ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ހަންކެޑެ ބުރިޖުގައި އިތުރު އެކްސިޑެންޓެއް

ހަންކެޑެ ބްރިޖު: އެ ބްރިޖުގައި ބާރަށް ސައިކަލު ދުއްވި މީހަކު އެކްސިޑެންޓުވެ، އޭނާއަށް އަންނަނީ ފަރުވާ ދެމުން -----

އައްޑޫ ހަންކެޑެ ބުރިޖުގައި މިއަދު ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހެނދުނު 10:17 ހާއިރު ސ. ހިތަދުއިން މަރަދުއަށް، ބުރިޖު މަތިން ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިޔަ މީހެއްގެ ސައިކަލު ކޮންޓްރޯލް ނުވެގެން ފެންސުގައި ޖެހިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވެސް ހަންކެޑެ ބުރިޖުން ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެގެން އެކްސިޑެންޓުވިއެވެ. އެ ހާދިސާގައި ސައިކަލު ދުއްވަން އިން 24 އަހަރުގެ ޒުވާނާ ވަނީ ނިޔާވަފެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލީ ފެބްރުވަރީ މަހުގެ އެކެއްގައެވެ.

މި އަހަރުގެ ކުރީކޮޅު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެ ސިޓީގައި އެކްސިޑެންޓުތައް އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޑު ހިނގާފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 27 އެކްސިޑެންޓެއް ހިނގާފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

comment ކޮމެންޓް