މި ސަރުކާރުގެ ވަޒީރު ބޭފުޅުން އުޅުއްވަނީ ވަރަށް ބުރަކޮށް މަސައްކަތުގައި ކަމަށާއި އެ ބޭފުޅުން އުޅުއްވަނީ އެމްޑީޕީ ސަރުކާރުގެ ވަޒީރުން އުޅުއްވިހެން 'ކާލައިގެން ހުކުރު ވިލޭރޭ ޕާޓީކުރަން' ނޫން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަ ލަސްވާތީ މިއަދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.
ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގައި މިއަދު ވަނީ އެ ގަރާރަށް ބަހުސްކޮށްފައެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ވަޒީރުންނަށް 14 ދުވަސް ފިޔަވާ އިތުރު ވަގުތު ދޭންޖެހެނީ ވަޒީރުންނާ ސުވާލުކުރަން ހުށަހަޅުއްވާ މެންބަރުންނާއި އަދި ވަޒީރާ އިދާރީ މުވައްޒަފުން ވާހަކަދައްކަން ޖެހޭތީ ކަމަށެވެ. އެ ވަޒީރުން ހާޒިރުކުރަނީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ބުރަކޮށް އުޅޭ ވަޒީރުން،" އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، މިހާރު ސަރުކާރުގައި ތިއްބަވާ ވަޒީރުންނަކީ ވަރަށް ގިނަ މަސައްކަތްތަކެއް ވަރަށް ގިނަ ވަގުތު ކުރައްވާ ބޭފުޅުންތަކެއް ކަމަށެވެ. އެ ބޭފުޅުންނަކީ ވަރަށް ގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރައްވައިގެން ރާއްޖޭގެ 'ހަލާކުވެފައި އޮތް އިގުތިސާދު' ރަނގަޅުކުރަން ބުރަކޮށް އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގައިހެން މިހެން ކާލައިގެން ހުކުރު ވިލޭރޭ ޕާޓީކޮށް އެހެން އުޅުނު ވަޒީރުންނެއް ނޫން މިހާރު މި ތިބީ،" އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މިހާރު ވަޒީރުން ހާޒިރުކުރަން ވަގުތު ނަގަނީ،"

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުން އުޅެނީ ޕާޓީކުރަން ނޫން ކަމަށް -- ފޮޓޯ/ މަޖިލީސް
ފަލާހް ވިދާޅުވީ، މީގެ ކުރީގެ މަޖިލީސްތަކުގައި ވެސް 14 ދުވަސް ހަމަވާ ދުވަހު ވަޒީރު މަޖިލީހަށް ހާޒިރުވެ ޖަވާބުނުދެއްވާނެ ކަމަށެވެ. އެ ގޮތަށް އަމަލުނުކުރުމަކީ ކޮންމެހެން ގާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް ހާޒިރުކުރަން އޮންނަ ދުވަހު ވަޒީރުން ރާއްޖޭން ބޭރުގައި ވެސް ނުވަތަ އާލާސްކަންފުޅާ ވެސް އުޅުއްވައިފާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، މި ފަދަ ގަރާރުތައް މަޖިލީހަށް ނުވައްދަން އޭނާ ވަނީ އެމްޑީޕީއަށް ގޮވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަލާހް އެފަދައިން ވިދާޅުވިއިރު މި މަހު 18 ވަނަ ދުވަހު 21 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓުނު މައްސަލައިގައި ހިމެނޭ އެންމެން ފުރަތަމަ ޕާޓީކުރަން ދިޔައީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެކޮޅަށެވެ. އެ މައްސަލަ ބޮޑުވުމުން އަމީން ވަނީ އެ ކަމަށް އެއްބަސްވެފައެވެ.
އެކަމަކު، ގޭގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނޭހެން އެފަދަ ކަމެއް ކުރީ އޭނާއަށް އެނގިގެން ނޫން ކަމަށާއި އަދި އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަލާހް މި ފަދަ މޭރުމަކުން ވާހަކަދައްކަވާފައިވަނީ މި މައްސަލަ ބޮޑުވެ، ގިނަ ބަޔަކު މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ވެސް ގޮވަމުން އަންނަނިކޮށެވެ.
މަޖިލީހުގެ މަސައްކަތް ނުހިނގާތީ މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރު ޖަވާބުދާރީކުރުމާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަކީ މަޖިލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އެކަމަކު، ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުމުން އެ ވަޒީރުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ނޯޓިސްގެ މުއްދަތު ހަމަވި ނަމަވެސް އެ ބޭފުޅުން މަޖިލީހަށް ހާޒިރުވެ ޖަވާބުދީފައިނުވާ ކަމަށް ގަރާރުގައިވެއެވެ.
ވަޒީރުން ހާޒިރުނުކޮށް ލަސްކުރަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ސަބަބެއް ނެތި ޖަލްސާތައް ނުބާއްވައި ކެންސަލްކުރަމުން ކަމަށް ވެސް މީކާއިލް ވަނީ ތުހުމަތުކުރައްވައިފައެވެ.
އެހެންވެ، ސަރުކާރު ޖަވާބުދާރީކުރުމުގެ ވާޖިބު އަދާކުރަން ހުރަސްއެޅޭ ކަމަށް ގަރާރުގައިވެއެވެ.
މަޖިލީހުގެ ގިނަ ޖަލްސާތައް މިދިޔަ ހަފުތާގައި ވެސް ކެންސަލްކުރިއެވެ. އޭރު މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ތަޅުމުގައި ޖަލްސާ ނުބޭއްވީ ކުރާނެ މަސައްކަތެއް އެ ދުވަސްތަކުގައި ނެތުމުންނެވެ.