އަބަދަށް ފިލްމު ނިމުމާއެކު، އެންމެން ބޭނުންވީ ދެވަނަ ބައެއް

އަބަދަށްގެ ލީޑު ރޯލްކުޅުނު ވާޝިއާ އާއި ޕްރޮޑިއުސަރު ނޫރު --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޮލިމްޕަހުގައި މިހާރު އަޅުވާ ދިވެހި ފިލްމުތަކަށް އާންމުކޮށް މީހުން ދަނީ އެ ފިލްމު ރީތިވާނެ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. އެކަމަކު، އެ އެންމެން ނިންމުން ބަދަލު ކުރަން މަޖުބޫރުކުރުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ 'އަބަދަށް' ފިލްމު ޕްރިމިއާ ކުރުމުންނެވެ. އެންމެ ފުރަތަމަ މަންޒަރުން ފެށިގެން ފަހަށް ދެއްކި މަންޒަރާ ހަމައަށް ވަގުތުތައް ދިޔަ ގޮތް ވެސް ނޭނގުނެވެ. އެހާވެސް މި ފިލްމުގެ ހާދިސާތަކާއި ފަންނާނުންގެ އެކްޓިން މޮޅުވެފައި ކުޅަދާނައެވެ.

އަނެއްކާ މި ފިލްމަށް އިންގިލާބެއް އައުމުގެ ފަހަތުގައި ތިބި އެންމެ ބޮޑު މޭސްތިރިންނަކީ ޑައިރެކްޓަރު މޫމިން ފުއާދާއި ފްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު (ނޫރު)އެވެ. ކޮންމެ ފަހަރަކު ނޫރުއާއި މޫމިން ގުޅިގެން ހަދާ ފިލްމެއް އަބަދަށް ދިވެހީންގެ ހިތްތަކުގައި ހަރުލަފާއި ހުރެއެވެ. އެތައް ދުވަހެއް ވަންދެން އެ ފިލްމެއްގެ ވާހަކަ ދައްކައެވެ. މޫމިންއާ ނޫރު ގުޅިގެން ހަދާ ފިލްމެއް ނަމަ، އެއީ މުޅިން ތަފާތު އެހެން ފެންވަރެއްގެ ފިލްމުތަކަކަށް ވެއެވެ. މިފަހަރު ނެރުނު 'އަބަދަށް'އަކީ ވެސް ނޫރުއާއި މޫމިން ގުޅިގެން އުފެއްދި 'ލޫދިފާ'އަށް ގޮންޖަހާލެވިދާނެ ކާމިޔާބު ފިލްމަކަށް ވާނެއެވެ.

އަބަދަށްގެ ޓީމު ޕްރިމިއާ ނައިޓުގައި އޮލިމްޕަހުގައި ---- ސަން ފޮޓޯ

އަބަދަށް ހަނދާނުން ފޮހެވިގެން ނުދާނެ!

ފިލްމުގެ ސްޕޮންސަރުންނާއި ފަންނާނުންގެ ކުރު ވާހަކަކޮޅަށް ފަހު ފިލްމު ފެށޭވަރުވީ 09:40 ހާއިރެވެ. އެހާ ހިސާބުން ބެލުންތެރިން އަތް މައްޗަށް ދޫކޮށްލީ އެތައް ދުވަހެއްގެ ކުޅަދާނަ ބުރަ މަސައްކަތެއްކަން ޔަގީންވެއްޖެއެވެ. ފިލްމުގެ ވާހަކައާއި ފަންނާނުންގެ އެކްޓިން ފެނި އެ އަނދިރި މާހައުލުގައި ނޭވާ ހިފަހައްޓާލަން ޖެހުނު އެތައް ވަގުތެއް އައެވެ. ދެން ވާނީ ކިހިނެތް ބާވެއެވެ؟ މިއީ ކިހިނެތްވާ ފިލްމެއް ބާވައެވެ؟ މިއީ އެވަގުތު ފިލްމު ބަލަން ތިބި އެންމެންގެ ހިތުގައި ވެސް އުފެދުނު ސުވާލަކަށްވާނެއެވެ. ތިން ގަޑިއިރެއްހާއިރުގެ ދިގުމިނުގެ ފިލްމު ނިމުމާއެކު މީހުންތަކުގެ އަޑުން އޮލިމްޕަސް ގުގުމާލިއެވެ. 'ކޮބާ ދެވަނަ ޕާޓް. ބޭނުމީ ދެވަނަ ޕާޓެއް' މިހެންނެވެ. ހުދު އަޅުގަނޑު ވެސް ފިލްމު ނިމުނުކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

އަބަދަށްގެ ޕްރިމިއާ ނައިޓުގެ ތެރެއިން ފިލްމީ ތަރިންތަކެއް: މި ފިލްމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ އޮހެމުން --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ބެލުންތެރިންނަށް އަބަދަށް އެހާ ރީތިވެގެން ދިޔައީ ދިވެހި މުޖުތަމައުގައި މިހާރު ހިނގާ އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ލިޔެ، ފިލްމު ކުޅެވިފައި އޮތްލެއް ފުރިހަމަ ކަމުންނެވެ. އެ މައްސަލަތައް ގުޅުވިފައި ހުރީ ފަށެއް ގެތިފައި އޮންނަ އުސޫލުންނެވެ. އެއް ހާދިސާ ވަނީ އަނެއް ހާދިސާއާ ގުޅިލާމެހިފައެވެ.

މި ފިލްމުގައި ދައްކުވައިދެނީ އެކަނިވެރި ދެމައިންގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ ވާހަކައެވެ. އެކަމުގެ ތެރެއިން ދިމާވާ ކަމަކުން ސަލާމާތް ވާން ކުރެވޭ އެންމެ ކަމަކުން ދިރިއުޅުން ބަދަލުކޮށްލާ ގޮތް މި ފިލްމުގައި ދައްކުވައިދެއެވެ. އޭގެއިތުރަށް، މިހާރުގެ ދިވެހި މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭގޮތުން ވަރުގަދަ އިބުރަތެއް ވެސް ފިލްމުން ހާސިލުވާނެއެވެ.

އަބަދަށްގެ ޕްރިމިއާ ނައިޓުގެ ތެރެއިން: ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން ----- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިހާ ކާމިޔާބު ފިލްމެއް ފަންނާނުންނާއި ޓީމުން ކުރި ބުރަ މަސައްކަތް ނުލާ ފުރިހަމައެއް ނުވާނެއެވެ. އެގޮތުން، މި މަސައްކަތުގައި ތަޖުރިބާކާރު މޫމިންއާއި ނޫރުގެ އިތުރަށް ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކުގެ އިތުރަށް ކުޅަދާނާ ސިނަމާޓޯގްރަފާ އިބްރާހިމް ވިސާން (ކަނޑި) ޝާމިލުވެއެވެ. އަދި، ފިލްމުގައި އެކްޓުކުރި ފަންނާނުންނަކީ ވެސް އެކަކު އަނެކަކަށް ވާދަ ކުރާ ވަރުގެ މޮޅެތި ފަންނާނުންނެވެ. ފިލްމުގެ ލީޑްރޯލުން ފެންނަނީ ވާޝިއާ މުޙައްމަދާއި އަޙުމަދު ޝާރިފެވެ. އިތުރު ރޯލްތަކުން ސޫޒަން އިބްރާހިމްފުޅާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނެއެވެ.

އަބަދަށް ޕްރިމިއާ ނައިޓުގެ ތެރެއިން ----- ފޮޓޯ/ ނޫރް އެން މޫވީސް

ފިލްމަށް ފަހު ނޫރު ބުނީ، މި ފިލްމު ބެލުންތެރިންނާ ހަމައަށް އައުމުގެ ކުރިން ވެސް ރަނގަޅު ފިލްމަކަށް ވާނެ ކަން އެނގޭ ކަމަށެވެ. އެކަން ފުރަތަމަ ފިލްމު ބެލި ބެލުންތެރިންގެ ތައުރީފުން ސާބިތުވެއްޖެ ކަމަށް ނޫރު ބުންޏެވެ.

"އަޅުގަނޑު އެންމެ ފުރަތަމައިނުން ވެސް މި މަސައްކަތް ފެށުމުގެ ކުރިން ރަނގަޅު ފިލްމެއް ހަދައިދޭން ވާނެޔޭ މޫމިން ގާތު ބުނިން. އެކަން މޫމިންއާއި އިއްސެއާއި ޓީމުން އެ އޮތީ ޑެލިވާކޮށްދީފައި. އެހެންވީމައި ބެލުންތެރިންނަށް ދެން މީތި ބަލައިގަތުން އޮތީ. ބެލުންތެރިންނަށް ފިލްމު ކަމުދިޔައީމަ އެ ނިމުނީ," ނޫރު ބުންޏެވެ.

އަބަދަށް ޕްރިމިއާ ނައިޓުގެ ތެރެއިން -----ފޮޓޯ/ ނޫރް އެން މޫވީސް

މި ފިލްމުގައި ލީޑުކުރި ވާޝިއާ ބުނީ، އުންމީދު ކުރި ވަރަށް ވުރި ބޮޑަށް ބެލުންތެރިންނަށް ފިލްމު ކަމުދިޔަ ކަމަށެވެ. އެގޮތުން، މޫމިން ލިޔެ، ޑައިރެކްޓުކޮށްގެން ބެލުންތެރިންނަށް ދޫކޮށްލާ ފިލްމުތައް ކަމުދާނެކަން ސާބިތުކޮށްދީފި ކަމަށް ވާޝިއާ ބުންޏެވެ.

"މޫމިން ފުއާދުގެ ވާހަކަތައް ވަރަށް ރީތި. މޫމިން ޑައިރެކްޓުކޮށްގެން ގެނެސްދޭ ފިލްމުތައް ކަމުދަނީ ސަބަބެއް އޮވެގެން. މީ ހަމަ ވަރަށް މޮޅު ފިލްމެއް. މި ފިލްމު މޮޅުވީމައި މީހުން ތިބީ ވާހަކަ ވެސް ނުދައްކާ,"ފިލްމަށް ފަހު ވާޝިއާ ބުންޏެވެ.

މިއީ އަޅުގަނޑުމެން ވާހަކަދެއްކި ހުރިހާ އެކްޓަރުންނާއި ބެލުންތެރިންގެ ވާހަކަ ހުރި ގޮތެވެ. އެހާވެސް ގިނަ ތައުރީފު ފިލްމަށް ވަނީ ލިބިފައެވެ. މިއީ އަނެއްކާވެސް ގައުމު ހޭލައްވާލަން ދޫކޮށްލި އިންގިލާބީ ފިލްމަކަށް ވާނެއެވެ. ފިލްމީ ދާއިރާގައި ނަން ފެވޭނެ ފަދަ މޮޅު ފިލްމަކަށް ވާނެ ކަން އެ ތައުރީފުތަކުން ޔަގީންކޮށްދީފިއެވެ. މިއީ އަހަރެއް ފަށަން އެންމެ ރަނގަޅު ފިލްމު ކަމާމެދު ޝައްކެއް ނެތެވެ.

comment ކޮމެންޓް