ފޭނުން ބޭނުންވި ކަހަލަ ގޮތަކަށް 'ޔޫ' ނިންމާލައިފި

ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ޔޫ"ގެ ވަރުގަދަ ޓުވިސްޓުތަކަށް ފަހު ކާމިޔާބު ފަހު ސީޒަނެއް ނިންމާލައިފިއެވެ.

މީހުން ފާރަލައި، މީހުން މަރައި އުޅޭ ޚިޔާލީ ކެރެކްޓަރެއްގެ ނަޒަރުން ގެނެސްދޭ މި ޝޯއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޝޯއެކެވެ. "ޖޯ ގޯލްޑްބާގް" ނަމަކަށް ކިޔާ ކެރެކްޓަރެއް އަންހެނުން ފަހަތުން އުޅޭ ގޮތް ފެނި އެކަމުން އޭނާ ހުރިހާ ވާހަކައެއް އަމިއްލަ ވިސްނުމުގައި ދިފާއުކޮށްދޭ ގޮތް މި ޝޯގައި ކިޔައިދީފައިވެއެވެ.

ގިނަ ބައެއްގެ މެދުގައި މި ވާހަކަ މަގުބޫލުވީ ޝޯގެ ފޯމެޓް އެހެން ޝޯތަކާ ތަފާތުވުމުންނެވެ. ނަމަވެސް, ޝޯ ކުރިއަށް ދިޔަ ވަރަކަށް ބެލުންތެރިން ކެތްމަދުވަމުން އަންނަނީ ލީޑް ކެރެކްޓަރުގެ ނިމުން އަންނާނެ ގޮތަކަށެވެ. އެންމެ ފަހުން ޖޯގެ ވާހަކަ މި އޮތީ ނިމިފައެވެ.

ޖޯގެ ވާހަކަ ނިމިފައިވަނީ ފޭނުން ބޭނުންވި ގޮތަކަށެވެ. އޭނާ އެހެން އަންހެނުންނަށް އަނިޔާކޮށް މީހުން މެރި ގޮތަކަށް ގިނަ ބަޔަކު ބޭނުންވީ ޖޯގެ ނިމުން ވެސް އެކަހަލަ ގޮތަކަށް އަންނާށެވެ. ޝޯގެ ފިނާލޭއިން ފެނުނީ ފޭނުން ބޭނުންވި ފަދަ ނިމުމެކެވެ.

ސޯޝަލް މީޑިއާގައި އަންނަނީ ޔޫގެ ފަހުގެ ސީޒަން އަދި ސީރީޒް ފިނާލޭއަށް އެތައް ބައެއްގެ ތަރުހީބު ލިބެމުންނެވެ. އަދި ޝޯއެއް ނިންމަން ޖެހޭނީ މިފަދަ ގޮތަކަށް ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ޝޯގެ ފަހު ސީޒަނުން ވަނީ ކުރީގެ ސީޒަންތަކުގެ ބައެއް ކެރެކްޓަރުން ފެނިގެން ގޮސްފައެވެ. ނަމަވެސް، ޝޯގެ މައިގަނޑު މަންޒަރުތަކުން ފެނިފައިވަނީ ލީޑް އެކްޓަރު ޕެން ބެޖްލީއެވެ. ޔޫގެ ފުރަތަމަ ސީޒަން ޕްރިިމިއާ ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއާއެކު ޝޯ ނިމިފައިވާއިރު ޝޯގެ 50 އެޕިސޯޑެއް ދައްކާފައިވެއެވެ.

comment ކޮމެންޓް