ޔުނިވާސަލް ފައުންޑޭޝަނުން 37 ސްކޮލާޝިޕުގެ ފުރުސަތު ހުޅުވާލައިފި

ޔުނިވާސަލް ފައުންޑޭޝަނުގެ ޚަރަދުގައި ފަސް ދާއިރާއަކުން 37 ސްކޮލަޝިޕުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިވާސަލް ފައުންޑޭޝަނަކީ ތައުލީމީ ދާއިރާއިން ދިވެހީން ބާރުވެރިކުރުވުމުގެ އަމާޒުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި އަހަރު ސްކޮލަޝިޕުގެ ފުރުސަތު އޮތް ދާއިރާތަކަކީ:

1. މެޑިކަލް ސްޕެޝަލައިޒޭޝަން: 3 ފުރުސަތު

ޕޯސްޓްގްރެޖުއޭޓް މެޑިކަލް ދަރިވަރުންނަށް ޚާއްސަ މި ސްކޮލަޝިޕަކީ، ދިވެހި ޑޮކްޓަރުން ވަކި ޚާއްސަ ދާއިރާތަކަކުން ސްޕެޝަލައިޒްވުމަށް ޓަކައި ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ތަމްރީނުވެގެން އައިސް، ރާއްޖޭގެ ސިއްޙީ ދާއިރާގައި ޚިދުމަތް ކުރާނެ ކަމަށް ޔުނިވާސަލުން އުންމީދު ކުރެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫންއެވެ.

2. ހެލްތުކެއާ މެނޭޖްމަންޓް: 2 ފުރުސަތު

މިއީ ކުރިމަގުގައި، ސިއްހީ ދާއިރާގެ ދިވެހި ލީޑަރުން އުފެއްދުމަށް ޓަކައި އަމާޒުކޮށްގެން ކުރިޔަށްގެންދާ މާސްޓާޒް ލެވެލްގެ ސްކޮލަޝިޕެކެވެ. ޔުނިވާސަލްއިން ބުނީ މި ސްކޮލަޝިޕުގެ އަމާޒަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ މެނޭޖްމަންޓާއި ލީޑަޝިޕްގެ ހުނަރުތައް ޕްރޮފެޝަނަލުންނަށް ދިނުން ކަމަށެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫންއެވެ.

މެލޭޝިޔާ، އިންޑޮނީޝިޔާ، ތައިލެންޑު، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިން ވެސް މި ޕްރޮގްރާމް ފުރިހަމަ ކުރެވިދާނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫންއެވެ.

3. އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ: 2 ފުރުސަތު

މިއީ ބެޗްލާސް ޑިގްރީ ލެވެލްގެ ސްކޮލަޝިޕު ފުރުސަތެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތުގެ މާހައުލުގެ ސިއްޙަތާއި ސަލާމަތްތެރިކަމުގެ މިންގަނޑުތައް ރަނގަޅުކުރުމަށް ގާބިލު، ސަލާމަތީ ޕްރޮފެޝަނަލުން އުފެއްދުމެވެ.

މެލޭޝިޔާ، އިންޑޮނީޝިޔާ، ތައިލެންޑު، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިން ވެސް މި ޕްރޮގްރާމް ފުރިހަމަ ކުރެވިދާނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫންއެވެ.

4. ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް: 10 ފުރުސަތު

ވިލާ ކޮލެޖާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމުގައި ތިއަރީ އާއި އަމަލީ ތަޖުރިބާގެ ބައިތައް ވެސް ހިމެނެއެވެ. މީގެ މަގުސަދަކީ ދިވެހި ކަލިނަރީ ޕްރޮފެޝަނަލުންގެ ދަތިކަން ހައްލުކުރުމެވެ. މި ޕްރޮގްރާމުގެ ބައިވެރިން ވިލާ ކޮލެޖުގައި ތިއަރީ ކްލާސްތައް ފުރިހަމަ ކުރުމަށްފަހު، ޔުނިވާސަލް ރިޒޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަކުރާނެއެވެ.

ޔުނިވާސަލްއިން ބުނީ ފުރަތަމަ ބެޗުގެ ދަރިވަރުން މި ޕްރޮގްރާމް ނިންމާލީ ދާދި ފަހުން ކަމަށެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެންބަރުގައެވެ.

5. ޑިސްކަވާ ހޮސްޕިޓާލިޓީ: 20 ފުރުސަތު

މިއީ ވެސް ވިލާ ކޮލެޖާއި ޔުނިވާސަލްގެ ރިޒޯޓުތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ވެސް ވިލާ ކޮލެޖުގައި ތިއަރީ ކްލާސްތައް ފުރިހަމަކޮށް، ޔުނިވާސަލް ރިޒޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫންއެވެ.

މި ސްކޮލަޝިޕުތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ.

ޔުނިވާސަލް ފައުންޑޭޝަނުން މިހާތަނަށް ރާއްޖޭން ބޭރުން 121އަށްވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ދީފައިވެއެވެ.

comment ކޮމެންޓް