ޕާން ރައްކާކުރުމަށް ނޫނީ ގިނަ ދުވަހު ބޭނުންކުރުމުގެ ނިޔަތުގައި އެކި މީހުން ވަރަށް ގިނަ އުކުޅުތައް ގެންގުޅެއެވެ.
ނަމަވެސް ޕާން ނުވަތަ ބަނަސް ފަދަ ބާވަތްތައް ރައްކާކުރެވޭ ގޮތަކުން އޭގެ ރަހައަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޔޫރަޕްގެ ޤައުމުތަކުގައި ޕާން ރައްކާކުރާ ގޮތަށް ބަލާލާއިރު އެމީހުން ޕާން ރައްކާ ކުރުމަށްޓަކައި ގެންގުޅޭ ހާއްސަ ފޮއްޓެއް، "ބްރެޑް ބޮކްސް"އެއް ބަދިގޭގައި އަބަދުވެސް ހުރެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ޤައުމުތަކުގައި ޕާން ރައްކާކުރުމަށް އައިސްއަލަމާރިއަށް ލުމަކީ ވަރަށް އާއްމުކަމެކެވެ.
އައިސްއަލަމާރިއަށް ޕާން ލުމުގެ ސަބަބުން ބަދިގޭގައި ކޮންމެވެސް ވަރަކަށް ޖާގަ ހެދުނު ނަމަވެސް ޕާނުގެ ރަހަޔަށް އޭގެ ސަބަބުން ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެކްސްޕާޓުން ބުނެއެވެ.

ޕާން ރައްކާ ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ފޮއްޓެއް-- ފޮޓޯ/ ސޕިންޓްރެސްޓް
ސައުތު ކެރޮލިނާގެ ކްލެމްސަން ޔުނިވަސިޓީގެ ފުޑް ސިސްޓަމްސް އެންޑް ސޭފްޓީ ޕްރޮގްރާމްގެ ޓީމް ޑައިރެކްޓަރު އެންޑް އެސޯސިއޭޓް އެކްސްޓެންޝަން ސްޕެޝަލިސްޓް ކިމްބަލީ ބޭކާ ބުނެފައިވާ ގޮތުގައި ސިއްހީ ގޮތުން މާބޮޑު ގެއްލުމެއް ހަށިގަނޑަށް ނުކުރި ނަމަވެސް ޕާނުގެ ކޮލިޓީއަށް ބަދަލުތަކެއް އަންނާނެއެވެ.
ޑިޖިޓަލް ޖާނަލްއެއްގައި ކިމް ބޭކާ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އައިސްއަލަމާރިއަށް ޕާން ލުމުގެ ސަބަބުން އޭގެ ތެތްކަން ކެނޑި ޕާން ހަރުވެ މާބޮޑަށް ހިކޭގޮތްވެއެވެ. އޭގެ ސަބަބުން ބައެއް ފަހަރު ޕާން ކެއުމުގައި އުނދަގޫތަކެއް އިހުސާސް ކުރެވި އޭގެ ރަހަޔަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ.

އައިސް އަލަމާރިއަށް ޕާން ލާނަމަ އެކަމުގައި ފަރުވާތެރިވާންޖެހޭ ކަންކަން ހުރޭ--ފޮޓޯ/ޓައިމްސްއޮފްއިންޑިއާ
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ޔޫރަޕްގެ ވަރަށް ގިނަ ގޭގޭގައި ޕާން އަދި ބަނަހުގެ ބާވަތްތައް ފިހެނީ އަމިއްލައަށެވެ. މިގޮތަށް އަމިއްލައަށް ގޭގައި ޕާން ފިހޭނަމަ ކޮންމެހެން އައިސް އަލަމާރިއަށް ނުލިޔަސް އާދައިގެ ފިނި ހޫނުމިން ހުންނަ މާހައުލެއްގައި ތިނެއް ނުވަތަ ފަސް ދުވަސް ވަންދެން ޕާން ގެންގުޅެވޭނެ ކަމަށް ކިމް ބޭކާގެ ޖާނަލްގައި ވަނީ ބުނެފައެވެ.
ނަމަވެސް ގެއަށް ބޭރުން ގަންނަ ޕާން އަދި ބަނަހުގެ ބާވަތްތަކުގައި މުއްދަތު ހަމަވާނެ ވަކި ތާރީޚެއް ދީފައިވާނަމަ އެ މުއްދަތުގެ ތެރޭގައި އެ އުފެއްދުމެއް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކިމް ބޭކާ ވަނީ ބުނެފައެވެ.
ނަމަވެސް އެ މުއްދަތަށްފަހު ވެސް ޕާން ބޭނުންކުރަން ބޭނުންވާނަމަ އައިސްއަލަމާރިއަށް ލުމަށްފަހު ބޭނުންކުރެވިދާނެ ކަމަށް ކިމް ބޭކާގެ ޖާނަލްގައި ބުނެފައިވެއެވެ.
ދެން ވިސްނާލަންޖެހޭ ކަމަކީ މިގޮތަށް އައިސްއަލަމާރިއަށް ޕާން ނުވަތަ ބަނަސް ނޫނީ ސަވަޑޯ ވިޔަސް ލުމުގައި ރައްކާތެރިގޮތަކީ ކޮބައިތޯއެވެ.
ކިމް ބޭކާގެ ޖާނަލްގައި ކިޔައިދީފައިވާ ގޮތުގައި ޕާން ރައްކާކުރުމުގައި އަބަދުވެސް އެއާޓައިޓް ކޮންޓެއިނާއެއް ބޭނުންކުރުން މުހިއްމެވެ. ޕާން ފްރީޒްކުރަން ބޭނުންވާނަމަ ކާބޯތަކެތި ބަންދުކުރުމަށް ހާއްސަ އުރައަކުން ވައި ބޭރުނުވާފަދަ ގޮތަކަށް ޕާން ރައްކާކުރެވިދާނެއެވެ.
އެއަށްފަހު އެލުމިނިއަމް ފޮއިލް އޭގައި އޮޅާލުމުން ޕާން ތާޒާކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ކިމް ބޭކާގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ބައެއްކަހަލަ ޕާނުގެ ބާވަތްތަކަކީ މިގޮތަށް ފްރީޒްކޮށްގެން ގާތްގަނޑަކަށް ހަ މަސް ވަންދެން ބޭނުންކުރެވިދާނެ ބާވަތްތަކަށްވީ ނަމަވެސް އެންމެ ރަނގަޅު ގޮތުގައި އެ އުފެއްދުމެއްގައި އިރުޝާދުދީފައިވާ ގޮތަށް އެ އިންނަ މުއްދަތެއްގެ ތެރޭގައި ބޭނުންކުރުމަށް ކަމަށް ކިމް ބޭކާ ވަނީ ބުނެފައެވެ.