5 މީހުންނާ އެކު ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ދޯނި ގެއްލިއްޖެ

ދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯނި، "ބްރިލިއަންޓް ކެރިއާ" ވަނީ ގެއްލިފައި --

ފަސް މީހުންނާއެކު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯނި، "ބްރިލިއަންޓް ކެރިއާ" ގެއްލިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ އައުމަށް އެ ދޯނި ގައްދޫއިން ފުރީ، ރޭ އަށެއްޖެހިކަންހާއިރު ކަމަށެވެ. ދޯނި ގެއްލުނުއިރު، އޭގައި ތިބީ ތިން ދިވެހީންނާއި ދެ ބިދޭސީންނެވެ.

ފުލުހުން ބުނި ގޮތުގައި އެންމެ ފަހުން އެ ދޯންޏަށް ގުޅުނީ، ރޭ ދަންވަރު 02:40ގައެވެ. އޭރު ކެޕްޓަން ބުނެފައިވަނީ ދޯނި ހުވަދޫ ކަނޑުން ނުކުތްތާ މާ ގިނައިރުތަކެއް ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެއެވެ.

އެ މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:00ގައެވެ.

އެ ސްޓޭޝަނުން މައްސަލައިގެ މައުލޫމާތު އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑާ ހިއްސާކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް