ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިއްޖެ: ޤަޠަރު

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިިގެން އެ ސަރަހައްދުން ދުން އަރަނީ. ދެ މަސް ދުވަހަށް ހަނގުރާމަ ހުއްޓާލުމަށްފަހު އިސްރާއީލުން އަނެއްކާވެސް ވަނީ ގައްޒާއަށް ހަމަލާތައް ދޭން ފަށާފައި. ފޮޓޯ/ގެޓީ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޤަޠަރުގެ ބޮޑު ވަޒީރު، ޝައިޚު މުޙައްމަދު ބިން ޢަބްދުރަޙްމާނު އަލް ޡާނީ ވިދާޅުވެއްޖެއެވެ.

ޝައިޚު މުޙައްމަދު އެގޮތަށް ވިދާޅުވީ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ވެރިޔާ ޑޭވިޑް ބާނީއާއެކު ބޭއްވެވި ބައްދަލުވުމަކަށްފަހުއެވެ.

ޝެއިޚް މުޙައްމަދު ވިދާޅުވީ އެހެން ބައްދަލުވުންތަކާ އަޅާބަލާއިރު އެ ބައްދަލުވުމުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އާޚިރުގައި ހަނގުރާމަ ދާއިމީކޮށް ނިންމާނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލުމަކީ ކޮބައިކަމާ މެދު އިސްރާއީލާއި ހަމާސްއާ ދެމެދު އަދިވެސް ޚިޔާލުތަފާތުވުންތަކެއް ހުރި ކަމަށް ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބަދަލެއްގެ ގޮތުގައި ބާކީ ތިބި ހުރިހާ ރަހީނުން ހަވާލުކުރުމަށް ހަމާސް އިން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އިސްރާއީލުން ބޭނުންވަނީ ޝަރުތަކާ ނުލައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ކަމަށް ވެސް ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.

"ދެ ފަރާތުގެ ދެމެދުގައި އެއް އަމާޒެއް، އެއް މަގްސަދެއް ނެތްއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލިބޭ ފުރުސަތުތައް ވަރަށް ހަނިވެގެން ދާނެ،" ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިހް މުހައްމަދު ވިދާޅުވިއެވެ.

ހަމާސްގެ ވަފުދެއް ހޮނިހިރު ދުވަހު ވަނީ މިސްރުގެ އޮފިޝަލުންނާ ވެސް މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ޣައްޒާގެ އިންސާނީ ދަތިކަމަށް ހައްލެއް ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހަފްތާ ހަމާސް އިން ވަނީ އެ ޖަމާއަތުގެ ހަތިޔާރު މުޅިން ނައްތާލައި، ބާކީ ތިބި 59 ރަހީނުންގެ ތެރެއިން 10 މީހަކު ދޫކޮށްލުމަށް ގޮވާލާ 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

ހަމާސް މިހާރު ވަނީ މަދުވެގެން ފަސް އަހަރަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވާނަމަ، ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލާނެ ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނަށް ނިސްބަތްވާ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން އެއްބަސްވެދާނެ ކަމުގެ އިޝާރާތެއް ހަމާސްއިން މިހާރު ވަނީ ދީފައެވެ.

އަދި އެއީ ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ނުވަތަ އަލަށް އުފައްދާ އިދާރީ އިދާރާއަކަށް ވެދާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ޣައްޒާގެ ވެރިކަން ޕީއޭއާ ހަވާލު ކުރުމަށް އެމެރިކާއިން ވެސް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ ހިންގުމުގައި ޕީއޭގެ އެއްވެސް ދައުރެއް ބޭނުން ނުވާ ކަމަށް ބުނެ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅު ހަދާފައެވެ.

ޤަޠަރާއި މިޞްރު އަދި އެމެރިކާ މެދުވެރިވެގެން ކުރި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށްފަހު އިސްރާއީލުން ޣައްޒާގައި ހިންގި ހަނގުރާމަ މިދިޔަ ޖެނުއަރީ މަހު ހުއްޓާލި ނަމަވެސް، ހަމާސްއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ އިސްރާއީލުން ވަނީ މާޗް މަހު އަނެއްކާވެސް ހަމަލާތައް ދޭން ފަށާފައެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 2،151 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް