ވާނުވާ ބަންދުގެ މައްސަލަ ދާއިމީކޮށް ހައްލުކުރަން ކޮށްދެވެން އޮތް ކަމެއް ކޮށްދޭނަން: ރައީސް

ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް މުއިއްޒު: ވިދާޅުވީ "ވާނުވާ ބަންދު"ގެ މައްސަލަ ދާއިމީކޮށް ހައްލު ކުރުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

"ވާނުވާ ބަންދު"ގައި މީހުން ބޭއްތިއްބުމުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ސަރުކާރަށް ކުރެވެން އޮތް ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިިއެވެ.

މި ޔަގީންކަން ރައީސް ދެއްވީ ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ، "ވާނުވާ ބަންދު"ގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ ކޯޓުތަކުން އަވަހަށް މައްސަލަތައް ބަލައި ނިންމުންކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް، މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ކޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ރައީސް ވިދާޅުވީ، ކޯޓުތަކުގެ ގާބިލުކަން އިތުރުކޮށް، ޖާގައާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނޭ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ހުޅުމާލޭގައި 11 ކޯޓު ރޫމް ހިމެނޭ، ޖާގަ ތަނަވަސް ކޯޓު ކޮމްޕްލެކްސްއެއް އަޅަން ނިންމައިފައެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުސަތު ފަހިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ބަންދުގައި މީހުން ބަހައްޓާ ތަންތަނުގެ ހާލަތާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ވަގުތި ބަންދުގައި މީހުން ތިބި ތަންތަނުގެ ހާލަތު ދަށް ކަމަށާއި އިންސާނީ ކަރަމާތް ހިމާޔަތް ކުރެވޭނެފަދަ ވެސް އެ ތަންތަނުގައި ނެތް ކަމަށެވެ.

https://sun.mv/205731

މިއީ ވަރަށް ސީރިއަސްކަމާ އެކު ބައްލަވާނެ މައްސަލައެއް ކަމަށާއި ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ކަން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ އުތުރުތިލަފަޅުގައި މި ސަރަޙައްދުގެ އެންމެ ބޮޑު "ކޮމްޕޮސިޓް" ޖަލު ގާއިމުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ވެސް ނިންމައިފައެވެ. މި ޖަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ރަނގަޅު ހާލަތެއްގައި ތަރައްގީ ކުރެވިގެންދާނެ ޖަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ވާނުވާ ބަންދު"ގައި މި ވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެ ތެރޭގައި އެބަތިބި ކަމަށާއި މި ފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ވާނުވާ ބަންދު"ގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުކެވެ. އަދި، ރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމުކުރެވުމަކީ ވެސް ރައީސްގެ މެނިފެސްޓޯގައި އިސްކަންދީފައިވާ ކަމެކެވެ.

މި ވަގުތު ގާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުސަތެކެވެ. މި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް