އާލިއާ، ރަންބީރު އަދި ވިކީގެ 'ލަވް އެންޑް ވޯ' ރިލީޒްކުރުން ފަސްކުރަނީ

ފިލްމު 'ލަވް އެންޑް ވޯ'ގެ ލީޑް ތަރިން ކަމަށްވާ ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ އެންމެ އުންމީދީ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރާނެ ތާރީޚު ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެނެސްދޭން އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާޗު މަހެވެ.

ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ޝޫޓިން ލަސްވުމާ ގުޅިގެން ސަންޖޭގެ ޓީމުން ނިންމާފައިވަނީ އަންނަ އަހަރުގެ އޮގްސްޓް މަހުގެ 14 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެނައުމަށެވެ.

ފާހަގަކުރަންޖެހޭ ކަމަކީ މި ފިލްމު އަންނަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާއިރު ދާދި ފަހުން ދަރުމާ ޕްރޮޑަކްޝަންސްއިން އިއުލާނުކުރި "ނާގްޒިއްލާ" ވެސް ރިލީޒްކުރަން ނިންމާފައިވަނީ އޮގަސްޓް މަހުގެ 14ވަނަ ދުވަހެވެ.

ފިލްމު 'ލަވް އެންޑް ވޯ'ގެ ލީޑް ތަރިން ކަމަށްވާ ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/ޕިންކްވިލާ

މިއީ އެކްޓަރު ކާތިކް އާރްޔަން ހަރުފައެއްގެ ރޯލުން ފެންނާނެ ފިލްމެކެވެ. މީގެ އިތުރުން، މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ "ބޭޅިޔާ 2" ވެސް ރިލީޒްކުރުމަށް ނިންމާފައިވަނީ ހަމަ މި ތާރީޚުގައެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަ ތާރީޚަށް އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ލަވް އެންޑް ވޯ" ނިންމަން ކަނޑައެޅި ތާރީޚަށް ފިލްމުގެ މަސައްކަތް ނުނިމުނީ ބައެއް ޝޫޓިންތައް ނުނެގި ތިން މަސް ދުވަހުގެ ޑިލޭއެއް އައުމުންނެވެ.

މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މި އަހަރުގެ ޑިސެމްބަރު މަހެވެ. މި ފިލްމަކީ ރަންބީރު އަންހެނުން އާލިއާ އަދި ވިކީ ކޯޝަލް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް