއް ވަނީ ބަލާފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އާންމު އިރު، މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށްވުރެ ގިނަ މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.
މިފަހުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ހުކުމް ތައްފީޒުކުރާ މީހުންގެ މައުލޫމާތު ވެބްސައިޓެއްގައި ޝާއިއުކުރަން ފަށައިފައެވެ.