ދިރިއުޅެން ހިލޭ ސާބަހަށް ދައުލަތުން މީހުންނަށް ބަންޑާރަ ގޯތި ދޫކުރާ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެދިވަޑައިގެންފިއެވެ.
އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މީހުންނަށް ބަންޑާރަ ގޯތި ދޫކުރެއެވެ.
އެ މައްސަލައިގެ ބަހުސް ބޮޑުވީ މިދިޔަ ސަރުކާރުން ހުޅުމާލެއިން މާލޭ މީހުންނަށް ބަންޑާރަ ގޯތި ދޫކުރުމުންނެވެ. ހިލޭ ދޫކުރި ބިންތަކަކީ ދައުލަތަށް އެތައް މިލިއަނަކުން ފައިސާ ލިބޭނެ ބިންތަކެއް ކަމަށް ބުނެ މީހުން ނުރުހުން ފާޅުކުރިއެވެ.
ބަންޑާރަ ގޯތި ދޫކުރާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް މިއަދު ވަނީ މިނިސްޓަރާ ސުވާލުކުރައްވައިފައެވެ. އެ ގޮތުން، އޭނާ ވަނީ ބަންޑާރަ ގޯތި ދޫކުރުމުގެ ސަބަބުން ދުވަހަކު ވެސް ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭކަން ފާހަގަކުރައްވައި އެ މައްސަލަ ހައްލުކުރަން މިނިސްޓަރު ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރައްވައިފައެވެ.

މަޖިލީހުގައި މިނިސްޓަރު މުއްތަލިބް: އޭނާ ވަނީ މަޖިލީހުން ބަންޑާރަ ގޯތީގެ މައްސަލަ ހައްލުކޮށްދޭން އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލިސް
އެ ސުވާލަށް ޖަވާބުދެއްވަމުން މުއްތަލިބް ވިދާޅުވީ، ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖެއަށް ޚާއްސަ ސިފައެއް ކަމަށެވެ.
އެހެންވެ، މި ފަދަ ކަމެއް ބަދަލުކުރުމަކީ ހަމައެކަނި މިނިސްޓަރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މައްސަލަ ހައްލުކުރަން މަޖިލީހުގެ ތެރެއިން ގާނޫނެއް ހަދަން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"މި ފަދަ ކަލްޗަރަލީ ވެސް ހިސްޓްރިކަލީ ވެސް ރާއްޖެއަށް މުހިންމު ކަމެއް ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލުކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން. އެހެންވީމާ، ބަންޑާރަ ގޯތި ތި ބޭފުޅުން ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެއަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑު އެދޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ، ބަންޑާރަ ގޯތި ދޫކޮށްގެން ދާއިމީ ގޮތެއްގައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވެދާނެ ކަމަށެވެ.
"މަޖިލިސް ތެރެއިން ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން އެ ވާހަކަ ތަފުސީލުކޮށްދެއްވައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބް ވިދާޅުވީ، އޭނާ ފާހަގަކުރެއްވީ މަޖިލީހުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދަންޖެހޭކަން ކަމަށެވެ. ގޯތި ދޫކުރުން ހުއްޓުވަން އެދިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމުން, ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 11 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކާފައެވެ.
ގޯތި ދިނުމަށް މާލޭ ސަރަހައްދުން ހިލޭ ބިން ދޫކުރަން އޭރު ނިންމުމާ އެކު އެ ކަމާ ބައެއް އާންމުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ބުނެއެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.