ހުށަހެޅި 62 ޕަސެންޓު އާރްޓީއައިތަކަށް ފުރިހަމައަށް ޖަވާބެއް ނުދޭ: އެސެސްމަންޓު

ނޫސްވެރިއަކު ފޮތެއްގައި އެއްޗެއް ނޯޓު ކުރަނީ: ހުށަހެޅި 62 ޕަސެންޓު އާރްޓީއައިތަކަށް ފުރިހަމައަށް ޖަވާބެއް ނުދޭ ކަމަށް އާރްޓީއައި އެސެސްމަންޓުން ވަނީ ދައްކާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދާރާތަކަށް ހުށަހެޅި އާރްޓީއައިތަކުގެ ތެރެއިން 62 ޕަސެންޓު އާރްޓީއައިތަކަށް ފުރިހަމައަށް ޖަވާބުނުދޭ ކަމަށް އާރްޓީއައި އިމްޕްލިމެންޓޭޝަން އެސެސްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މޯލްޑިވްސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އާންމުކުރި މި އެސެސްމަންޓު ތައްޔާރުކޮށްފައި ވަނީ، އެކި ދާއިރާތަކުގެ 30 އިދާރާއަކުން ނަގާފައިވާ ސާމްޕަލްތަކަށް ބިނާކޮށެވެ. އެ އިދާރާތަކުގެ ތެރޭގައި ހިމެނެނީ، ސަރުކާރު އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ކުންފުނިންތަކެވެ.

އާރްޓީއައި ގާނޫނު ތަންފީޒު ކުރާ މިންވަރު ބެލުމަށް އެސެސްމަންޓު ކުރިއަށް ގެންގޮސްފައި ވަނީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރެސީ (ސީއެލްޑީ)ގެ މެތަޑޮލޮޖީ ބޭނުންކޮށްގެނެވެ.

މި އެސެސްމަންޓުން ދައްކާ ގޮތުގައި، އެ ތަންތަނަށް ހުށަހެޅި އާރްޓީއައިތަކުގެ ތެރެއިން ފުރިހަމައަށް ޖަވާބުދީފައި ވަނީ 38 ޕަސެންޓު އާރްޓީއައި ތަކަށެވެ. އެ އާރްޓީއައިތަކުގައި ހޯދަން އެދިފައިވާ މައުލޫމާތު ފުރިހަމައަށް ލިބުނީ 45 ޕަސެންޓު ހުށަހެޅުމަށް ކަމަށް އެސެސްމަންޓުގައި ވެއެވެ. ނަމަވެސް، އެއީ އެ ހުށަހެޅުންތަކަށް ޖަވާބުދޭން ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

އޭގެއިތުރުން، ސަރުކާރު އިދާރާތަކުން އާރްޓީއައި ހުށަހެޅުންތަކަށް ޖަވާބުދޭން ކަނޑައަޅާފައިވާ މުއްދަތުގައި ޖަވާބު ދޭ ކަމަށް ފާހަގަކޮށް، އެސެސްމަންޓުގައި ވަނީ ގިނަ ފަހަރަށް އެ ހުށަހެޅުންތަކުގައި އެދިފައިވާ މައުލޫމާތު ދީފައިނުވާ ކަމަށް ބުނެފައެވެ.

އިދާރާތަކުގައި އާރްޓީއައި ތަންފީޒު ކުރުމުގެ ޕްލޭނެއް ނެތުމާއި ހަރުދަނާ އޮންލައިން އިންފްރާންސްޓްރަކްޗާއެއް ނެތުމުގެ އިތުރަށް މައުލޫމާތު ހޯދަން އާރްޓީއައި ހުށަހަޅާ ފަރާތްތަކަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް އެސެސްމަންޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެއާއެކު، އެސެސްމަންޓުން ރާއްޖެއަށް ލިބިފައި ވަނީ އެކަކުން 0.56ގެ ސްކޯއެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއިން އެކަނި އެކަން ކުރެވުމުގެ ބަދަލުގައި އަމަލީ ގޮތުން އެ ހައްގު ލިބުމަށް ސަރުކާރު އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ބޭނުންވާކަން އެސެސްމަންޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް