ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ "ޙާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން 'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދޭ ކަންކަމަކީ:
- އެކަކު އަނެކެއްގެ ތަޖުރިބާތައް ހިއްސާކުރުން
- ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ހޯދާނެ ގޮތްތައް ހިއްސާކުރުން
- ކުދިން ބަލަހައްޓަމުން އަމިއްލަ ނަފުސަށް ވަގުތު ހޯދާނެ ގޮތްތައް ބުނެދިނުން
- އަމިއްލަ ނަފުސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުން
މަމްސް އެއިޑާ ގުޅިގެން ކުރިއަށްދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބެލެނިވެރިންނާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ، ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން ގެތަކަށް ޒިޔާރަތްކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރެވުނު ފާހަގަކުރައްވާފައެވެ.

ހިޔާ ސަރަހައްދުގައި އެހީ ބޭނުންވާ ކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ހިންގާ ސަޕޯޓް ގުރޫޕުގެ ފުރަތަމަ ބެޗު ---- ފޮޓޯ/ މިނިސްޓްރީ
އެގޮތުން، އެ ބެލެނިވެރިން އެހީއަށް ބޭނުންވާ ކުދިން ބެލެހެއްޓުމުގައި ދުވަހުގެ ބޮޑު ބައެއް ހޭދަކުރާ ކަމަށާއި އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ގެއިން ނުނިކުމެ ތިބި ބެލެނިވެރިން ތިބިކަމަށް ވަޒީރު ޝިހާމް ވަނީ ވިދާޅުވެފައެވެ.
"މި ބެލެނިވެރިންނާ ވާހަކަދެއްކުމުން، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހައި، ވާހަކަދައްކާނެ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ވެސް އަޅުގަނޑުމެންނަށް ދެނެގަނެވުނު. މިފަދައިން ވާހަކަދައްކައި، އެހެން ދެވަނަ ފަރާތަކާ މި އިޙްސާސްތައް ހިއްސާކުރުމަކީ، ބެލެނިވެރިންނަށް ހިތްހަމަޖެހުން ލިބި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުކުރާ ކަމެއްކަން ފާހަގަކުރެވުނު," ވަޒީރު ވިދާޅުވިއެވެ.

ހިޔާ ސަރަހައްދުގައި އެހީ ބޭނުންވާ ކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ހިންގާ ސަޕޯޓް ގުރޫޕުގެ ފުރަތަމަ ބެޗު ---- ފޮޓޯ/ މިނިސްޓްރީ
މިފަދަ ސަޕޯޓް ގްރޫޕެއްގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާ ހުނަރުތައް ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން، ބެލެނިވެރިންގެ ފަރާތުން އެކަކު އަނެކަކަށް ހިއްސާކުރާ ތަޖުރިބާތަކުގެ އަލީގައި މި ކުރެވޭ މަސައްކަތްތަކަކީ ދުވަސް ހެޔޮގޮތުގައި ރާވާލުމާއި ކުދިން ބެލެހެއްޓުމުގައި ސަޕޯޓް ސިސްޓަމެއް އުފެދޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާ ސަރަހައްދުގައި އެހީ ބޭނުންވާ ކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ހިންގާ ސަޕޯޓް ގުރޫޕުގެ ފުރަތަމަ ބެޗު ---- ފޮޓޯ/ މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކުރައްވައި، ވަޒީރު ޝިހާމް ވަނީ މި ބެލެނިވެރިންނަށް ހިތްވަރުދެއްވާފައެވެ.
އަދި، މޮމްސް އެއިޑުން ސަޕޯޓް ގްރޫޕްތައް ހިންގައިދިނުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ވެސް ވަޒީރުވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.