މާލޭ ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައިވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން މިއަދު އެދިއްޖެއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެހެންވެ، ކަމާ ގުޅޭ އިދާރާތަކުގެ އޮފިސަރުން ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް، އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވަނީ، އެ ސަރަހައްދަސް މޫދަށް ނޭރެން އާންމުނަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ ހަމެއް އޮއްސާލި މައްސަލައެއް ފެންމަތިވެ، ސިޓީ ކައުންސިލުން އެ މައްސަލަ ބެލިއެވެ.
އޭގެކުރިން 2023 ވަނަ އަހަރު އެމްޕީއެލް ސަރަހައްދާއި ރަސްމީ ފާލަން ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅު ތެޔޮ އެޅި މައްސަލައެއް ވެސް ވަނީ ފުލުހުން ބަލާފައެވެ. އެފަހަރު ފަޅުތެރެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމުލަ 15 ފީފާގެ ކަޅު ތެޔޮ ނަގައިފައިވާއިރު، އެއީ 1،000 ލީޓަރުގެ ތެލެވެ.