އިންޑިއާގެ ގައުމީ ބްރޯޑްކާސްޓަރު، ދޫރުދަރުޝަން ޗެނަލްއިން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ އެލިމިނޭޝަން ރައުންޑުތައް ފަށައި ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" ފުރަތަމަ ފަހަރަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
ދިވެހީންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ މި މުބާރާތުގެ އެލިމިނޭޝަން ރައުންޑް ފަށާފައިވަނީ ރޭގައެވެ. އެއާއެކު ރާއްޖެ ތަމްސީލު ކުރުމަށް ބޭންޑު ތައްޔާރުވެފައިވަނީ އިތުރު ޕްރެޝަރަކާއެކުގައެވެ.
ޖުމްލަ 12 ބޭންޑާއެކު ފެށި މުބާރާތުގެ އެލިމިނޭޝަން ފުރަތަމަ ރައުންޑުގައި ރާއްޖެ ތަމްސީލު ކުރުމަށް ޓޫ އޮފް އަސް ހުށަހަޅާނީ މާދަމާއެވެ. މުބާރާތުގެ ޕްރެޝަރާއެކު ބޭންޑުގެ އަޒުމު އޮތީ އިތުރަށް ވަރުގަދަ ވެފައެވެ. އަދި މިހާރު ވެސް ތިބީ ބޭންޑުގެ ހުރިހާ ހުނަރެއް އެންމެ ފުރިހަމަ އަށް ދައްކާލުމަށް ތައްޔާރަށެވެ.
ބޭންޑުން ބުނެފައިވާ ގޮތުގައި މިހާރު ތިބީ މުބާރާތުގައި ދަތުރުގެ ވަރަށް ދުރަށް ދެވިފައެވެ. އަދި އެއްވެސް ހާލަތެއްގައި ފަހަތަށް ޖެހެން ދެން ބޭނުން ނުވާ ކަމަށް ވެސް ޓޫ އޮފް އަސް އިން ބުނެއެވެ.
"މި ދަތުރަކީ އަހަރެމެންގެ ގައުމަށް ޓަކައި ކުރާ ދަތުރެއް. އަދި އަހަރެމެންގެ މިއުޒިކަށް އިތުބާރުކޮށް ޔަގީން ކުރާ އެންމެން އެކުގައި މި ދަތުރުގައި ގުޅުވައިދޭ،" ޓޫ އޮފް އަސް އިން ބުނެފައިވެއެވެ.
ޓޫ އޮފް އަސް މާދަމާ ޕަފޯމް ކުރުމަށް ހަމަޖެހިފައިވާއިރު އެލިމިނޭޝަން ރައުންޑުގެ ނަތީޖާ ބުދަ ދުވަހު ލިބޭނެއެވެ. އެލިމިނޭޝަން ރައުންޑުގައި މުބާރާތުގެ ބައިވެރިންގެ އަދަދު ދެބައިވާނެއެވެ.
އެގޮތުން އެލިމިނޭޝަން ރައުންޑަށްފަހު މުބާރާތުގައި ދެން އޮންނާނީ ސެމީ ފައިނަލްތަކެވެ. ސެމީ ފައިނަލްތަކަށް ދާނީ ހަ ބޭންޑެކެވެ.
ސެމީ ފައިނަލްތައް ކުރިއަށްދާނީ މެއި އެކެއްވާ، ބުރާސްފަތި ދުވަހުގައެވެ. އަދި އެއަށްފަހު މުޅި މުބާރާތުގެ ފިނާލޭ ބޭއްވުމަށް ހަމަޖަހިފައިވަނީ މި ހުކުރު ދުވަހުގައެވެ.
ޓޫ އޮފް އަސް އަށް އަންނަނީ މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ބޭންޑުގެ މެމްބަރުންނަކީ ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓު އަހުމަދު އަދުހަމާއި، ޑްރަމަރު އަބްދުﷲ ޝަމްރޫހާއި، ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އާއި ވޯކަލިސްޓް އަދި ބޭސިސްޓް އަހުމަދު ޖަޝީމެވެ.