ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރުމަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ދިރާސާކޮށް، އޭގައި ޝަރުތު ހަމަނުވާނަމަ އެ ނިންމުން ބާތިލް ކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގޮވާލައިފިއެވެ.
އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން، ޖޭއެސްސީން ނިންމުމުގެ ކުރިން އެ ދެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަނުގައެވެ. މިދިޔަ ފެބްރުވަރީ މަހުގެ 26ގައި އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރިއިރު އޭނާ ވަނީ ފަހުން މަގާމުން އިސްތިއުފާދެއްވައިފައެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް އެ ކޯޓުގައި ބަލަމުން ދަނިކޮށެވެ.
ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުން، އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށްވާތީ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިހާރު ދަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.
އެހެން ނަމަވެސް ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދޭން ވަނީ ނިންމައިފައެވެ.
މި ކަމާ ކަންބޮޑުވުން ފާޅުކޮށް ސީއެލްއޭއިން ނެރުނު ބަޔާނުގައިވަނީ ފަނޑިޔާރުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ޔަގީން ކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ދަށުން، އިންސާފު ލިބިދިނިމުގެ މާއްދާތަކަށް ރިއާޔަތްކޮށްފައިވޭތޯ ބަލަން ޖެހޭނެ ކަމަށެވެ.
އެ ގޮތުން ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރެއިން އެއްވެސް ހައްގެއް އުނިވެފައިވާނަމަ، އެއީ އިޖުރާއީ އިންސާފުގެ އަސާސީ އުސޫލުތަކާ ޚިލާފުވުން ކަމަށާއި، އެ ހަލާތުގައި މައްސަލަ ބާތިލް ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ކޮމަންވެލްތުގެ އުސޫލުތަކުގެ ދަށުން ފަނޑިޔާރުން ސަސްޕެންޑް ކުރެވޭނީ ނުވަތަ ވަކިކުރެވޭނީ ހަމައެކަނި އެ މީހުންގެ ގާބިލުކަން ނެތުމުގެ ސަބަބުން ނުވަތަ ވާޖިބު އަދާކުރުމަށް ނުކުޅެދޭފަދަ އަމަލެއް ހިންގުމުންނެވެ.
ސީއެލްއޭއިންވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް އޮތް ހަރުކަށި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އިޙްތިރާމްކޮށް، އެއަށް ތަބާވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.
އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގެ ބާކައުންސިލާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ޚާއްސަ ރިޕޯޓަރަކާ ގުޅިގެން އެ ތަނުން ވެސް މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ.
ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގައި ގާނޫނުގެ ހުކޫމަތު ކުރިއެރުވުމާއި ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާގެ މަގުސަދަކީ އެންމެ މަތީ ދަރަޖައިގެ އަޚުލާގާއި ތެދުވެރިކަމާއެކު، މިނިވަން އަދި ހަރުދަނާ ޤާނޫނީ ފަންނުވެރިންތަކެއް ކޮމަންވެލްތުގެ ރައްޔިތުންނަށް ޚިދުމަތްކުރާކަން ކަށަވަރުކުރުމެވެ.