ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 'ޓެކްސީ ކެމްޕެއިން' އެއް ދުބާއީގައި ފަށައިފި

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 'ޓެކްސީ ކެމްޕެއިން' އެއް ދުބާއީގައި ފަށައިފި: ކެމްޕެއިން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް -- ސަން ފޮޓޯ

ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗާއިން ޝާނިހާ ޝަރީފް

ރާއްޖޭގެ ރީތި މަންޒަރުތަކާއި، ރާއްޖެ-ލިވަޕޫލް ޕާޓްނާޝިޕްގެ މަންޒަރުތައް ދުބާއީގެ މަގުތައްމަތީގައި ދުއްވާފައިދާ ޓެކްސީތަކުގެ ބޭރުން ފެންނަ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން އިސްނަގައިގެން މިއަދު މި ހަރަކާތް ފަށާފައި ވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗާ ބޭރުގައެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރަހީމެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި ކެމްޕެއިންގައި ދުބާއީގެ މަގުމަތީގައި ދުއްވާ 200 އެއްހާ ޓެކްސީއިން ރާއްޖެ އިސްތިހާރު ކުރާނެއެވެ. އަދި މި ކެމްޕެއިން ކުރިއަށް ގެންދާނީ އެއް މަސް ދުވަހަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 'ޓެކްސީ ކެމްޕެއިން' އެއް ދުބާއީގައި ފަށައިފި -- ސަން ފޮޓޯ

މި ޓެކްސީތަކުގެ ބޭރުން ރާއްޖޭގެ ކުދިކުދި ރަށްތައް ފެނިގެންދެއެވެ. އަދި މި ފަހުން އެމްއެމްޕީއާރްސީން ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގެ ދަށުން ލޯންޗުކުރި ކެމްޕެއިންގެ ޕްރޮމޯޝަން ވެސް ޓެކްސީތަކުގެ ބޭރުން ފެނިގެންދެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓެކްސީ ކެމްޕެއިނަކީ އިއްޔެ ފެށި 'އަރަބިއަން ޓްރެވަލް މާކެޓް 2025' ގެ ހަވާސާގެ ތެރެއިން ފަށާފައިވާ ހަރަކާތެކެވެ.

މީގެ ކުރިން ޖަރުމަންވިލާތާއި އިނގިރޭސި ވިލާތުގައި ވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓެކްސީ ކެމްޕެއިންއެއް ކުރިއަށް ގެންދިޔައެވެ.

comment ކޮމެންޓް