އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަދު މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާކުރައްވާފައި ވަނީ އޯއައިސީއާއި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި އޮފީހުގައި ސަރީރު މިއަދު ވަނީ ސަފީރު ކަމުގެ ފަތްކޮޅު، ސެކްރެޓަރީ ޖެނެރަލްއަށް އަރުވައިފައެވެ.
އެ ރަސްމިއްޔާތުގައި ސަރީރު ވަނީ، އޯއައިސީގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ އުއްމަތާ ގުޅުންހުރި ކަންތައްތަކުގައި އޯއައިސީގެ މެންބަރު ގައުމުތައް އެއްބައިވަންތަ ކުރުމުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ސަފީރު އަހުމަދު ސަރީރާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާ: މުސްލިމުންގެ ހައްގުގައި މަސައްކަތްކޮށް، ރާއްޖެއާއި އޯއައިސީގެ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރެއްވި -- ފޮޓޯ/ ފޮރިން މިނިސްޓްރީ
މީގެ އިތުރުން، ފަލަސްތީނަށް ޓަކައި އޯއައިސީއާއެކު ރާއްޖެއިން ގުޅިގެން މަސައްކަތް ކުރަމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ސެކްރެޓަރީ ޖެނެރަލް ހުސެއިން ވަނީ، ސަރީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއެކު ގުޅުން ބަދަހިކުރަން އޯއައިސީން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ސަރީރަކީ ސައުދީއާއި އޯއައިސީގެ އިތުރުން މިސްރަށް ވެސް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރެވެ.
އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގައެވެ.