ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ފެއާ، 'އަރަބިއަން ޓްރެވަލް މާކެޓް' ދުބާއީގައި މިއަދު ފަށައިފި

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުން ޝާނިހާ ޝަރީފް

ދިވެހިރާއްޖެއިން މި އަހަރު ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، "އަރަބިއަން ޓްރެވަލް މާކެޓް 2025" (އޭޓީއެމް 2025) މިއަދު ހެނދުނު ދުބާއީގައި ފަށައިފިއެވެ.

އޭޓީއެމް 2025 އަކީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާއެވެ.

މި ފެއާ ކުރިއަށްދަނީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަަދުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި ފެއާގެ މި އަހަރުގެ ތީމްއަކީ، "ގްލޯބަލް ޓްރެވަލް: ޑިވެލޮޕިން ޓުމޯރޯސް ޓޫއަރިޒަމް ތްރޫ އެންހޭންސްޑް ކަނެކްޓިވިޓީ" މިއެވެ.

'އަރަބިއަން ޓްރެވަލް މާކެޓް 2025': ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރާތްކުރާ މީހުންނަށް މައުލޫމާތުދެނީ -- ފޮޓޯ/ ޝިނާން

ދުނިޔޭގެ 160 ވުރެ ގިނަ ގައުމުތަކުން ބައިވެރިވާ މި ފެއާގައި ރާއްޖެ ބައިވެރިވުމަށް ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން މިއަދު ފެއާ ފެށިއިރު ރާއްޖޭގެ 110 ސްޓޯލެއް ބަހައްޓާފައިވެއެވެ. އެ ސްޓޯލްތަކުގައި ރާއްޖޭގެ މައި އިގްތިސޯދު ކަމަށްވާ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބެލުމުގެ ދަށުން މި ސްޓޯލްތަކުގައި ފަތުރުވެރިކަމުން ރާއްޖެ ޕްރޮމޯޓުކޮށް، ރާއްޖެއަށް ފައިދާވާނެ އެތައް ކަމަކަށް މި ފެއާގައި އަލިއަޅުވާލާފައިވެއެވެ.

މި ހަރަކާތް ފެށުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

'އަރަބިއަން ޓްރެވަލް މާކެޓް 2025': ރާއްޖޭގެ ސަގާފީ ނެށުންތައް ވަނީ ދައްކާލާފައި -- ފޮޓޯ/ ޝިނާން

މި ފެއާގައި ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ސްޓޯލްތައް ހުރިއިރު، އެ ތަނުގައި ބައެއް ކަހަލަ ދިވެހި ކެއުންތަކާއި، ދިވެހި ހެދުން ފަދަ ތަކެތި ޑިސްޕްލޭކޮށްފައި އެބަހުއްޓެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ކުންފުނިތަކުން މި ފެއާގައި ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ފެއާގައި ދިވެހި ސަގާފީ ނެށުންތައް ވެސް ދައްކާލާފައިވެއެވެ.

ފެއާގެ ހަރަކާތްތައް ފަށާފައި ވަނީ ގްރޫޕް ފޮޓޮއަކުންނެވެ. ގާތްގަނޑަކަށް 235 ދިވެހިން ވަނީ މި ފެއާގައި ބައިވެރިވެފައެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖެއިން އިސްނަގައިގެން ބާއްވާ ޚާއްސަ މޯލްޑިވިއަން ނައިޓެއް މިރޭ ބާއްވާނެއެވެ. މީގެ އިތުރުން ވެސް ދިވެހި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގޮތުން އެކި ކަހަލަ ސައިޑް އިވެންޓުތައް ބާއްވާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް