މާލޭ ސަރަހައްދަށް ވާރޭ ވެހެންފެށިތާ މާގިނަ އިރުތަކެއް ނުވެ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެންހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
މިރޭ 09:20 ހާއިރުން ފެށިގެން މާލެއަށް އައީ ވާރޭވެހެމުންނެވެ. ނަމަވެސް، ބޯކޮށް ވާރޭ ވެހެން ފެށީ 08:30އެހާއިރެވެ. ވެހުނު ބޯ ވާރެއާއެކު ކުޑަ ވަގުތުކޮޅެއް ތެރޭ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާލޭގެ މަގެއް މަތީ މިރޭ ފެންބޮޑުވެފައި --- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ
އެގޮތުން، ފަސް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެލިބަސްތާ ޖެހުމަށް ވެސް ތައްޔާރަށް ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިހާރު އެމްއެންޑީއެފުން ފެން ހިންދަމުން ދަނީ، ވެސްޓް ޕާކު ސަރައްހަދާއި އައިޖީއެމްއެޗާއި މާފަންނު ފެރީ ޓާމިނަލާއި ދަރުބާރުގޭގެ އިތުރުން ބޮޑުވަޅު ސަރަހައްދުގައެވެ.

މާލޭގެ މަގެއް މަތީ ފެންބޮޑުވެފައި ---- އަހުމަދު ސާއިލު އަލީ
ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން 'ސަން'އަށް ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހެންކަމުން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މެންދަމު 02:30އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.