ޑޮލަރާއި ރުފިޔާ ނެގޭ އެމްއައިބީގެ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފި

އެމްއައިބީން އަމީނީ މަގުގައި އަލަށް ހުޅުވި އޭޓީއެމް --- ފޮޓޯ/ އެމްއައިބީ

ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް, މޯލްޑިވްސް އިސްލާމިކް ބޭންކު(އެމްއައިބީ)އިން އަމީނީމަގުގައި ހުޅުވައިފިއެވެ.

އަމީނީމަގު ފިނޭންސް މިނިސްޓްރީ ކޮށީގައި ހުޅުވި އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

މި އޭޓީއެމްއާއެކު، ޑޮލަރުން ހިދުމަތް ދޭ އެމްއައިބީގެ އޭޓީއެމް މާލޭގެ ހަތަރު ސަރަހައްދެއްގައި ހުންނާނެއެވެ. އެއީ،

  • އެމްއައިބީގެ ހެޑް އޮފީސް ހުންނަ މެދުޒިޔާރަތްދޮށުގޭގައި ހުޅުވި ރީޓެއިލް ބްރާންޗް
  • އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ހ. މެރިން ޑްރީމް ބްރާންޗް
  • އެސްޓީއޯ ސުޕަމާޓް ކައިރީގައި ހުންނަ ފާމުދޭރިގެ
  • އަލަށް ހުޅުވި އަމީނީމަގު އޭޓީއެމް

މި އޭޓީއެމް ސެންޓަރުތަކުން ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭއިރު، ހަމައެކަނި ރުފިޔާއިން ހިދުމަތް ދޭ އޭޓީއެމް މަޖީދީމަގުގެ އިތުރުން އައިޖީއެމްއެޗްގައި ވެެސް ހުރެއެވެ.

އެމްއައިބީއިން އަންނީ އެ ބޭންކުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފުޅާކުރަމުންނެވެ. އެގޮތުން އެ ބޭންކުގެ ހިދުމަތް ރ. އަތޮޅަށް ފުޅާކުރުމަށް ސޭލްސް ސެންޓަރެއް މިހާރު އިމާރާތްކުރަމުން އަންނައިރު، އެ ބޭންކުން ވަނީ މުވައްޒަފުން ނެގުމަށް ވެސް އިއުލާން ކޮށްފައެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖެ އިސްލާމިކް ބޭންކެވެ.

comment ކޮމެންޓް