މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޚަރަދުގައި ގާއިމުކޮށް، އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށް، އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެދުނެވެ. އެއީ، އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް، ސިޓީ ކައުންސިލުން މިނިސްޓްރީއާ ފެސިލިޓީ ހަވާލުކުރަން ނިންމީ އެތަނަށް ކުރި ޚަރަދު ހޯދާ ގޮތަށެވެ.
އޭގެފަހުން، މިދިޔަ ފެބްރުއަރީ މަހު 26ގައި މިނިސްޓްރީން ވަނީ ފެސިލިޓީއާ ހަވާލުވެ، 15 ބުޅާ ގެންގޮސްފައެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ފުލް އޮކިއުޕަންސީގައި ބުޅާ ފެސިލިޓީ ހިންގާއިރު، ދުވާލަކަށް ޚަރަދުވާނީ ކިހާ ވަރެއްތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ނޮން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

މާލޭގެ މަގުމަތީގައި ބުޅާތައް --- ސަންފޮޓޯ/ ފަޔާޒު މޫސާ
މިހާތަނަށް 30 ބުޅާ ފެސިލިޓީއަށް ގެންގޮސް ބަލަހައްޓަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެ، އޭގެ ދޮޅު މަސް ފަހުން އެ ފެސިލިޓީއަށް 30 ބުޅާ ގެންދިޔަ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ. ނަމަވެސް އޭގެ ފަހުން ފެސިލިޓީއަށް އިތުރު ބުޅަލެއް ނުގެންދެއެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ.
މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.
އެޑިޓަރުގެ ނޯޓު: މި ޚަބަރުގައި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ކުރިން ލިޔެވިފައިވަނީ މިނިސްޓަރު މަޖިލީހުގައި އެ ފަދައިން ދެންނެވުމުންނެވެ. އެކަމަކު، މިނިސްޓަރު ފަހުން ވަނީ އެ ކަމަށް މާފަށް އެދިވަޑައިގެން ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާކަމަށް ވިދާޅުވެފައެވެ. އެހެންވެ، ޚަބަރު އެ ވަނީ އިސްލާހުކުރެވިފައެވެ.