ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

ރައުދު އަހުމަދު: އޭނާ ގެ ބަންދަށް ވަނީ އިތުރު ފަސް ދުވަސް ޖާހާފައި --

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިތުރު ފަސް ދުވަސް މިއަދު ޖަހައިފިއެވެ.

އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ޔުމްނުއަށް އިންސާފު ހޯދައި ދޭން އެދި ޒުވާނުން ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ. އެ މުޒާހަރާތައް ފެށި ފަހުން، ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ، ފަސް ދުވަހެވެ.

އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން މިއަދު ކްރިމިނަލް ކޯޓުން ވަނީ އިތުރަށް ފަސް ދުވަސް ޖަހައިފައެވެ.

ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ހާމަކުރިއެވެ.

https://sun.mv/205781

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ.

އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، ހާދިސާ ހިނގި ފެންޓެނޯއީ ގެއަކީ ރައުދާއި ޔުމްނުއާ އެއްވެސް ގުޅުމެއް ނެތް ގެއެއް ކަމަށެވެ.

މީގެ ކުރިން "ސަން"އާ ވާހަކަދެއްކި އެ ގޭގެ ވެރިން ވެސް ބުނީ އެ މީހުންނާއި، އެ ދެ ޒުވާނުންނާ ގުޅުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް